ފެންކިޔެވުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެކެވެ. އެކިކަހަލަ ބަލިތަކަށް ފަރުވާ ހޯދުމުގައި ފެންތައްޓަކަށް ކިޔަވާ އެ ބައްޔެއް ވެފައިވާ މީހަކަށް އެ ފެންތަށި ބޯންދީ ހަދައެވެ. އެޒަމާނުގައި ފެންކިޔަވާނީ ވަކި ބައެކެވެ. އެބަޔަކު ދެކޭގޮތުގައި އަޅުވެރި ޒުހުދުވެރި މީހެކެވެ. އެ ކިޔަވާ ކިޔެވުމުގައި ކިޔަވަނީ ކޮންކޮން އެއްޗެއްކަމެއް އެޒަމާނުގައި، ފެން ނުކިޔަވާ މީހަކަށް ނޭނގޭނެއެވެ. ޖިސްމާނީ އެކި އެކި ބަލިތަކަށާއި ނަފްސާނީ އެކި އެކި ބަލިތަކަށްވެސް ފެންކިޔަވާ އުޅެއެވެ. އަދި މިއީ އޭގެ ހެޔޮ ނަތީޖާވެސް ފެންނަ ކަމެކެވެ.
ޒަމާން ބަދަލުވެ، ފެންކިޔެވުމަކީ މުސްކުޅި ބޯދާ، ތޯތޯ އަކަށް ވެއްޖެއެވެ. އެއީ ފަންޑިތަވެރިކަމެއް ކަމަކަށްވެސް ހަދައިފިއެވެ. އަދި އެއީ ކުރުން ހުއްދަ ނޫން ކަމެއް ކަމުގައިވެސް ބަޔަކު ދެކެން ފަށައިފިއެވެ. ދިވެހި ބައެއް ރަދީފުގައިވެސް ފެންކިޔެވުން އޮންނަނީ ފަންޑިތަވެރިކަމެއް ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް ފެންކިޔެވުމުގެ ހަގީގަތަށް ބަލާލަމާ ހިނގާށެވެ.
ފެންކިޔެވުމުގައި އިހުގައި ކިޔެވި ބަޔަކު ކިޔެވި ކިޔެވެއްޔެއް އަޅުގަނޑުމެނަކަށްވެސް ނޭނގެއެވެ. ނަމަވެސް ފެންކިޔެވުމުގައި ކިޔަވަނީ ޤުރުއާނުގެ އާޔަތްތަކެއް ކަމުގައި ވާނަމަ، އެކަމުގައި އެއްވެސް ގޯހެއް ނެތެވެ. އަދި އެއީ ކުރުންވެސް ރަނގަޅު ކަމެކެވެ. އެހެނީ ކީރިތި ޤުރުއާނަކީ އިންސާނުންގެ ހުރިހާ މައްސަލައެއްގެ ހައްލު ބަޔާންވެފައިވާ ފޮތެވެ. ޤުރުއާނަކީ އިންސާނުންނަށް ހުރި ރަޚުމަތެކެވެ. ޝިފާއެކެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ.
﴿82﴾ وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا
މާނައީ: "ތިމަންރަސްކަލާނގެ قرآن ން مؤمن ންނަށް رحمة އާއި، شفاء ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ قرآن ން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ." (އަލް އިސްރާ 82 ވަނަ އާޔަތް).
މި އާޔަތުން އެނގޭ ގޮތުގައި ޤުރުއާނުގެ އާޔަތްތަކުގައި މުއުމިނުންނަށް އޮތީ ރަޙުމަތެވެ. އެ އާޔަތްތަކުގައި އޮތީ ޝިފާ އެވެ. މިއީ އެކަކަށްވެސް ދެކޮޅު ހެދެން ނެތް ހަގީގަތެކެވެ. މިއީ ސީދާ ޤުރުއާނުގައި މާތް ﷲ ވަޙީ ކުރެއްވި އާޔަތެއްގެ ސާފު މާނައެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފެން ކިޔެވުމަކީ ސާބިތު ރުޤްޔާ އެކެވެ. ފެންކިޔެވުން ފަންޑިތައަކަށް ނުވަތަ ބޯދާ ކަމަކަށް ހަދާނަމަ ހަދަންވީ ފެންކިޔަވާއިރު ކިޔަވާ އެއްޗެއްގެ ގޮތުންނެވެ. ފެންކިޔަވާއިރު ޤުރުއާން ކިޔަވާނަމަ އެއީ ފަންޑިތައެއް، ތޯތޯ އެއް ނޫނެވެ. އެއީ ސާބިތު ރުޤްޔާ އެކެވެ. އެހެނީ ކީރިތި ޤުރުއާނުގައިވެސް މާތް ﷲ ވަޙީ ކުރައްވާފައިވާ ފަދައިން ޤުރުއާނަކީ ޝިފާއެކެވެ.
