ތީރު މީޑިއާއަށް ހަތަރު އަހަރު ފުރުން ފާހަގަކުރާއިރު، ތީރުގެ މި ދަތުރަކީ ކިޔުންތެރިންނަށް ޚިދުމަތްތެރިކަމާއި، މަޤްޞަދާއި، ހިތްވަރާއިއެކު ކުރިއަށް ގެންދެވުނު ދަތުރެކެވެ. އޮންލައިން ދުނިޔެއަށް މުހިންމު، ކިއުންތެރިން ޝައުގުވެރިވާ ކޮންޓެންޓެއް ގެނައުމަށް ކެރިގެން ފެށި ޚިޔާލެއް ވަނީ އެތައް ހާސް ބަޔަކަށް ފޯރާ އަދި އިންސްޕަޔަރ ކުރާ ޕްލެޓްފޯމަކަށްބަދަލުވެފައެވެ. ތީރު މީޑއާ އަށް ހަތަރު އަހަރު ފުރުމަކީ ކާމިޔާބީއަކަށްވުރެ ބޮޑަށް- ތީރުގެ ތަޞައްވުރާ އަބަދުވެސް އަޅުގަނޑުމެންނާއި އެކު ތިބި ވަފާތެރި ކިޔުންތެރިންގެ ހިތްވަރާއި ސަޕޯޓެވެ. މިކަމަށް އަޅުގަނޑުމެން ކިއުންތެރިންނަށް ޝުކުރުއަދާކުރަމެވެ.

މީގެ ހަތަރު އަހަރު ކުރިން ތީރު މީޑިއާ އުފެދުނީ ސިޔާސީ މަޅީގައި ނުޖެހި، ވިޔަފާރިއާއި ދިރިއުޅުމުގެ ވައްޓަފާޅި ކޮންޓެންޓަށް ފޯކަސް ކުރާ އޮންލައިން މަޖައްލާއެއްގެ ގޮތުގައެވެ، ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން އައީ އަޅުގަނޑުމެންގެ ކިޔުންތެރިން މުނިފޫހިފިލުވައިދީ، މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކުރުވުމަށެވެ. އަޅުގަނޑުމެން ނިކުތީ ކިޔުންތެރިންނަށް ދުވަހުން ދުވަހަށް ބޭނުންތެރި މައުލޫމާތު ތަކާއި މުޖުތަމައުގެ ކަންކަމަށް ހޭލުންތެރި ކުރުވުމަށް ކޮންޓެންޓް އުފައްދާ ސިޔާސީ ކުލަ ނުޖެހޭ މީޑިއާއެއްގެ ޖާގަ އުފެއްދުމަށެވެ.

އަޅުގަނޑުމެންގެ މަސައްކަތުގެ ކާމިޔާބީގެ ފަހަތުގައި އަބަދުވެސް ތިބީ އަޅުގަނޑުމެންގެ ކިޔުންތެރިންނެވެ. އަޅުގަނޑުމެން ވިޔަފާރިއާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި، އިޖުތިމާޢީ މައްސަލަތަކާ ބެހޭގޮތުން މުހިންމު ނަޒަރިއްޔާތެއް ހޯދާ ފަރުދުންނަށް ފޯރުކޮށްދެމެވެ. އަޅުގަނޑުމެންގެ ކިޔުންތެރިންނަކީ ވިސްނުންތޫނު ބައެއް- އެމީހުންގެ ވަށައިގެންވާ ދުނިޔެއާ މެދު އަޅުގަނޑުމެން ފޯރުކޯށްދޭ ލިއުންތަކުން ވިސްނުން މުއްސަނދިކޮށްދޭ އެކްސްކްލޫސިވް، ޕްރީމިއަމް ކޮންޓެންޓްގެ އަގުވަޒަންކުރާ ބައެކެވެ.

