މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މަސްތުވާތަކެތި އަތުލައިގަތީ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. މުލަކު، މަދާރުގެ، ހަސަން މަފާޒު (26އ) އާއި މާލޭ، ފިލްމީސައިޓް، ވިޝާމް މުހައްމަދު (35އ) އެވެ.
މި މީހުން ހައްޔަރުކުރީ ކަސްޓަމްސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެތެރެކުރި މުދާތައް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުމުންނެވެ. ފުލުހުން ބުނީ މި ތަކެތި ރާއްޖެއަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތު މި ދެ މީހުންގެ މައްޗަށް ކުރެވޭ ކަމަށެވެ. މި އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިކަމުގައި އިތުރު ބަޔަކު ބައިވެރިވާކަން ނުވަތަ ނޫންކަން ބަލަމުންދާ ކަމަށް އޮފީހުން ބުންޏެވެ.
