ކުޑަކުދިން ފޯނުތަކާއި ޓެބްލެޓުތަކާއި ލެޕްޓޮޕް، ކޮމްޕިއުޓަރުފަދަ ވަސީލަތްތަކާ ދުރުކުރަން އަބަދުމެ ނަސޭހަތްތެރިވާ އަޑު އަހަމެވެ. ފަންނިއްޔާތުގެ މިފަދަ ބައެއް އާލާތްތަކުގެ ސަބަބުން އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރާކަމީ ހަމަ އެންމެން ދަންނަ ބޮޑު ހަގީގަތެކެވެ. ސިއްހީ ދާއިރާގެ އެހީދާރުންނާއި ތައުލީމީ ދާއިރާގެ މަދަދުގާރުންގެ އިރުޝާދާ ލަފައަކީ އެކުދިން މިފަދަ ސްކްރީނުތަކާ ދުރުކޮށް ގެންގުޅުމެވެ. އާނއެކެވެ! ކަންހިނގާ މަގީ ހަމަ މިއީއެވެ!
މާތުރަ މިކަންކަން މިމަގުން ހިނގިއެއް ކަމަކު، މިކަންކަމުގައި އެދެވޭ ކުލައެއް ޖެހޭތަނެއް އެބަ ފެނޭ ހެއްޔެވެ؟ ތިޔަ ބުނާ ސްކްރީނުތަކާ ދުރުގައި ކިޔަވާ ކުދިންނަށާއި ތުއްތު ކުދިންނަށް އެބަ އުޅެވޭ ހެއްޔެވެ؟ ބައެއް ބެލެނިވެރިންވެސް ކަންފަސޭހަ ކަމާއި ފަރުވާކުޑަކަމުގެ ސަބަނުން އެމީހުންގެ ދަރީންނަށް ސްކްރީނު ތަކުގެ ޖާދޫ ދައްކުވާ އެ ޖާދުލުގައި ޖައްސުވައެވެ. ނަމަވެސް ބައެއް ބެލެނިވެރިންނީ ހެޔޮގޮތް ވިސްނި އެމީހުންގެ ދަރިން ތިޔަ ކިޔާ ސްކްރީނުތަކާ ދުރުގައި ގެންގުޅޭން ބޭނުންވެގެން އެމަގުން އެކަން ކުރުމަށް ފޫގަޅާފައިތިބި ބެލެނިވެރިންނެވެ. އެހެނެއްކަމަކު ހިތާމައީ އެފަދަ ބެލެނިވެރިންނަށްވެސް އެމަގުން ކަންކަން ކުރަން ބަޔަކު ހުރަސް އަޅާ ކަމެވެ.
މި ހިތާމައިގެ މައްޗަށް ފަށްފަށްވެ އިތުރު ހިތާމަތަކެއް ބުރަވަނީ ސްކްރީނު ތަކާ ދުރަށް ދިޔުމަށް ނަސޭހަތްތެރިވާ ފަރާތްތަކުގެ އަޅުވެތިކަމުގައި ޖެހި، ސްކްރީން ތަކުގެ ކުރިމައްޗަށް އެކުދިން ހުއްޓެން ޖެހޭ ކަމެވެ. ހާއްސަކޮށް ސުކޫލު މަދަރުސާތަކެވެ. ޒަމާން ބަދަލުވިޔަށް ކޮންމެ ގޮތެއް ވަރިހަމައެއް ނުވާނެނޫންތޯއެވެ. މިއަދު ސުކޫލުތަކުގައި ސްކްރީނުތަކުގެ ޖާދޫ މާ ގަދަވެއްޖެއެވެ. އަކުރު އެޅުމާ ވޮށިފިލާ ލިޔުމާއި، ހަނޑޫ ދޮލަނގުގައި ލިޔުން އެއްކޮށް ބަދަލުކޮށް، ސްކްރީނުތަކުގެ ކުލަމަޖަލުގައި އަދުގެ ކިޔަވާކުދިން ޖައްސުވައިފިއެވެ. ފޮތުގައި ލިޔުމަކީވެސް އަމުދުން މާ ގަޔާވާ ކަމެއް ކަމުގައި އެދުރުންނާއި ތަޢުލީމުފޯރުކޮށްދޭ އިދާރާތަކުންވެސް އަދު ނުދެކެއެވެ. ކުދިން ގޭގައި ހަދަން ޖެހޭ ފިލާވަޅުތައްވެސް މިއަދު އެކުދިންނަށް ލިބެން އޮންނަނީ ކޮންމެވެސް ސްކްރީނެއް މެދުވެރި ކޮށެވެ. ގިނަފަހަރަށް ފޮނުވަނީ އެކުދިންގެ ބެލެނިވެރިންގެ ފޯނަށެވެ. މިފަދަ ހަމަ ކޮންމެ ހިނދަކުމެ، ބަހަނާއަކަށް އިސްކުރަނީ ހަރަދު ކުޑަކުރުމާ އިސްރާފު ކުޑަކުރުމެވެ.
