ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ސިޔާސީ ތާރީޚެއް ލިޔަން ފެށުނީ މީލާދީ ގޮތުން 1120 ވަނަ އަހަރު ނިޒާމީގޮތުން ވެރިކަމެއް ފެށިގެން އައި ހިސާބުންނެވެ. އެއީ ތީމުގޭ ދަރިކޮޅުން ދިވެހިރާއްޖޭގައި ރަސްކަންކުރަން ފެށި ހިސާބެވެ. އެގޮތުން އައްސުލްޠާން މަހާބަރަނަ މަހާރަދުން ވެފައިވަނީ ތީމުގޭ ދަރިކޮޅުން އެންމެ ފުރަތަމަ ރަސްކަންކުރެއްވި ރަސްގެފާނު ކަމުގައެވެ. އަދި 1120 ވަނަ އަހަރު ފެށިގެން އައި މި ރަސްކަމުގެ ފަހުން ރަސްކަން ކުރެއްވި ހުރިހާ ދަރިކޮޅުތަކާއި، ރަސްރަސްކަލުން ވެރިކަން ކުރެއްވުމުގައި ވަކި އުސޫލުތަކަކާއި ހަމަތަކެއް ހިފަހައްޓަވަން ފެށިއެވެ. ތީމުގޭ ދަރިކޮޅު ހިމެނޭހެން މުޅި ޖުމުލަ 7 ދަރިކޮޅަކުން ދިވެހިރާއްޖޭގައި ނިޒާމީ އުސޫލަކުން ރަސްކަން ކޮށްފައިވެއެވެ. އޭގެތެރޭގައި 93 ރަސްކަލުންނާއި، 7 ރައީސުން ހިމެނިވަޑައިގަންނަވައެވެ (އަޙްމަދު ޝާކިރު، 2020 ).
ތީމުގޭ ދަރިކޮޅު: މީލާދީން 1120 ވަނަ އަހަރުން ފެށިގެން 1306 ވަނަ އަހަރާ ހަމައަށް މި ދަރިކޮޅުން 17 ރަސްކަލުން، ޖުމުލަ 186 އަހަރު ރަސްކަން ކުރައްވާފައިވެއެވެ.
އުމަރުވީރު ދަރިކޮޅު: މީލާދީން 1306 ވަނަ އަހަރުން ފެށިގެން 1368 ވަނަ އަހަރާ ހަމައަށް މި ދަރިކޮޅުން 10 ރަސްކަލުން، ޖުމުލަ 62 އަހަރު ރަސްކަން ކުރައްވާފައިވެއެވެ.
ހިލާލީ ދަރިކޮޅު: މީލާދީން 1368 ވަނަ އަހަރުން ފެށިގެން 1558 ވަނަ އަހަރާ ހަމައަށް، މި ދަރިކޮށް ނިސްބަތްވާ 22 ބޭފުޅުންނާއި، ދަރިކޮޅުން ބޭރު 4 ބޭފުޅުން ހިމެނޭހެން ޖުމުލަ 26 ބޭފުޅުން ރަސްކަން ކުރެއްވިއެވެ. މި ދަރިކޮޅުން ރަސްކަން ކުރެއްވީ 190 އަހަރެވެ.
އުތީމު ދަރިކޮޅު: މީލާދީން 1573 ވަނަ އަހަރުން ފެށިގެން 1701 ވަނަ އަހަރާ ހަމައަށް މި ދަރިކޮޅުން 8 ރަސްކަލުން، ޖުމުލަ 128 އަހަރު ރަސްކަން ކުރައްވާފައިވެއެވެ.
އިސްދޫ ދަރިކޮޅު: މީލާދީން 1701 ވަނަ އަހަރުން ފެށިގެން 1705 ވަނަ އަހަރާ ހަމައަށް މުޅި ޖުމުލަ 4 އަހަރު މި ދަރިކޮޅުން 3 ބޭފުޅުން ރަސްކަން ކުރެއްވިއެވެ. މިއީ ރާއްޖޭގައި އެންމެ ކުރު މުއްދަތަކަށް ރަސްކަން ކުރެއްވި ދަރިކޮޅެވެ.