ރިވާޤް އަލް ޤުރުއާން މަޖައްލާގައި 2024 ވަނަ އަހަރު މާރިޗް މަހު 23 ގައި ޝާއިރުކޮށްފައިވާ ދިރާސާ ލިޔުމެއްގައި ފާހަގަ ކުރާ ގޮތުން، ފެންތަށްޓަކަށް ޤުރުއާން ކިޔެވުމުން، އެ ފެނުގެ މޮލިކިއުލްތަކަށް ބަދަލުތަކެއް އާދެއެވެ. މީގެ އިތުރުން ޖާނަލް އޮފް ތިކްރީތް ޔުނިވަސިޓީގައި 2022ވަނަ އަހަރު، ޕްރޮފެސަރ ޙާލިދް މުސްޠަފާ މުޙައްމަދު، ލިޔެ ޝާއިއުކޮށްފައިވާ ދިރާސާ ލިޔުމެއްގައި ވެސް ވަނީ މިފަދައިން ފާހަގަކޮށްފައެވެ. އެ ލިޔުމުގައި ބުނާގޮތުން އިސްލާމްދީނުގައި ކެއުމާއި ބުއިމުގެ ކުރިން ބިސްމި ކިޔުމަށް އަންގަވާފައި ވަނީވެސް ޙިކުމަތަކަށްޓަކައެވެ. އެ ބިސްމިނުގެ ބަރަކާތުން އެ ކެވޭ އެއްޗަކާއި ބޮވޭ އެއްޗަކުން މުއުމިނަކަށް ލިބޭ ގެއްލުމެއް ނޯވެދާނެއެވެ. ނުވަތަ ކުޑަވެދާނެއެވެ. ޤުރުއާނަކީ ރަޙުމަތެއް އަދި ޝިފާއެއް ކަމުގައި ވީއިރު، އެ ޤުރުއާނުގެ އާޔަތްތަކުން، އިންސާނާއަށް ފަރުވާ ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟
ފެނަކީ މާތް ﷲ އުފެއްދެވި މަޚުލޫޤެކެވެ. އެކަލާންގެ އުފެއްދެވި ކޮންމެ މަޚުލޫޤެއްވެސް ﷲ ވަނީ ކިޔަމަންކުރައްވާފައެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޚީ ކުރައްވާފައި ވެއެވެ.
﴿32﴾ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ ۖ وَسَخَّرَ لَكُمُ الْفُلْكَ لِتَجْرِيَ فِي الْبَحْرِ بِأَمْرِهِ ۖ وَسَخَّرَ لَكُمُ الْأَنْهَارَ
މާނައީ: "اللَّه އީ، އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އުޑުން ވާރޭ ވެއްސެވިއެވެ. ފަހެ، އެ ފެނުގެ ސަބަބުން ތިޔަބައިމީހުންނަށް رزق އެއް ކަމުގައި މޭވާތައް ނެރުއްވިއެވެ. އަދި އެކަލާނގެ إذن ފުޅާއެކު، އެ ތަކެތި ކަނޑުގައި ދަތުރުކުރުމަށް ތިޔަބައިމީހުންނަށްޓަކައި ނާފަހަރު خدمة ތެރި ކުރެއްވިއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ކޯރުތައް خدمة ތެރިކުރެއްވިއެވެ." (އިބްރާހީމް 32 ވަނަ އާޔަތް).
﴿54﴾ إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ
މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّه އެވެ. އެއަށްފަހު، އެކަލާނގެ عرش ގެ މައްޗަށް استواء ވެ ވޮޑިގެންވިއެވެ. އަދި އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް، އެކަލާނގެ أمر ފުޅަށް ކިޔަމަން ކުރައްވާފައިވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ހެއްދެވުމާއި أمر ކުރެއްވުންވަނީ، އެކަލާނގެއަށް خاص ވެގެންނެވެ. عالم ތަކުގެ ވެރި اللَّه މަތިވެރިވެ ވޮޑިގެންފިއެވެ." (އަލް ޢަޢްރާފް 54 ވަނަ އާޔަތް).
