ދިރާގު އައިސިކް ކާޑު ބޭނުންކުރާ ކުދިންނަށް އަމާޒުކޮށްގެން ޗައިނާގެ ޝަންހާއީ ޑިޒްނީލޭންޑަށް ދިއުމުގެ ފުރުސަތު ލިބޭ ހާއްސަ ރިފަރަލް ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ޝަންހާއީއަށް ދިއުމުގެ ދެކޮޅު ޓިކެޓު ލިބޭނެ އެވެ. އަދި އޭގެ އިތުރުން ފަސް ރޭގެ އެކޮމޮޑޭޝަނާއި ޑިޒްނީލޭންޑަށް ވަނުމުގެ ފުރުސަތު ވެސް މުޅިން ހިލޭ ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގު އަދި އައިސިކް ގުޅިގެން ދޫކުރާ ސްޓޫޑެންޓް ޑިސްކައުންޓް ކާޑަށް ރަޖިސްޓަރީވުމަށް ފަހު، އެހެން ކުދިންނަށް އެ ކާޑު ތައާރަފުކޮށްދީގެންނެވެ. އެގޮތުން އަލަށް ކާޑު ނަގާ ކުދިން ރަޖިސްޓަރީކުރާއިރު، އެ ކާޑު ތައާރަފުކޮށްދިން ފަރާތުގެ ފޯނު ނަންބަރު ރިފަރަލްގެ ގޮތުގައި ޖަހަން ޖެހޭނެ އެވެ.

ގިނަ ކުދިންނަށް އައިސިކް ކާޑު ތައާރަފުކޮށްދޭ ވަރަކަށް، ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގެ އިތުރުން މި މަހުގެ 28 ވަނަ ދުވަހު ދަރިވަރުންނަށް ހިލޭ ދިރާގު އައިސިކް ކާޑަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. މި ކާޑަށް ރަޖިސްޓަރީވުމުން، ދަރިވަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ލިބިގެންދާނެ އެވެ. މިއީ ކިޔަވާ ކުދިންނަށް ހެޔޮ އަގުގައި ތަފާތު ހިދުމަތްތައް ހޯދުމަށް ދިރާގުން ފަހިކޮށްދީފައިވާ ފުރުސަތެކެވެ.