ދިޔަމިގިލި ދަރިކޮޅު: މި ދަރިކޮޅުން ވެސް ރަސްކަން ކުރެއްވީ 3 ބޭފުޅުންނެވެ. މި 3 ބޭފުޅުން 47 އަހަރު ރަސްކަން ކުރެއްވިއެވެ. އެއީ މީލާދީން 1705 ވަނަ އަހަރުން ފެށިގެން 1752 ވަނަ އަހަރާ ހަމައަށެވެ.
ހުރާ ދަރިކޮޅު: މީލާދީން 1750 ވަނަ އަހަރުން ފެށިގެން 1968 ވަނަ އަހަރާ ހަމައަށް މި ދަރިކޮޅުން ޖުމުލަ 209 އަހަރު ރާއްޖޭގައި ރަސްކަން ކުރައްވާފައިވެއެވެ. މިއީ ރާއްޖޭގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުން 15 ރަސްކަލުން ރަސްކަން ކުރެއްވިއެވެ. އެއީ މީލާދީން 1953 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ ކުރީގައި ރަސްކަން ކުރެއްވި 14 ބޭފުޅުންނާއި، ފުރަތަމަ ޖުމްހޫރިއްޔާ އުވިދިޔަ ފަހުން މީލާދީން 1954 ގައި އަލުން ޤާއިމުކުރި ރަސްކަމުގެ ނިޒާމުގައި ރަސްކަން ކުރެއްވި 1 ބޭފުޅެކެވެ.
ރަސްކަމުގެ ދަހިވެތިކަމުގައި ޤައުމަށް ޣައްދާރުވުމަކީ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުން އަންނަ ކަމެކެވެ. 848 އަހަރަށް ރާއްޖޭގެ ރަސްކަން ދެމިގެން ދިޔައިރު، ތަފާތު އެކި އުކުޅުތައް ބޭނުންކޮށްގެން ރަސްކަމަށް އިންޤިލާބު ގެނެސްފައިވާކަން ތާރީޚުން ފެންނަން އެބައޮތެވެ. އެގޮތުން ރަސްގެފާނު އަވަހާރަކޮށްލުމާއި، ރަސްކަން ފޭރިގަތުމާއި، ބޮޑުންގެ ނުފޫޒާއި، ބޭރު ޤައުމުތަކުގެ ނުފޫޒާއި، ޤާނޫނު ހުއްޖަތަކަށް ހެދުމުގެ އިތުރުން ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ވެސް ރަސްކަން އަތުލާފައި ވެއެވެ.
ރަސްގެފާނު އަވަހާރަކޮށްލުން:
ތާރީޚީ ބައެއް ލިޔުންތެރިން ލިޔުއްވާފައިވާ ގޮތުގައި ރަސްގެފާނު އަވަހާރަކޮށްލައިގެން ރަސްކަން އަތުލުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ހިނގީ އުމަރުވީރު ދަރިކޮޅުގެ ދުވަސްވަރެވެ. އެގޮތުން އޭރު ރަސްކަން ކުރެއްވި އައްސުލްޠާން އަޙުމަދު ޝިހާބުއްދީން ހައްދުންމަތީގައި ހުންނަވަނިކޮށް، މާލެއިން ބަޔަކު ފޮނުވައިގެން އެ ރަދުން އަވަހާރަކޮށްލެއްވީ ކަމަށް މުޙައްމަދު އިބްރާހިމް ލުޠުފީ (1991) ބަޔާންކުރައްވައެވެ. މީގެ އިތުރުން އައްސުލްޠާން އަޙުމަދު ޝިހާބުއްދީންގެ ދައްތަ ރެހެންދި ޚަދީޖާ އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގެންނެވި އައްސުލްޠާން މުޙައްމަދު ޖަމީލާއި، ދެވަނައަށް ކައިވެނި ބައްލަވައިގެންނެވި އައްސުލްޠާން ޢަބްދުﷲ (އެކެއް)ގެ ރަސްކަން ވެސް ނިމުމަކަށް ގެނެސްފައިވަނީ މި ދެބޭފުޅުން އަވަހާރަކޮށްލައިގެންނެވެ.