މި ދެއާޔަތުން އެނގޭ ގޮތުގައި ފެނަކީ ﷲ ބާވައިވެއްލި އެއްޗެކެވެ. އަދި ހެއްދުވާއި އަމުރު ކުރެއްވުން ވަނީ ހަމައެކަނި ﷲ އަށެވެ. އެހެންކަމުގައި ވަނީނަމަ، ﷲ ހެއްވެދި މަޚުލޫޤަކަށް، އެކަލާންގެ ޝިފާއެއް ކަމުގައި ބާވާލެއްވި ޤުރުއާނުން އަސަރެއް ނުކުރަންވީ ސަބަބެއް އެބަ އޮތް ހެއްޔެވެ؟
އިސްވެ ދެންނެވުނު ދެ ދިރާސާގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި ފެނުގެ މޮލިކިއުލްތަކަކީ އަބަދުމެ ތެޅި ތެޅި ހުންނަ އެއްޗެކެވެ. އަދި އެއީ އެ ފެނުގެ ވަށައިގެންވާ ސަރަހައްދުގެ އެކި އަޑުތަކުގެ ފްރެކުއަންސީތަކަށް ބިނާކޮށް ބަދަލު އަންނަ މޮލިކިއުލް ތަކެކެވެ. އެހެންކަމުން ޤުރުއާނުގެ އަޑުން އެ ފެނުގެ މޮލިކިއުލްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަކަމީ ސައިންޓިފިކް ދިރާސާތަކުން އެނގޭ ކަމެކެވެ. ނަމަވެސް ނޭނގެނީ އެ މޮލިކުއުލްތަކަށް އަންނަ ރޫޙާނީ ބަދަލު ތަކެވެ. މާތް ﷲ ވާޙީ ކުރައްވާފައި ވެއެވެ.
﴿18﴾ أَلَمْ تَرَ أَنَّ اللَّهَ يَسْجُدُ لَهُ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ وَالشَّمْسُ وَالْقَمَرُ وَالنُّجُومُ وَالْجِبَالُ وَالشَّجَرُ وَالدَّوَابُّ وَكَثِيرٌ مِّنَ النَّاسِ ۩
މާނައީ: "އުޑުތަކާއި، ބިމުގައިވާހާ ބަޔަކާއި، އިރާއި، ހަނދާއި، ތަރިތަކާއި، ފަރުބަދަތަކާއި، ގަސްގަހާގެއްސާއި، ޖަނަވާރުތަކާއި، މީސްތަކުންކުރެ ގިނަބަޔަކު، اللَّه އަށް سجدة ކުރާކަން ތިބާ ނުދަންނަމު ހެއްޔެވެ؟" (އަލް ޙައްޖު 18 ވަނަ އާޔަތް).
މި އާޔަތުން އެނގޭ ގޮތުގައި މާތް ﷲ އުފެއްދެވި މާޚުލޫޤުން އެކަލާންގެއަށް ސަޖިދަ ކުރެއެވެ. ވީއިރު، އެކަލާންގެ އުފެއްދެވި މަޚުލޫޤަކަށް އެކަލާންގެ އާޔަތްތަކުގެ އަޑު އިވުމުން ބަދަލުތަކެއް އަތުވެދާނެ ނޫން ހެއްޔެވެ؟ އިސްވެ ބާޔަން ކުރެވުނު ދިރާސާތަކުގައި ފެން ކިޔެވުމުން ފެނަށް އަންނަ ރޫޙާނީ ބަދަލުތަކަކީ މިފަދައިން އަތުވެދާނެ ބަދަލުތަކެއް ކަމުގައި ފާހަކޮށްފައި ވެއެވެ.
ކޮންމެއަކަސް އެނގޭ ކަމަކީ ފެނުގެ މޮލިކިއުލްތަކަށް ބަދަލުތަކެއް އަންނަ ކަމެވެ. ރޫޙާނީ ބަދަލު ތަކަކީ ސައިންޓިފިކް ގޮތުން ސާބިތު ނުކުރެވިދާނެ ކަންކަމެވެ. ނަމަވެސް އަހަރެމެންގެ އަޤީދާގެ ހަމައިން މިފަދަ ބަދަލުތަައް އަތުވެދާނެ ކަމަށް އަހަރުމެން ޤަބޫލު ކުރަމުއެވެ. އެހެނީ މާތް ﷲ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ. އަދި ޤުރުއާނަކީ ރަޙުމަތެއް އަދި ޝިފާ އެކެވެ. ފެނަކީ ނިޢުމަތެއް އަދި ﷲ ގެ މަޚުލޫޤެކެވެ.
ހަވާލާ:
. ރިވާޤް އަލް ޤުރުއާން (2024)
. ޕްރޮފެސަރ ޙާލިދް މުސްޠަފާ މުޙައްމަދު (2022). -ޖާނަލް އޮފް ތިކްރީތް ޔުނިވަސިޓީ-
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން