ދިވެހި މުޖުތަމައުތަކުން އަބަދުވެސް ފަރަންޖީންގެ އާޖުފާޖުތައް ފެނެއެވެ. ދިވެހިންގެ އަސްލު އިސްލާމީ އުސޫލުތަކާ ބީރައްޓެހި ކިތަންމެ ކަމެއް ފެނެއެވެ. މިފަދަ މަންޒަރުތަކުން ހީވާ ކަލަހައެވެ. ދިވެހިންނަށް އިސްލާމްދީން ވެފައި މި ވަނީ ބޮޑު ބުރަ އަކަށް އަދި ތަކުލީފަކަށެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟ މި މާތް ދީނަށްވުރެ ފުރިހަމަ ދީނެއް ވަކި ކޮބައިހެއްޔެވެ؟ އަދި ކިއެއް ﷲ ގެ ހަޟްރަތުގައި ދީނަކީ ހަމަ އެކަނި އިސްލާމް ދީނެވެ.

ކަން އޮތީ މިހެން ކަމުގައި ވީނަމަވެސް އިސްލާމް ދީނާއި ދުރު އެތައް އާދަކާދައެއް ދިވެހިން މިއަދު މި ދަނީ ދަސްކޮށް މި ފަސްގަނޑުގައި އާދަ ކުރަމުންނެވެ. މިފަދަ ވާހަކަތައް ނޫސް މަޖައްލާތަކުގައި އަމުދުން ލިޔެފައި ނުހުންނަ ކަމީ ހިތާމަ ހުރި ކަމެކެވެ. އުޅުމެއްގެ ގޮތުން މާ ތާހިރު އުޅުމެއް ކަމަށް ދެކި، ހުޅަނގުގެ ފާސިދު ބައެއް އާދަތައް އަހަރެމެން ނަކަލު ކުރާ ކަމީ ހިތި ނަމަވެސް ހަގީގަތެކެވެ.

މިފަދައިން ދިވެހިންގެ ތެރޭގައި މިއަދު އާއްމުވެފައިވާ އެއް ނުބައި އާދަ އަކީ ހިލޭ އަންހެނުން ފިރިހެނުންނާއި އެކު އެކަހެރިވުމާއި އެތަންމިތަނުގައި ގައިގޯޅިވެ އުޅުމުގެ އާދައެވެ. ނަމުގައި ދެ ލޯބިވެރިންނެވެ. މަގުމަތީ ބަހުންނަމަ ބިޓުންނެވެ. ލޯބީގެ ގޮތުން ގުޅިގެންނޭ ބުނެ، ކައިވެނިން ބޭރުގައި އެކަކު އަނެކަކުގެ ގައިގާ އަތްލާ ގައިގޯޅިވެ، ގައިގޯޅި މަންޒަރުތައް މީސް މީޑިޔާއަށް ދޫކޮށްލަނީ ކޮންމެވެސް މޮޅު "ކެޕްޝަން" އެއް ޖަހާލާފައެވެ. އަނދިރި މަގުތަކާ ފަޅު ގެވަޅު ތަކާއި މަގުކޮޅުތަކުން ފެށިގެން އާއްމުން އެއްވެ އުޅޭ ތަންތަނާއި މަގުތަކާއި ގެވަޅު ތެރެއާއި ގޭގޭގެ ސިޓިންރޫމުތަކާއި ކޮޓަރިތަކުގެ ތެރެއަށްވެސް މި ނުބައި "މޮހޮރު" މި ވަނީ ވަދެފައެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭނަމަ ކައިވެނި ނުކުރިޔަސް އެއީ އިނދެގެން އުޅޭ ދެމީހުންނޭ ހީވާހާ ގާތްކޮށް އުޅުނަސް މިއަދު އެކަމާ ކަންބޮޑުވާ ދިވެއްސަކު ނޫޅެއެވެ. މުޅި ރާއްޖޭގެ އެތަން މިތަނުން ފެންނަނީ އެ ނުބައި އާދައެވެ.

މިކަންކަން މިހެން ހުރުމާއިއެކު، ހައިރާންވެ އަންތަރީސްވާން ޖެހޭ އަނެއް ކަމަކީ، ދަރިން މިފާޑަށް އުޅޭ އިރު، މައިންބަފައިން މާ "ފަން" ވެފައި އެކަމަށް ތަރުހީބުދޭ ކަމެވެ. މައިންބަފައިން އެކަންކަމަށް ހިތްވަރު ދޭ ކަމެވެ. ގެވަޅު ތެރެއާއި ސިޓިންރޫމުތްކާއި ކޮޓަރިތައް އެ ނުބައި "މޮހޮރު" ޖަހަން ތައްޔާރުކޮށް ތިމާމެންގެ އަމިއްލަ ދަރިން އެ ނުބައި މަގުން ހިނގުމަށް މަގުކޮށާ ދައްކާކަމެވެ. ހެޔޮވާނީ ކޮންފަދައަކުން ހެއްޔެވެ؟

އެއީ އާދައިގެ ކަމެކޭ ހިތާ އަހަރެމެން ފަރުވާކުޑަކުރާ މި ނުބައި އާދަ، މައިތިރި ނުވާވަރަށް މިއަދު އަހަރެމެންގެ ތެރޭގައި މި ވަނީ ފެތުރިފައެވެ. އެފާޑަށް އުޅޭ ކުއްޖަކާ ނުވަތަ މީހަކާ ދިމާލަށް އެއްޗެއް ބުނާމީހާއީ ހަރުކަށި މީހެކެވެ. މި ނުބައި އާދަ އާދައަކަށް ހަދައިގެން އުޅޭ މީހުންގެ ދިފާއުގައި އެއްމެ ފުރަތަމަ ނުކުމެ އަޑުބާރުކޮށް އަޑުގަދަ ކުރާ އެއް ބަޔަކީ އެ މީހުންގެ މައިންބަފައިންނެވެ. މިއީ ހަމަ ހަގީގަތެވެ! ނަމަވެސް މިވާހަކަ ދައްކާ އުޅޭ މީހަކު މަދެވެ! އަމުދުން ނޫސް މަޖައްލާތަކުގައި މިވާހަކަ ޖަހާކަށް ނުވެސް ކެރެއެވެ. މިއީ ދެން އަހަރެމެން ގަބޫލުކުރަން ޖެހޭ އާދައެކޯލައެވެ!

އާދައަކަށް މިކަން ބަޔަކު ހެދިޔަސް، މިއީ މުޑުދާރު ކަމެކެވެ. މިއީ ނަޖިސްކަން ބޮޑު މުޑުދާރު އަމަލެކެވެ. ތަކުރާރުކޮށް ބުނަމެވެ. މިއީ މުޑުދާރު ނަޖިސް އަމަލެކެވެ. މައިންބަފައިން "ފަން" ވެފައި ތަރުހީބު ދިނަސް މި މުޑުދާރު އަމަލު، "ފަން" އެއް ނުވާނެއެވެ. ދުނިޔެމަތީ "ފަން" ވިޔަސް، އާހިރުގައި އޮތީ ވޭނާ އަޒާބެވެ! މިކަން ވެސް ނޭނގެނީކީ ނޫނެވެ. އެނގުނަސް ބިރުވެތިކަމެއް ނުހުންނަނީ އެވެ. އީމާން ތެރިކަމެއް ނުހުންނަނީއެވެ. ކަލަކު ވޮޑިގެންވާކަން ހަނދާން ނެތެނީއެވެ. އެހެންޏާފަހެ، މިއީ ދެން ކޮން ކަމެއް ހެއްޔެވެ؟

އާނއެކެވެ! އަދުގެ ޒުވާނުން ބިޓުންގޮވައިގެން އެތަން މިތަނުގައެވެ. މައިންބަފައިންވެސް "ފަން" ވެފައި އެކަމަށް ތަރުހީބު ދެނީއެވެ. މިއީ ހަގީގަތެވެ. ކުރެވެނީ ކިހާވަރެއްގެ ފާފައެއްކަން ދެނަހުރި މީހަކު އެބަހުރިހެއްޔެވެ؟ ދިވެހި މުޖުތަމައުން މި ނުބައި އާދަ ފިލުވާލާ ބަދަލުކުރުން އެއީ ހަމަ ކޮންމެ ދިވެއްސެއްގެ ދީނީ ވާޖިބެކެވެ. އެކަން ވުން އޮތީ އީމާންތެރިކަން ހަރުދަނާކޮށްގެންނެވެ. ކަލަކު ވޮޑިގެންވާކަން ހަނދާން ކޮށްގެންނެވެ. އެ އިލާހަށް ބިރުވެތިވެގެންނެވެ. ހިލޭ އަންހެނުންނާއި ފިރިހެނުން މިފާޑަށް މަސްހުނިވެ، އެކަހެރިވެ ފާހިޝް އަމަލުތަކަށް މުޖުތަމައުގައި ޖާގަ އޮންނަ ނަމަ މިއީ ބިރުވެރި ކަމެކެވެ. ﷲ ގެ ކޯފާއެއް އެ ބަޔަކަށް އާއްމުވެދާނެ ކަމެކެވެ. ރުހުމުގައި ކުރެވޭ ޒިނޭއަށް ރުހެވޭނެ ހަމަ އެއް ގޮތެއްވެސް ނޯންނާނެއެވެ. ރުހުމުގައި ވިޔަސް ނުރުހުމުގައި ވިޔަސް، ޒިނޭ ވާނީ ހަމަ ޒިނޭ އަށެވެ!