އާދޭހެވެ! ހަރަދާ އިސްރާފަކީވެސް ކުޑަކުރަންޖެހޭ އެއްޗެއްސެވެ. ނަމަވެސް އެކަމުގެ ސަބަބުން ބަޔަކަށް އިތުރު އެހެން ގެއްލުމެއް ދިނުން އެއީ ވަކި ކޮން އިންސާފެއް ހެއްޔެވެ؟ ސްކްރީނު ވަގުތުތައް މަދުކުރުމަށް ނަސޭހަތްތެރިވުމާއި އެކު، ގޭގައި ހަދަން ދޭ ފިލާވަޅު، ސްކްރީނަކުން ނޫން ގޮތަކަށް ފެންނާކަށް ނޯވެއެވެ. މަދަރުސާއަށް ގެނެސްވެސް ދައްކުވަނީ ބޮޑު ޓީ.ވީ އަޅުވާފައެވެ. ބަޔަކު އެހީއެއް ދޭން އެދުނަސް، ސްކޫލު މަދަރުސާތަކުން ބޭނުންވާ ތަކެތީގެ ލިސްޓުގެ ކުރީކޮޅުގައި އެކަހަލަ ސްކްރީނެއްގެ ނަން އޮވެއެވެ.
މިކަން މިމަގުން ހިނގާކަމީ ސްކްރީނު ވަގުތުތައް މަދުކޮށްދިނުމަށް މަސައްކަތް ކުރާ ބެލެނިވެރިންނާއި، އެކަންކަމާ ދުރަށްދާން އެދޭ ކުދިންނަށްވެސް ލިބޭ ބޮޑު ބުރައެކެވެ. މާޔޫސް ކަމެކެވެ. ހަރަދު ކުޑަކުރަން ކަރުދާސް ބޭނުން ނުކޮށް، ފިލާވަޅުތައް ސްކްރީނުތަކަށް ދޫކޮށްލުމަކީ ވިސްނަން ޖެހޭނެ ކަމެކެވެ. އެކޮޅު މިކޮޅު ބަލަން ޖެހޭނެ ކަމެކެވެ. ހައިރާންވާ ކަމަކީ ސްކޫލު ތަކުން ސްކްރީން ވަގުތު މަދުކުރަން ދަރިވަރުންނަށް ނަސޭހަތްތެރިވާއިރު، ފިލާވަޅުތައް ސްކްރީނުތަކަށް ދޫކޮށްލާފައި ހުންނަކަމެވެ. ބުނަން ޖެހޭ އެއްޗަކަށް ވާތި ބުނާކަހަލަ އިހުސާސެއް ކުރެވެއެވެ. ކަންފަސޭހަ ކަމާއި ހަރަދު ކުޑަކުރަން ޖެހޭތީ ކަރުދާސްކޮޅެއް ބޭނުންކުރަން ޖެހިލުންވަނީހެން އިހުސާސް ކުރެވެއެވެ. މިއީ މަދަރުސާތަކާއި ޓީޗަރުން ވިސްނާލުން މުހިއްމު ކަމެކެވެ. ބެލެނިވެރިންނާއި ދަރިވަރުންވެސް ވިސްނާލަންޖެހޭނެ ކަމެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން