ދިވެހި ބަހާއި އިނގިރޭސި ބަހުގެ ބަހުސެއް އެބަ ކުރެވެއެވެ. ދިވެއްސަކު ދިވެހިން ވާހަކަ ދައްކާ މަޖިލިހެއްގައި އިނގިރޭސި ބަސް ބޭނުން ކުރުމާއި އަދި އެބަހުން ވާހަކަ ދެެއްކުމަށް އެދުމާއި މިފަދަ ކަންކަމުގެ ސަބަބުން ތިލަވެގެން އުޅޭ ބަހުސެކެވެ. އާދޭހެވެ! މި ބަހުސްގައި އެކި މީހުން ތަފާތު ނަޒަރުތަކުން ދެކެމުން އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުން އެބަ ދެއެވެ. ނަމަވެސް މި ލިޔުމުގައި މި ބަހުސްގެ ތެރެއިން ފާޅުކުރަން މިއުޅޭ ޝުއޫރަކީ ސީދާ މި މަޢުލޫގެ ޝުއޫރެއް ނޫނެވެ. އެހެނަސް މިކަމާ ގުޅުން ހުރި ޝުއޫރެކެވެ. ދިވެހިން ދިވެހި ބަހަށް އަހުލުވެރި ކުރުމަށް ތަޢުލީމީ ނިޒާމުގެ ދައުރު ބޮޑު ކުރަންޖެހޭ ވާހަކައެވެ.

އާދޭހެވެ. ދިވެހިންގެ މާދަރީ ބަހަކީ ދިވެހި ބަހެވެ. ދިވެހިން އިނގިރޭސި ބަސް ބޭނުން ކުރަނީ ނުވަތަ ދެކެނީ ނުވަތަ ބޭނުން ކުރަން ޖެހޭނީ ނުވަތަ ދެކެން ޖެހޭނީ ދެވަނަ ބަހެއްގެ ގޮތުގައެވެ. ތަޢުލީމީ ނިޒާމުގައިވެސް މިކަން އޮތީ މިގޮތަށެވެ. ލިޔެވިފައެވެ. އަމަލުން މިކަން ނުފެންނަކަމީ ތަޢުލީމީ ނިޒާމުގައިވެސް ބަހާ އަމަލާ ދިމައިނުވާ ކަމެވެ. 

އިނގިރޭސި ބަހަކީ ދެވަނަ ބަސްކަމުގައި ދެކިގެން ތަޢުލީމު ހާސިލްކޮށްދޭ މި ރާއްޖޭގައި ދިވެހި ބަހުން ކިޔަވައި ދެނީ އެއްމެ ދެތިން މާއްދާއެކެވެ. ދެން މުޅިންވެސް އޮންނަނީ އިނގިރޭސި ބަހުންނެވެ. ދެވަނަ ބަހަކަށް އިނގިރޭސި ބަސް ދެކިގެން ފުރަތަމަ ބަހަކީ ތިމާމެންގެ މާދަރީ ބަސްކަމުގައިވާ ދިވެހި ބަސްކަމުގައި ހަދައިގެން ކަން ކުރާ އުސޫލަކީ މިއީއެވެ. ބައިނަލްއަގުވާމީ އިމްތިހާނުތަކުގައި ބައިވެރި ވެވޭނީ އޭރުން ކަމުގައި ވާތީއެވެ. ދިވެހި ބަހުން ކިޔަވައިދީ ދިވެހި ބަހުން ދިވެހިންނަށް ދެވޭ އިމްތިހާނުތަކަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އިމްތިހާނު ތަކަކަށް ނުހެދެންވީ ކީއްވެ ހެއްޔެވެ؟ އަހަރެމެން ދިވެހިންގެ ބިން ކުޑަވެފައި މީސްކޮޅު މަދުވީމަ ހެއްޔެވެ؟ ވެދާނެއެވެ.

