ރާއްޖޭގައި ކުޅިވަރުގެ ދާއިރާ ކުރިއަރުވައި ތަރައްގީކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކޮށް، އެ ކުންފުންޏަށް ހާއްސަ އެވޯޑެއް ދީފި އެވެ.

ސްޕޯޓްސް މިނިސްޓްރީން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބީއެމްއެލްއަށް މި ޝަރަފުވެރި އެވޯޑު ވަނީ އަރުވާފަ އެވެ. އެ ކުންފުނީގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

ބީއެމްއެލް އިން އަންނަނީ ރާއްޖޭގެ ގައުމީ ކުޅިވަރު އެކި ޖަމިއްޔާތަކާ ގުޅިގެން މުބާރާތްތައް ބޭއްވުމަށާއި ކުޅުންތެރިންގެ ހުނަރު އިތުރުކުރުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފުޓްބޯޅަ، ސްވިމިން، ޓެނިސް، ބާސްކެޓް އަދި ސާފިން އެސޯސިއޭޝަންތަކާ އެކު ދިގު މުއްދަތުގެ އެއްބަސްވުންތައް ހަދައި، އެހީތެރިކަން ދެމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.

ކުޅިވަރުގެ އުމްރާނީ ތަރައްގީއަށް ވެސް ބީއެމްއެލް އިން އިންވެސްޓު ކުރަމުން އަންނައިރު، ބާސްކެޓް ބޯޅަ އެރީނާއެއް ގާއިމްކުރުމަށް އެމްބީއޭއާ އެކު އެ ބޭންކުން ވަނީ އެއްބަސްވެފަ އެވެ. މީގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން އެ ބޭންކުން އަންނަނީ އެފްއޭއެމްއަށް ވެސް ބޮޑު އެހީތެރިކަމެއް ދެމުންނެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ބީއެމްއެލް ސްޕޯޓްސް ސްކޮލަޝިޕަކީ ވެސް ދިވެހި އެތުލީޓުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ސްކޮލަޝިޕްގެ ދަށުން މިހާތަނަށް ރާއްޖޭގެ އަށް އެތުލީޓަކަށް ބޭރު ގައުމުތަކުން މަތީ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.