ފަލަސްތީނަށް ނިސްބަތްވާ ލޯފަން ގައިދީއަކަށް އިސްރާއީލުގެ ޖަލެއްގައި މުއްދަތު ހަމަވެފައި ހުރި ބޭސް ދެމުން ދިޔަކަން ހާމަވެއްޖެއެވެ.
ކޮމިޓީ ފޯ ޑީޓެއިނީސް އެންޑް ފޯމަރ ޑީޓެއިނީސްއާއި ހަވާލާދީ ގުދުސް ގެ ރިޕޯޓުތައް ބުނީ އިސްރާއީލް ޕްރިޒަން ސާރވިސްއިން، ލޯފަން ގައިދީއެއް ކަމަށްވާ މުޙައްމަދު ބައްރާޝް އަށް މުއްދަތު ހަމަވެފައިހުރި ބޭހެއް ދީފައި ވާކަމަށެވެ.
ބައްރާޝްއަށް ދެމުން ގެންގޮސްފައިވަނީ މުއްދަތު ހަމަވެފައިހުރި "ކޮލެސްޓްރޯލް" ބޭހެކެވެ. މި މައްސަލަ އޭނާ ވަނީ ޖަލުގެ އިދާރީ މީހުންގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް އޭނާގެ ޝަކުވާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
އެ ކޮމެޓީން ނެރުނު ރިޕޯޓުގައި ވާގޮތުން ބައްރާޝްއަކީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ސިއްޙީ ހާލު ބޮޑު މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން މުއްދަތު ހަމަވެފައި ހުރި ބޭސްދިނުމުގެ ސަބަބުން އޭނާގެ ހާލަތު އިތުރަށް ގޯސްވެފައި ވާކަމަށް ބެލެވޭ ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.
ލޯފަން މީހަކަށް ވުމުގެ އިތުރުން، ބައްރާޝް އަކީ ހިތުގެ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހެކެވެ. އަދި އޭނާއަކީ ވާތު ފައި ބުރިވެސް ކޮށްލާފައިވާ މީހެކެވެ. އޭނާގެ ކަންފަތަށް އަޑު އިވުމުގައިވެސް ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އެ ރިޕޯޓުގައި ވެއެވެ. ނަމަވެސް އިސްރާއިލް ޕްރިޒަން ސާވިސް އިން އެއްވެސް ވަރަކަށް މިކަމާމެދު ސަމާލުކަން ދީފައެއްނުވެއެވެ.
އުމުރުން 45 އަހަރުގެ ބައްރާޝްއަކީ އަލްއަމްއަރީ ރެފިއުޖީ ކޭމްޕްގެ މީހެކެވެ. އިސްރާއީލްގެ ސިފައިން އޭނާ ހައްޔަރުކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ. އޭގެ ފަހުން ތިން ފަހަރެއްގެ މަތިން އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވެއެވެ.
