އާއިލާއެއްގައި އެންމެ ފުރަތަމަ ހޯދާ ދަރިފުޅަށް މައިންބަފައިން ދޭ ސަމާލުކަމާއި، އޭގެ ފަހުން ހޯދާ ކުދިންނަށް ދޭ ސަމާލުކަން ތަފާތުވުމަކީ އާންމު ކަމެކެވެ. ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ގޭގައި ހަގަށް ތިބޭ ކުދިން ކިޔެވުމާ ދުރުވެ ފޯނާއި ޓީވީ ފަދަ ވަސީލަތްތަކަށް ދެވިހިފުމުގެ ފުރުސަތު ދޮށީ ކުދިންނަށް ވުރެ މާ ބޮޑެވެ.

މޮނާޝް ބިޒްނަސް ސްކޫލުން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ވަނީ އާއިލާތަކުގެ ކުދިން ފޯނާއި އެހެނިހެން ވަސީލަތްތައް ބޭނުންކުރާ މިންވަރު ބަލާފައެވެ. މި ހޯދުންތަކުން އެނގުނު ގޮތުގައި، ދެވަނަ އަށް ނުވަތަ ތިންވަނަ އަށް އުފަންވާ ކުދިން، އެންމެ ދޮށީ ކުއްޖާއާ އަޅާބަލާއިރު ދުވާލެއްގެ މައްޗަށް ސާދަ މިނެޓު އިތުރަށް މިފަދަ ތަކެތި ބޭނުންކުރެއެވެ.

މިގޮތަށް ކުޅުމަށާއި މުނިފޫހިފިލުވުމަށް ހުސްކުރާ ވަގުތު އިތުރުވުމުގެ ސަބަބުން، ހަގު ކުދިން ފޮތްކިޔުމާއި ފިލާވަޅު ހެދުން ފަދަ ތައުލީމީ ކަންކަމަށް ދޭ ވަގުތު ވަރަށް ބޮޑަށް މަދުވާކަން ދިރާސާ ކުރި ފަރާތްތަކުން ފާހަގަކުރެއެވެ. ދޮށީ ކުދިންނަށް ކިޔަވައިދޭން މައިންބަފައިން ގިނަ ވަގުތު ހޭދަކުރި ނަމަވެސް، ފަހުން ލިބޭ ކުދިން އަމިއްލައަށް ކުޅެން ނުވަތަ ވީޑިއޯ ބަލަން ދޫކޮށްލެވޭލެއް ގިނައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މިހެން ދިމާވާ އެންމެ ބޮޑު ސަބަބަކީ މައިންބަފައިންގެ އުޅުމަށް އަންނަ ބަދަލުތަކެވެ. ފުރަތަމަ ކުއްޖާ ލިބުމުން ހަރުދަނާ އުސޫލުތަކެއް ގެންގުޅުނު ނަމަވެސް، ދެވަނަ ނުވަތަ ތިންވަނަ ކުއްޖާ ލިބޭއިރު މައިންބަފައިން އުޅެންޖެހޭލެއް ބުރަވެ، ކުދިން މައިތިރި ކުރުމަށް ފޯނު ނުވަތަ ޓެބްލެޓް ދިނުން އާދަޔަކަށް ވަނީ ކަމަށް ތަޖުރިބާކާރުން ބުންޏެވެ.

ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ނަމަވެސް، ގޭތެރޭގައި ފޯނާއި އިންޓަނެޓު ބޭނުންކުރުމުގެ އުސޫލުތައް ހުރިހާ ކުދިންނަށް ވެސް ހަމަހަމަކޮށް ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ހަގަށް ތިބޭ ކުދިން ފޯނަށް ދެވިހިފުމުން ސަލާމަތްކޮށް، ކިޔެވުމަށް ބާރުއެޅުމަށް މައިންބަފައިންނަށް ކުރެވިދާނެ އެންމެ މުހިންމު އެއް މަސައްކަތެވެ.