އައްސުލްޠާން ޢަލީ (ފަހެއް) (ކަޅު މުޙައްމަދު ރަސްގެފާނު)ގެ ރަސްކަން ނިމުމަކަށް ގެނެސްފައި ވަނީ ރަދުންގެ ދައިތާފުޅު ބުރެކިރަނިންނެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1990) ބަޔާންކުރައްވާ ގޮތުގައި ބުރެކިރަނިން ޕޯޗުގީޒުންގެ އެހީ ހޯދަވައިގެން ރާއްޖެ ވައިގަތުމަށްފަހު، ރަދުން އަވަހާރަކޮށްލުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން ރަދުންގެ އާއިލާއަށް ވަރަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ނޯކަރެއް ކަމަށްވާ ގާފަރު ކަޅު އުނބުށޭމަށް ބޭނުން މަޤާމެއް ދޭނެ ކަމަށް ބުނެ، ހައްލުވާލައިގެން މާލެ ފޮނުވިއެވެ. އަދި އޭރު ރަދުންގެ ކަނޑިކޮޅު ހިފާ މީހަކަށް ހުރި ގާފަރު ކަޅު އުނބުށޭމުގެ ދޮންބައްޕަ ހުޅުދެލީ ޔޫސުފު މެދުވެރިކޮށް ރަދުން ޤަތުލުކުރެއްވިއެވެ. އަދި މީގެ އިތުރުން އައްސުލްޠާން އިސްކަންދަރު (އެކެއް) އަވަހާރަކޮށްލާފައި ވަނީ އެ ރަދުންގެ ޖާރިޔާއެއް ކަމަށްވާ މަރިޔަމް ކަނބާ )އެނދި މަރިޔަނބު) އެވެ (ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، 1999). އަދި އައްސުލްޠާން ޢަލީ (ހައެއް)ގެ ރަސްކަން ނިމިދިޔައީ ޕޯޗުގީޒުން ރާއްޖެ އައިސް ދިވެހިންނަށް ހަމަލާދޭން ފެށުމުން އެބައިމީހުންނާ ދެކޮޅަށް ކުރެވުނު ހަނގުރާމައިގެ ތެރެއިންނެވެ.
އައްސުލްޠާން އިބްރާހިމް ކަލާފާނު (ތިނެއް)ގެ ރަސްކަން ނިމުމަކަށް ގެނެސްފައި ވަނީ ރަސްގެފާނު ޤަތުލުކޮށްލައިގެންނެވެ. ފްރާންސްގެ ދަތުރުވެރިއެއް ކަމުގައިވާ ޕިރާޑް (1619) އާ ހަވާލާދެއްވައި މުޙައްމަދު އިސްމާއިލް (1995) ބަޔާންކުރައްވާފައިވާ ގޮތުގައި ހޮޅީންގެ ބަޔަކު ދިވެހިންނާ ހަނގުރާމަ ކުރުމަށް އަންނަ ޚަބަރު ލިބުމުން އޭރު ހުންނެވި ފަނޑިޔާރު މަނިކުފާނުގެ ލަފާފުޅުގެ މަތިން، ރަދުން ހަނގުރާމައަށް ފިލައިވަޑައިގަތުމަށްޓަކައި ތިން އަނބިކަބަލުންނާއި ވަޒީރުންނާ އެކު ގުރާބުކޮޅުގައި ދަތުރުކުރައްވަނިކޮށް ދުޝްމިނުންގެ މީހުން ފަހަތުން އައިސް ރަދުންނަށް ހަމަލާދީ، އިސްތަށިފުޅު ކަނޑާލީއެވެ.
އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީންގެ ރަސްކަމަށް ވެސް އިންޤިލާބު ގެނެވިފައި ވަނީ އެ ރަދުން ޙައްޖަށް ވަޑައިގަތުމަށް ރަދުންގެ ދައިތާފުޅު އާމިނާ ކަނބާފާނާއި، ޅިޔަނު ވެލާނާ މަނިކުފާނާއި ވެރިންކަން ހަވާލުކުރެއްވުމަށްފަހު ރާއްޖޭން ބޭރުގައި ހުންނަވަނިކޮށެވެ. އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ޝަހީދުކޮށްލީ ޙައްޖުދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމުން އޮޅުވާލައިގެން ގެންގޮސް ކަނޑުފައްތައިގެންނެވެ (ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، 1998).
ރަސްކަން ފޭރިގަތުން:
ދިވެހިރާއްޖޭގެ ރަސްކަމުގެ އެކި ދުވަސްވަރު ގަދަބާރުން ރަސްކަން އަތުލުމާއި ފޭރިގަތުމުގެ ހާދިސާތައް ވެސް ހިނގައިފައި ވެއެވެ. މިގޮތުން ބަލާއިރު ހިލާލީ ދަރިކޮޅުން ދެވަނައަށް ރަސްކަން ކުރެއްވި އިބުރާހީމް (އެއްވަނަ)ގެ ރަސްކަމަށް އަހަރެއް ވެސް ނުވަނީސް އޭނާގެ ބޮޑުބޭބޭފުޅު ޙުސައިނުލް ހިލާލީ (އެއްވަނަ) ރަސްކަން ފޭރިގަތެވެ. އަދި ރެހެންދި ޚަދީޖާއަށް ދެ ފަހަރު ވެސް ރަސްކަން ގެއްލުނީ އެ ކަމަނާގެ ދެ ފިރިކަލުން ރަސްކަމުގެ މައްޗަށް ވެރިވެގަތުމުންނެވެ. މީގެ އިތުރުން އައްސުލްޠާނާ ދާއިން ކަނބައިދީއާ އައްސުލްޠާނާ ފާތިމާ ރާދަފަތި ކަނބައިދީކިލެގެފާނުގެ ރަސްކަން ވެސް ނިމިފައިވަނީ އެކަނބަލުންގެ ފިރިކަލުން ގަދަބާރުން ވެރިކަމުގެ ބާރުތައް އަތުލައްވައި، ރަސްކަމަށް އިސްވެވަޑައިގަތުމުންނެވެ.
ކޮއިލުތެރޭގެ ބޮޑުންނާއި، ބޭރު ޤައުމުތަކުގެ ނުފޫޒުން ރަސްކަން އަތުލުން:
ރަސްކަމުގެ ކޮއިލުތެރޭގެ ބޮޑުންގެ ނުފޫޒާއި، ބޭރު ޤައުމުތަކުގެ ނުފޫޒު ބޭނުންކޮށްގެން ވެސް އެކި ފަހަރު މަތިން ރާއްޖޭގެ ރަސްކަމަށް އިންޤިލާބު ގެނެސްފައިވެއެވެ. އެގޮތުން މުކައްރަމު މުޙައްމަދު ޢިމާދުއްދީން (ތިނެއް)ގެ ރަސްކަމަށް އިންޤިލާބު ގެނައުމަށްޓަކައި މުޙައްމަދު ޝަމްސުއްދީން ފަނޑިޔާރު މަނިކުފާނާއި، ޚަޠީބު އަޙުމަދު މުޙުޔިއްދީނާ ދެބޭފުޅުން މަލާބާރީންގެ އެހީ ހޯދައިގެން ރަސްކަމަށް އިންޤިލާބު ގެނެސްފައިވެއެވެ. ކަންނަންނޫރު ޢަލީރާޖާގެ އެހީއާ އެކު އައްސުލްޠާން ޢަލީ (ހަތަރެއް)ގެ ރަސްކަމާއި، އައްސުލްޠާން ޢަލީ (ފަހެއް)ގެ ރަސްކަން ބަދަލުކޮށްފައިވެއެވެ. އަދި ޕޯޗުގީޒުންގެ ލަޝްކަރެއް ރާއްޖެ އައިސް ދިވެހީންނާ ހަނގުރާމަކޮށް، އައްސުލްތާން ޢަލީ (ހައެއް) (ޢަލިރަސްގެފާނު) އަވަހާރަކޮށްލައި ރަސްކަން އަތުލިއެވެ. މީގެ އިތުރުން މުޙައްމަދު މުޢީނުއްދީން (ދޭއް) އަދި އިބްރާހީމް ނޫރައްދީނުގެ ރަސްކަން ވެސް ނިމުމަކަށް ގެނެސްފައިވަނީ ކޮއިލުތެރޭގެ ބޮޑުންގެ ބަޔަކު އިސްވެތިބެ، އިނގިރޭސީންގެ ނުފޫޒު ބޭނުންކޮށްގެންނެވެ. އަދި ހަމަ އެހެންމެ މުޙައްމަދު ޢިމާދުއްދީން (ހައެއް(ގެ ރަސްކަމާއި، ޙަސަން ނޫރައްދީން (ހައެއް)ގެ ރަސްކަން ވެސް ނިމުމަކަށް ގެނެސްފައި ވަނީ ސިޔާސީ ހަމަނުޖެހުން ތަކެއްގެ ތެރެއިންނެވެ (ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، 1990).
