ތައުލީމީ ނިޒާމަށް ކޮންމެ ޒަމާނެއްގައިވެސް އަންނަނީ ބަދަލުތަކެއް އަންނަމުންނެވެ. ނުވަތަ ގެންނަމުންމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މިކަން އޮތޫ މިގޮތަށެވެ. ނަމަވެސް މުޅި ދުނިޔޭގެ ތައުލީމީ ނިޒާމު ކޮންޓްރޯލު ކުރަމުން ދަނީ ހުޅަނގުންނެވެ. ދިވެހި ރާއްޖޭގައިވެސް ކަން އޮތީ ހަމަ މިމަގުންނެވެ. ހުޅަނގުގެ ބޮޑެތި ތައުލީމީ ނިޒާމުތަކުގެ މަންހަޖުތަކާއި އެ މަންހަޖުތަކުގެ ތެރެއިން އިމްތިހާނުތައްވެސް އަހަރެމެން ދިވެހިން ހަދަމުއެވެ. އެހެންކަމުން ދިވެހިންގެ ތައުލީމީ ނިޒާމު މިއޮތީ ހުޅަނގުގެ ނިޒާމަކަށް ފައްކާވެފައޭ ބުނެވިދާނެއެވެ.
ތައުލީމީ ނިޒާމު މި މަގުން ހުއްޓެއް ކަމަކު، ތައުލީމީ އިދާރާތަކާއި ވުޒާރާތައްވެސް ހުޅަނގުގެ ބަސް އަހައެވެ. މީގެ ތެރެއަށް އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި ކުޑަކުދިންގެ ހައްގުތައްވެސް އޮންނަނީ ވަދެފައެވެ. މި ހައްގުތަކަކީ އޮތުން ރަނގަޅު މުހިއްމު ހައްގުތަކެކެވެ. ނަމަވެސް މި ހައްގުތަކަށް އަހަރެމެން އިންސާނުން ބޭނުންހާ ގޮތެއް ހަދައިގެން، ހުޅަނގުގެ ގައުމުތަކުން ރުހޭހާ ގޮތެއް ހަދައިގެން، ބަދަލުތައް ގެނެސް އެއަށް އަމަލުކުރާން އުޅުމުން، ދެކޮޅު ނުޖެހި، ފަނުފުލުން އެތައް ކަމެއް ހިނގާކަމީ ހަގީގަތެކެވެ.
ދިވެހި ރާއްޖޭގެ ގާނޫނޫ އަސާސީ އާއި، ތައުލީމީ ވުޒާރާގެ ގަވައިދުތަކަށް ރިއާޔަތް ކުރާނަމަ، ހަމަ އެއްމެ ކުއްޖެއްވެސް ތަޢުލީމު ލިބުމުން މަހުރޫމު ކުރެވިގެން ނުވާނެއެވެ. އާދޭހެވެ! މިއީ ވަރަށްވެސް މުހިއްމު ކަމެކެވެ. އަދުގެ މި ޒަމާނުގައި ތަޢުލީމުން މަހުރޫވެފައިވާ ހަމަ އެކަކުވެސް މި ދިވެހި ފަސްގަނޑުގައި ހުރެގެން ނުވާނެއެވެ. މިއީ ކަމުދާ އުސޫލެކެވެ.
މާތުރަ، ދިވެހި ގާނޫނު އަސާސީގައި ބުނެފައި ވަނީ އެއްވެސް ދަރިވަރަކަށް އެއްވެސް ކަހަލަ އަދަބެއް ނުދެވޭނެ ވާހަކައެވެ. އެހެނީ ގާނޫނޫ އަސާސީގައި ބުނާ ގޮތުން އެއްވެސް ކުއްޖަކު ކުރާ ކަމަކާއި ގުޅިގެން އެ ކުއްޖަކަށް އަދަބެއް ދިނުމުގެ ގޮތުން ވިޔަސް އަދި އިސްލާހު ކުރުމުގެ ގޮތުން ނަމަވެސް، އެ ކުއްޖާއަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން އެއްވެސް ގެއްލުމެއް، ދެރަކަމެއް، ބަލިކަށިކަމެއް އަންނަ އެއްވެސް ކަމެއް ކުރުން މަނާވާނެއެވެ. އާއްމުގޮތެއްގައި ސުކޫލުތަކުގައި ދެވޭ އަދަބަކީ އިސްލާހު ކުރުމަށް ދެވޭ އަދަބެކެވެ. އެހެނަސް އަދުގެ ހައްގުތައް ގިނަ މި ޒަމާނުގައި ދެވޭ ކޮންމެ އަދަބެއްމެ މާނަ ކުރަނީ އަނިޔާއެއްގެ ގޮތުގައެވެ.
ކަންމިހެން ހުރުމާއި އެކު ކުދިންގެ އަހުލާގީ ފެންވަރު، ބޮޑުތަނުން ގޯސްވަމުންދާ ކަމަށް ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެތައް ބަޔަކު އެބަ ބުނެެެއެވެ. އަދި އާއްމުންނާއި ބެލެނިވެރިންވެސް މިވާހަކަ މިގޮތަށް ދައްކައެވެ.
އާދޭހެވެ! މީހަކު އަޅުގަނޑަށް ކުރި ސުވާލެކެވެ. މިހާރުގެ ތަޢުލީމީ ނިޒާމާއި، ސުކޫލުތަކުގައި އަމަލުކުރަން އޮންނަ އުސޫލުގެ ގޮތުން، ޔުނީފޯމު ނުލާ ސުކޫލަށް ދާން ބޭނުންވާ ކުއްޖާއަށް އެ ފުރުސަތު އޮންނާނެތޯ ކުރި ސުވާލެކެވެ. އަޅުގަނޑުވެސް ހައިރާންވިއެވެ. އުބުނާހެންނެވެ! އެބުނާ ގޮތަކަށް ކުއްޖާ ސުކޫލަށް ދާން އެދޭނަމަ، އެ ކުއްޖާ އެގޮތަކަށް ސުކޫލަށް ގެނެވެން ވާނެއެވެ. އެހެނީ ކޮންމެ ކުއްޖަކަށްވެސް ތަޢުލީމު ފޯރުކޮށްދޭން ޖެހެއެވެ. ތަޢުލީމުން މަހުރޫމު ކުރެވޭކަށް ނެތެވެ. އެކުއްޖާ ކިޔަވަން އެ އެދޭ ގޮތަކަށް އެފުރުސަތު ދޭން އެބަ ޖެހެއެވެ. މިސާލަކަށް ޔުނީފޯމު ނޭޅުމަކީ ކުށެއް ނަމަ އަދަބު ދެވެން ވަކި އެބަ އޮތް ހެއްޔެވެ؟ ދެވޭ ހަމަ ކޮންމެ އަދަބަކުން ނަފްސާނީ ނުވަތަ ޖިސްމާނީ ގެއްލުމެއް އެބަ ލިބޭ ކަމަށް ބުނެއެވެ. ކަންމިހެން ހުރުމުން އެ ކުއްކާ ޔުނީފޯމު ނުލާ ސުކޫލަށް އަންނަން އެދޭނަމަ ގެނެވެން ޖެހޭނެ ނޫންތޯއެވެ؟ މިކަމުގައި ކަން ކުރަންޖެހޭނެ ގޮތަކީ ނުވަތަ ކަން ކުރާނެ ގޮތަކީ ކޮބައިތޯއެވެ؟
މި ސުވާލަށް ޖަވާބެއް ލިބޭނެނަމަ ހާދަ ރަނގަޅުވީހެވެ. އުންމީދު ކުރަނީ ކަމުގެ އާޖުފާޖު ދަންނަ ބޭފުޅަކު ޖަވާބެއް ދޭނެ ކަމަށެވެ. ނަމަވެސް އެކުއްޖާއަށް އެ ފުރުސަތު ނުދޭނަމަ، އެކުއްޖާ ތައުލީމު އުގެނުމުން މަހޫރުމު ކުރެވުނީއެވެ. އެފުރުސަތު ދޭނަމަ، އެހެން ކުދިން ޔުނީފޯމުގައި ތިބެމެ އެކުއްޖާ ޔުނީފޯމު ނުލާ ހުރުމުން އެ އުފެދޭ ތަފާތު ކުރުން އުފެދުނީއެވެ. ތަފާތުކުރުމެއް ނެތި ހަމަހަމަކަން މަތީ ތަޢުލީމު ފޯރުކޮށްދިނުމަކީވެސް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެކެވެ.
ކޮންމެއަކަސް މިހުރިހާ އުނދަގުލަކާއި ޝައްކުތަކަކާއި ސުވާލުކެއް އުފެދިގެން މިއުޅެނީ ނިޒާމަށް ގެނެވުނު ދަބަލުތަކެއްގެ ސަބަބުންނެވެ. އިހުގައި ނަމަ އަދަބު ދެވެއެވެ. ދެވޭ އަދަބާއި އެކު އިސްލާހުވެއެވެ. ދެން އެކަމަކު މިއަދު އެކަން އެމަގުން ނުވާކަމަށް ގަބޫލު ކުރެވެއެވެ. ކޮންމެއަކަސް މި ފަހުން ތަޢުލީމީ ނިޒާމަށް މި ގެނެވުމު ބަދަލުތަކަކީ ހެޔޮ ނުވަތަ ގޯސް ބަދަލުތަކެއްކަން ކަނޑައަޅާނީ ކިޔުންތެރިންނެވެ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން