މިނިކާރާއްޖެއަކީ ދިވެހިންގެ ތެރޭގައި އައު ނަމެއް ނޫނެވެ. އެ ރާއްޖެއަކަށް ނިސްބަތްކޮށް އެތައް ވާހަކަ ތަކަކާއި ޅެންތަކަކާއި ލަވަތަކެއް ދިވެހިންގެ ތެރޭގައި ހަދާ، ކިޔާ އުޅުނެވެ. ނަމެއްގެ ގޮތުން މިނިކާރާއްޖެ ދިވެހިންނަށް އައު ނަމަކަށް ނުވި ނަމަވެސް، އެއީ ކޮން ރާއްޖެއެއްގެ ގިނަ ދިވެހިންނަކަށް ނޭނގެއެވެ.
މަޝްހޫރު ލިޔުންތެރިޔާ އަދި ތާރީޚު ދިރާސާކުރާ ބޭފުޅެއް ކަމުގައިވާ އިމާދް ލަތީފް ވިދާޅުވާ ގޮތުގައި މިނިކާރާއްޖެއޭ ދިވެހިން ކިޔަނީ ބަންގާޅު ކަނޑުގައިވާ އެންޑަމަން އާއި ނިކޮބާރުގެ ޖަޒީރާތަކަށެވެ. މިއީ ވަރަށް ކުރީއްސުރެ ދިވެހިން އެރަށްތަކަށް ކިޔާ ނަމެވެ. ބެހިގެން އެރަށްތަކަށް ދެވުން ގިނައެވެ. އިހުޒަމާނުގައި ބަންގާޅުގެ ސެޓިގަމާއި ދިވެހިރާއްޖެއާ ދެމެދު އޮޑިފަހަރުން ދަތުރުކުރިއިރުއެވެ. ސެޓިގަމަކީ މިހާރުގެ ޗިޓަގޮންއެވެ.
އަންޑަމަން އާއި ނިކޮބާރުގެ ރަށްތަކަށް އަންޒަމާނުކަރައޭ ނުވަތަ ނައްކަވާރޭ ވެސް ކިޔާ އުޅުނެވެ. އަންޒަމާނުގެ ޖަޒީރާތަކުގެ ތެރެއިން މިނިކާ މީހުން އުޅުނު އޮތީ އެންމެ ރަށެކެވެ. އެއީ ނޯތު ސެންޓިނެލް އައިލެންޑެވެ. އެނޫން ރަށެއްގައި މިނިކާ ބަޔަކު އުޅުނު ކަމެއް އެނގޭކަށް ނެތެވެ. މިހާރުވެސް އެކަންއޮތީ އެހެންނެވެ.
ތާރީޚު ދިރާސާކުރައްވާ އިމާދް ލަތީފް ވިދާޅުވާ ގޮތުގައި މުޅި އެހިސާބަށް، ހުރިހާ ރަށްތަކަށް މިނިކާރާއްޖެއޭ ކިޔައި ނަންދިނީ ގަބޫލުކުރެވޭގޮތުން ނޯތު ސެންޓިނެލް އައިލެންޑާއި އެރަށުގައި އުޅޭ މިނިކާ ގަބީލާއަށް ނިސްބަތްކޮށްފައެވެ.
މިއަދު އެރަށަކީ ބޭރުން އެއްވެސް ބަޔަކު އެރުން މަނާކޮށްފައިވާ ރަށެކެވެ. އެރަށުގައި އުޅޭ ބަޔަކީ އެއްވެސް ގާނޫނަކަށް އުސޫލަކަށް ތަބާވުން ލާޒިމު ބައެއް ނޫނެވެ. އެމީހުން ވާހަކަ ދައްކާ ބަހެއްވެސް، ތަބާވާ ދީނެއްވެސް އެހެންބަޔަކަށް އެނގިގެނެއް ނުވެއެވެ. މިއީ ޒަމާނުގެ ފަންނިޔާތެއް އުމްރާނީ ތަރައްގީއެއް ތަހުޒީބެއް އެދޭ ބައެއް ނޫނެވެ. މުޅި ދުނިޔެއާއި މިރަށުގެ މީހުންނާ އެއްވެސް ގުޅުމެއް ނުވެއެވެ. ހުސްގަޔާ އުޅޭ، ހަމައެކަނި ލަދުވެތި ގުނަވަން ފޮރުވާލައިގެން ދިރިއުޅޭ ކަޅު ނަސްލުގެ މި ގަބީލާގެ މީހުން މިހާރުވެސް މިނި މަސް ކައި އުޅޭކަމަށް ބައެއް ލިޔުންތަކުގައި އެބަ ހުއްޓެވެ. ނަމަވެސް އިންޑިޔާ ސަރުކާރުން ވަނީ ނުވަތަ އެ ރަށުގެ މީހުންނަކީ މިހާރު މިނިކާބައެއް ނޫންކަމުގައި ބުނެފައެވެ. ނަމަވެސް ތާރީޚީ އެކި ލިޔުންތަކުގައި އިހުގައި އެ ހިސާބުން ދަތުރުކޮށް އުޅުނު އެތައް އޮޑިއެއްގެ ބަޔަކު، ކަނޑު ފޭރި ހައްޔަރުކޮށް މަރާ ކައި އުޅުނު ކަމަށް ލިޔެފައި އެބަ ހުއްޓެވެ. އަދި އެރަށު ފަރަށް އުރޭ އޮޑި ފަހަރުގެ މީހުން ހައްޔަރުކޮށް އެމީހުންގެ މަސް ކައި އުޅުނު ކަމަށްވެސް ލިޔެފައި އެބަ ހުއްޓެވެ.
ކޮންމެ ކޮންމެ މީހަކަށް އެ ރަށަށް ފައިބާ ނުހެދުނެއް ކަމަކު، އެބައިމީހުންގެ އުޅުމާ ގުޅުން ދަންނަ މަދު ބައެއްގެ އެހީތެރިކަމާ އެކު 1991ވަނަ އަހަރު އެރަށް ބޯހިމެނިއިރު، އެރަށުގެ އާބާދީ އަކީ 117 މީހުންނެވެ. ހަމަ އެފަދަ ބައެއްގެ އެހީތެރިކަމާއެކު 2011ވަނަ އަހަރުވެސް ވަނީ ބޯހިމަނާފަައެވެ. އެފަހަރު އެނގުނު ގޮތުގައި އެރަށުގެ އާބާދީގައި ތިބީ 20 ނުވަތަ 15 މީހުންނެވެ. ނަމަވެސް މި އަދަދު ތަކާއި މެދު ބޯހިމެނި މީހުންވެސް ސުވާލުއުފައްދާކަމަށް ލިޔުންތެރިޔާ ސަންޖީތާ ވަނީ ފާހަގަކޮށްފައެވެ. އަދި އެ އާބާދީ އެއްކޮށް މިއަދު ނެތިގޮސްފައި އޮވެދާނެ ކަމަށްވެސް ބައެއް ލިޔުންތަކުގައި ލިޔެފައި އެބަހުއްޓެވެ.
ނޯތް ސެންޓިނެލް އައިލެންޑުގައި އުޅޭ ކަމަށް ބުނާ މިނިކާ ބަޔަކު، އެރަށަށް އެކި ކަންކަމު ގޮސް އުޅޭ މީހުންނަކަށް ނުފެނެއެވެ. މިގޮތަށް ގޮސް އުޅެނީ ވެސް ވަރަށް މަދު ބައެކެވެ. ވަރަށް މަދު ފަހަރަކުއެވެ. ބުނެވޭ ގޮތުގައި އަންޒަމާނުކަރަ އާއި ނައްކަވާރުގެ ރަށްތަކުގެ މީހުން މަސްވެރިކަމަށް ނުކުމެ އުޅޭ އިރުވެސް މި ރަށާ މާގާތަށް ގޮސް ނުހަދައެވެ. ސަބަބަކަށް ވަނީ މި ގަބީލާގެ މީހުންގެ ޝިކާރައަކަށް ވެދާނެތީއެވެ. މިދެންނެވިހެން މަދު މަދުންނަމަވެސް އެފަށަށް ފައިބާ އުޅޭ އެއްވެސް ބަޔަކަށް އެބައިމީހުން ފެންނަށް ނެތެއް ކަމަކު، އިންސާނުންތަކެއް ދިރިއުޅޭ ކަމުގެ އެކި އެކި ހެކި ފެންނަން ހުރެއެވެ.
ކޮންމެއަކަސް މިނިކާރާއްޖެ އޭ ދިވެހިން މި ކިޔަނީ ހަގީގަތުގަވެސް މިނިކާ ބަޔަކު އުޅުނު ރަށަކަށެވެ. ނުވަތަ ސަރަހައްދަކަށެވެ. އެއީ އިހު ދިވެހިންގެ ދަތުރުފަތުރުގައި ކޮންމެވެސް ވަރަކަށް ގޮސް އުޅުނު ސަރަހައްދެކެވެ. އަދި ދިވެހިރާއްޖެއަކީ އެޒަމާނުގައި ކަނޑުދަތުރުފަތުރު ކުރުމުގެ މައި އެއް ބަނދަރު ކަމުގައިވީއިރު، އެފަދަ މިނިކާ ބަޔަކު އުޅޭ ރަށެއްގެ ވާހަކަ، ދަތުރުވެެރި ސައްޔާޙުން ދާނީ ދިވެހިންނަށް ކިޔައިދެމުންތާއެވެ. މިނިކާރާއްޖެއަކީ މަލިކު ނުވަތަ މިނިކޯއީ ކަމަށް ބައެއް ބޭފުޅުންނަށް ހީވެފައި އޮތުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. މިނިކާރާއްޖެ ނިސްބަތްކުރެވެނީ އަންޒަމާނާއި ނައްކާވަރަށެވެ. ނުވަތަ އަންޒަމާނުގެ ރަށެއް ކަމުގައިވާ ނޯތް ސެންޓިނެލް އައިލެންޑަށެވެ.
ހަވާލާ:
. ސަންޖީތާ ނައިރް، 2023، "ނޯތް ސެންޓިނެލް އައިލެންޑްސް ވައި އިޓް އިސް އައިސޮލޭޓެޑް"، ޖަގްރަން ޖޯޝް
. ކިއޯނާ. ނ. ސްމިތް، 2018، "އެވްރިތިން ވީ ނޯ އެބައުޓް އައިސޮލޭޓެޑް ސެންޓިނެލް އައިލެންޑް"، ފޯރބްސް
. އިމާދް ލަތީފް، 2024، ފޭސްބުކް ޕޯސްޓް
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން