އިލާއެއްގެ އުފާވެރިކަން ބިނާވެފައި އޮންނަނީ މައިންބަފައިންގެ ދުޅަހެޔޮކަމުގެ މައްޗަށެވެ. ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި މައިންބަފައިންނަށް ކުރިމަތިވާ ސްޓްރެސް އާއި ހާސްކަމުގެ ސަބަބުން ކުދިންގެ ސިކުނޑިއަށާއި އުޅުމަށް އޭގެ ވަރަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
މިކަމާ ގުޅޭގޮތުން ކޮންކޯޑިއާ ޔުނިވާސިޓީން ވަނީ ހާއްސަ ހޯދުންތަކެއް ހޯދާފައެވެ. ނަފްސާނީ އަދި ޖިސްމާނީ އިލްމާ ބެހޭ އިންޓަނޭޝަނަލް މަޖައްލާއެއް ކަމަށްވާ "އިންޓަނޭޝަނަލް ޖާނަލް އޮފް ސައިކޯފިޒިއޮލޮޖީ" ގައި އާންމުކޮށްފައިވާ މި ދިރާސާގެ ނަމަކީ "ކުދިންގެ އުޅުމުގެ މައްސަލަތަކާއި ދެމަފިރިންގެ ސްޓްރެސް ގުޅިފައިވާ މިންވަރު" އެވެ. މި ދިރާސާގައި ވަނީ މައިންބަފައިންގެ ހިތުގެ ވިންދަށް އަންނަ ބަދަލުތަކާއި ކުދިންގެ އުޅުމާ ހުރި ގުޅުން ވަރަށް ގާތުން ބަލާފައެވެ.
ދިރާސާއިން އެނގުނު ގޮތުގައި، ގޭތެރޭގައި މައިންބަފައިން މާ ބޮޑަށް ހާސްވެ، ކަންބޮޑުވެފައި ތިބޭ ނަމަ، އެ މީހުންގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގެ ބާރު ދަށްވެއެވެ. މީގެ ސަބަބުން ކުދިންނަށް ދެވޭ ވަގުތާއި އަޅާލުން ކުޑަވެ، ކުދިންގެ ކިބައިން ރުޅިގަދަވުމާއި ބަސްނޭހުން ފަދަ ކަންކަން ފެންނަން ފަށައެވެ.
މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ކޮންކޯޑިއާ ޔުނިވާސިޓީގެ ސައިކޮލޮޖީ ޑިޕާޓްމަންޓުގެ އިސް ދިރާސާވެރިޔާ ޑޮކްޓަރު މެކްނީލް ފާހަގަކުރި ގޮތުގައި، އާއިލާގެ އެކެއްގެ ސްޓްރެސް އަނެކާއަށް ވަރަށް ފަސޭހައިން ފޯރައެވެ. "މައިންބަފައިން ހާސްވެފައި ތިބޭ ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި އާއިލާއަށް ކުރޭ. ހާއްސަކޮށް ދެމަފިރިންގެ ދެމެދުގައި މައްސަލަތައް ހުންނަ ނަމަ، ކުދިންގެ އުޅުން އިތުރަށް ގޯސްވުމަށް މަގުފަހިވޭ،" ޑޮކްޓަރު މެކްނީލް ބުންޏެވެ.
ޑޮކްޓަރު މެކްނީލް އިތުރަށް ބުނި ގޮތުގައި މިކަމުގައި މަންމައިންނަށް ވުރެ ބޮޑަށް އަސަރު ކުރަނީ ބައްޕައިންނަށެވެ. ދެމަފިރިންގެ ދެމެދުގައި ހިޔާލުތަފާތުވުންތައް އުޅޭ ވަގުތުތަކުގައި ކުދިންގެ އުޅުން ގޯސްވުމުން، ބައްޕައިންގެ ސިއްހަތަށް އޭގެ ނުރައްކާ ބޮޑުވާކަން ދިރާސާއިން ވަނީ ސާބިތުވެފައެވެ.
އެހެންކަމުން، ކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށްޓަކައި މައިންބަފައިން އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށް އިސްކަންދިނުން މުހިންމެވެ. އާއިލީ ގުޅުން ބަދަހިކޮށް، ދިމާވާ ދަތިތަކާ ކުރިމަތިލުމުގައި ދެމަފިރިން ގުޅިގެން މަސައްކަތް ކުރުމަކީ ކުދިންގެ ކުރިމަގަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މި ދިރާސާގައި ލަފާދީފައިވެއެވެ.