ކަންއޮތީ މިހެން ކަމުގައި ވީނަމަވެސް ދިވެހިންގެ ތެރޭގައި ތަޢުލީމީ ގާބިލު އެތައް ބަޔަކު އެބަތިއްބެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ތަޢުލީމީ ބޭބޭފުޅުންނެވެ. މުޅި ދުނިޔެ ބަލައިގަންނަ ވަރުގަދަ ޝަހުސިއްޔަތުތައްވެސް އެހާމެ ގިނައެވެ. ވީ އިރު، އިސްވެ ދެންނެވި ފަދައިން އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާތަކުގެ ދިވެހި މަންހަޖެއް އުފަން ނުކުރެވޭނީ ހެއްޔެވެ؟ ދިވެހި އަކުރާ ފިލި ބޭނުންކޮށްގެން އެ މާއްދާތައް ކިޔަވައި ނުދެވޭނީ ހެއްޔެވެ؟ ދިވެހިބަހުން އެ މާއްދާތަކަށް ދެވޭ އިމްތިހާނުތައް ބައިނަލްއަގުވާމީ ނިންގަނޑަށް ފެތޭނެ ގޮތަކަށް ބައްޓަން ނުކުރެވެނީ ހެއްޔެވެ؟ ގައިމު ދުނިޔޭގެ އެހެން ބަސްބަހުން ދެވޭ އިމްތިހާނުތައް ބައިނަލްއަގުވާމީ މިންގަނޑަށް އެބަ ފެތެއެވެ. ވީއިރު މިއީ ދިވެހިންނަށް ނުވާނޭ ކަމެއް ނޫނެވެ.

ވާހާވެސް ގޮތަކީ ދިވެހިންގެ ކިބައިގައި އެކަމުގެ ޝައުގުވެރިކަން ނެތުމެވެ. ދިވެހި ބަހަށް އޮންނަ ލޯބި ކުޑަވުމެވެ. ކޮންމެ ގޮތެއް ވަރިހަމަ ވެގެން ތިބުމެވެ. އަމުދުން އެފަދަ ނިޒާމަކަށް ބަދަލު ކުރުމުވެ ޝައުގު ކުޑަކޮށްވެސް ނެތުމެވެ. އެހެން ވެދާނެއެވެ. މިހާރު މި އޮތް ގޮތަކަށްވެސް މިހިރަ ހުރެން ގައުމު ހިނގަނީތާއެވެ. ދެންވެސް ހަމަ އެހެން އެގޮތަށް ހުރެގެން ގައުމު ހިނގާނެތާއެވެ. ދެން މީ ކޮން ސަކަރާތެއް ހެއްޔެވެ؟ އާދޭހެވެ! ހުއްބުލް ވަޠަނޭ މިކިޔާ ގައުމީ ލޯބި އަހަރެމެންގެ ނެތެވެ. ކާބަފައިންނަށް ކުރާ އިހްތިރާމު ކުޑައީއެވެ. ބަހަށާއި ސަގާފަތަށް ހުންނަ ޝައުގުވެރިކަން ކުޑައީއެވެ. 

ކޮންމެއަކަށް މި ބަހުސްގައި އަޅުގަނޑުގެ ޝުއޫރަކީ، އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން ނަމަވެސް ދިވެހި ބަހުން ކިޔަވައިދެވޭނެ ވާހަކައެވެ. އަދި އެ މަގުން ކަން ކޮށްގެން އެ މަގުން ކަން ހިނގާނަމަ ދިވެހިންނަކީ މި ދުނިޔޭގައި މުޅިން މިނިވަންކަމާއެކު ފިޔަޖަހާ ބަޔަކަށް ވެދާނެއެވެ. ދިވެހި ބަހާ އިނގިރޭސި ބަހުގެ ބަހުސްގެ ތެރެއިން މިއީވެސް އަރިމަތީ ސުރުހީއެއްގެ ގޮތުގައި ބަހުސް ކުރެވިދާނެ ކަމެކެވެ.