އަންނަ ރޯދަ މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ގާއިމުކުރާ ވަގުތީ މާރުކޭޓުގައި ރާއްޖޭގެ ދަނޑުވެރިކަން ކުރާ 7 ރަށަކުން ބައިވެރިވެއްޖެއެވެ. އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން ބުނީ މި މާރުކޭޓުގައި "މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް" (އެމްގެޕް) ސެޓިފިކެޓް ލިބިފައިވާ 10 ދަނޑެއްގެ އުފެއްދުންތައް ވެސް ލިބެން ހުންނާނެ ކަމަށެވެ.

މި މާރުކޭޓު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ނޯތު ހާބަރުގައި ކުރިން ކެފޭއެއް ހިންގި ތަނުގައެވެ. މި މަހުގެ 17 ވަނަ ދުވަހު މި މާރުކޭޓު ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މި މާރުކޭޓަކީ ރޯދަ މަހު އާއްމުންނަށް ބޭނުންވާ ތަކެތި އަގުހެޔޮކޮށް އަދި ތާޒާކަމާއެކު ފޯރުކޮށްދިނުމަށް ހުޅުވާ ތަނެކެވެ.

މި މާރުކޭޓުގެ ހާއްސަ ސިފައަކީ އެތަނުގައި ވިއްކަން ހުންނާނީ ހަމައެކަނި ރާއްޖޭގެ ދަނޑުތަކުގައި އުފައްދާ ތަކެތި ކަމަށް ވުމެވެ. އަދި މި މާރުކޭޓުގައި ތަކެތި ވިއްކުމުގެ ހުރިހާ މަސައްކަތެއްގައި ހަރަކާތްތެރިވާނީ ހަމައެކަނި ދިވެހިންނެވެ. މީގެ ސަބަބުން ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ރަނގަޅު ބާޒާރެއް ލިބި، އާއްމުންނަށް އިތުބާރު ހުރި ދިވެހި އުފެއްދުންތައް ބައްލަވައިގަތުމަށް ފަސޭހަވެގެން ދާނެއެވެ.