ޤާނޫނު ހުއްޖަތަކަށް ހަދައިގެންނާއި، ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ރަސްކަން އަތުލުން:
ދިވެހިރާއްޖޭގެ ތާރީޚުން އެނގެން އޮތް ގޮތުގައި ޤާނޫނު ހުއްޖަތަކަށް ހަދައިގެން އެއް ފަހަރު ރަސްކަމަކަށް ނިމުން ގެނެސްފައިވެއެވެ. އެގޮތުން ހުރާ ދަރިކޮޅުން ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިނެއް)ގެ ރަސްކަމަށް އިންޤިލާބު ގެނެސްފައި ވަނީ އޭރު އޮތް ޤާނޫނު އަސާސީގެ 55 ވަނަ މާއްދާ ހުއްޖަތަކަށް ދައްކައިގެންނެވެ. އަދި ހަމައެހެންމެ ދިވެހިރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ވެސް އެއް ފަހަރު ވެރިކަމަށް އިންޤިލާބު ގެނެސްފައިވެއެވެ. އެގޮތުން މުޙައްމަދު ފަރީދުގެ ރަސްކަމަށް ނިމުން އައިސްފައި ވަނީ އޭރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅިގެންނެވެ. މުޙައްމަދު ފަރީދު ރަސްކަމުގެ ތަޚުތައް އިސްވީ ފުރަތަމަ ޖުމްހޫރިއްޔާ އުވާލައި، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު އަލުން ރަސްކަމަކަށް ބަދަލުވުމުންނެވެ. މުޙައްމަދު ފަރީދުގެ ރަސްކަމުގައި ބޮޑުވަޒީރަކަށް ހުންނެވި އިބްރާހިމް ނާސިރާއި ރަދުންނާ ދެމެދުގައިވާ ގުޅުން ކިލަނބުވެ، ރަދުންގެ ބާރުތައް ހަނިކުރެވިގެން ދިޔައެވެ. އަދި ވެރިކަން ބަދަލުކުރުމުގެ އޮއިވަރެއް އުފެދި، އެ ދަނޑިވަޅަށް ރާއްޖެއަށް އެންމެ ބޭނުންހުރި ވެރިކަމުގެ ނިޒާމަކީ ޖުމްހޫރީ ނިޒާމުކަމަށް ގިނަ ބަޔަކަށް ފެނިގެން ޑިމޮކްރަޓިކް އުސޫލުން ނެގުނު ވޯޓުގެ 81.2 އިންސައްތަ މީހުންގެ އަޤުލަބިއްޔަތުން ވެރިކަމުގެ ނިޒާމު ބަދަލުވެގެން ދިޔުމުން، މުޙައްމަދު ފަރީދުގެ ރަސްކަން ނިމުމަކަށް އައެވެ (އަޙްމަދު ޝާކިރު، 2006).
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން