ކުދިންގެ އުޅުން ގޯސްވުމަކީ މުޅި އާއިލާއަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ. ނަމަވެސް ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ކުދިންގެ އުޅުން ގޯސްވުމުގެ ސަބަބުން މަންމައިންނަށް ވުރެ ބޮޑަށް ބައްޕައިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ސްޓްރެސްއާ ކުރިމަތިލާން ޖެހެއެވެ.
ކޮންކޯޑިއާ ޔުނިވާސިޓީން ކުރި ދިރާސާއަކުން ހާމަވި ގޮތުގައި، އުޅުން ގޯސް ކުދިން ބަލާ ބޮޑުކުރުމަކީ މައިންބަފައިންގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގެ ބާރު ދަށްކޮށްލާ ކަމެކެވެ. އަދި މީގެ ސަބަބުން ހިތުގެ ވިންދު ޖަހާ މިންވަރަށް ނުވަތަ ހާޓް ރޭޓް ވެރިއަބިލިޓީއަށް ބަދަލުތަކެއް އައިސް، މީހާ ވަރަށް ބޮޑަށް ސްޓްރެސް ކޮށްލައެވެ.
މި ދިރާސާއިން އެންމެ ފާހަގަކުރެވުނު އެއް ކަމަކީ، މިފަދަ ހާލަތްތަކުގައި ބައްޕައިންނަށް ކުރާ އަސަރު މާ ބޮޑު ކަމެވެ. ދަރިން ގޯސްކޮށް އުޅޭ ވަގުތުތަކުގައި މަންމައިންނާ އަޅާބަލާއިރު ބައްޕައިންގެ ސްޓްރެސް ލެވެލް މާ ބޮޑަށް މައްޗަށް ދާކަން ސައިންސްވެރިން ވަނީ ފާހަގަކޮށްފައެވެ.
ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ތަޖުރިބާކާރުން ބުނާ ގޮތުގައި، ދެމަފިރިންގެ ދެމެދުގައި މައްސަލަތައް ހުންނަ ނަމަ ބައްޕައިންނަށް އޮންނަ ހާސްކަން އިތުރަށް ބޮޑުވެއެވެ. އުނދަގޫ މިޒާޖެއް ހުންނަ ކުއްޖަކު ބެލެހެއްޓުމާއެކު ދެމަފިރިންގެ ދެމެދުގައި އޮންނަ ނުތަނަވަސްކަމުގެ ސަބަބުން ބައްޕައިންގެ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށް ތަޖުރިބާކާރުން ބުންޏެވެ.
މާ ބޮޑަށް ސްޓްރެސްވުމުގެ ސަބަބުން ބައްޕައިންނަށް އެކި ކަހަލަ ބަލިތަކާ ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެއެވެ. މީގެ އިތުރުން މިއީ ކުދިން ތަރުބިއްޔަތު ކުރުމުގައި ރަނގަޅު ނިންމުންތައް ނިންމުމަށް ވެސް ބައްޕައިންނަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.
މި ހޯދުންތަކުން ދައްކައިދެނީ އާއިލީ މައްސަލަތަކާއި ކުދިންގެ ކަންކަމުގައި ބައްޕައިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމެވެ. އަދި ކުދިން ބޮޑުކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެމަފިރިން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން މި ދިރާސާއިން ވަރަށް ރަނގަޅަށް ސާބިތުކޮށްދެއެވެ.