އަލަށް ފަށައިގަންނަ ކޮންމެ މަސައްކަތެކޭ އެއްފަދައިން ތީރުމީޑިއާއަށްވެސް އޮންލައިން މީޑިއާގެ ވާދަވެރި ދުނިޔޭގަ އެތަށްގޮންޖެހުންތަކަކާއި ކުރިމަތިވިއެވެ. ތަފާތު އެކި ކޮންޓެންޓުން ފުރިފައިވާ ސިނާޢަތެއްގައި އަޅުގަނޑުމެންގެ މައިގަނޑު އުސޫލުތަކަށް ސާބިތުވެ ތިބެގެން ތަފާތު އަދި މުހިންމު ލިއުންތަކެއް ފޯރުކޮށްދިނުމަށް ދެގުނަ ބުރަކޮށް މަސައްކަތް ކުރަން ޖެހުނެވެ. 

އެންމެ ބޮޑު ގޮންޖެހުމަކީ ތޮއްޖެހިފައިވާ މީޑިއާތަކުގެ ދުނިޔޭގައި ތީރުގެ އަޑުގުމާލުމެވެ. ވިލާގަނޑެއްގެ ބާރުމިނުގައި މައުލޫމާތު ބޭނުންކުރާ ޑިޖިޓަލް ޒަމާނެއްގައި ކޮލިޓީ މުހިންމެވެ. ޓްރެންޑްތައް ފަހަތުން ދުވުމުގެ ބަދަލުގައި ނުވަތަ ކްލިކްބެއިޓް އަށް ފޯކަސް ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން އިޚްތިޔާރުކުރީ މާނަހުރި، މައުލޫމާތު މުއްސަނދި ލިއުންތަކެއް އުފެއްދުމަށެވެ. އެއީ ފަސޭހަ ކަމެއް ނޫން ނަމަވެސް އަޅުގަނޑުމެންގެ ފޯކަސް އަބަދުވެސް އޮތީ އަޅުގަނޑުމެންގެ ކިޔުންތެރިން މުނިފޫހިފިލުވައިދީ ޝާމިލުކުރުމަށެވެ- އަޅުގަނޑުމެންގެ ޖީބު ފުރާލުމަކަށް ނޫނެވެ.

ތީރު މީޑިއާގެ މިޝަނަކީ ދުވަހަކުވެސް ސިޔާސީ އެޖެންޑާތައް ކުރިއަށް ގެންދިއުމާއި، ޕާޓީތަކެއްގެ ވިސްނުން ކުރިއެރުވުމެއް ނޫނެވެ. ފެށުނީއްސުރެ އަޅުގަނޑުމެން ހޭލުންތެރިކަމާއެކު ނިންމީ ސިޔާސީ ކަންކަމުން ދުރުވެ، ފުޅާ ދާއިރާއެއްގައި ކިޔުންތެރިންނާއި ގުޅޭ މައުޟޫއުތަކަށް ފޯކަސް ކުރުމަށެވެ. އަޅުގަނޑުމެންގެ ވާހަކަތަކުގައި އިޖުތިމާޢީ މައްސަލަތަކާއި، ވިޔަފާރީގެ އާ އުފެއްދުންތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި، އަޅުގަނޑުމެންގެ ކިޔުންތެރިންގެ ދިރިއުޅުން ބައްޓަންކުރާ ކޮންމެ ދުވަހެއްގެ ތަޖުރިބާތައް ދިރާސާކޮށްފައިވެއެވެ. މި ފޯކަސްގެ ސަބަބުން ޑިޖިޓަލް ލޭންޑްސްކޭޕްގައި ތަފާތު ޖާގައެއް ހޯދި ސިޔާސީ ފިކުރުތަކުގެ ބަރުދަނާ ނުލައި މުހިންމު، މުޖްތަމައު އަށް ގުޅުންހުރި ކޮންޓެންޓަކަށް ކިޔުންތެރިންނަށް ގެނެސްދެވުނެވެ.

ތީރު މީޑިއާގެ ކުރިމަގަށް ބަލާއިރު، އަޅުގަނޑުމެންގެ ކިޔުންތެރިންނާއިއެކު، ތީރު މީޑިއާ ދެން އޮތް ލެވެލްއަށް ގެންދިއުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު، އަޅުގަނޑުމެންގެ އަމާޒަކީ، ކިޔުންތެރިންގެ ތަޖުރިބާ އިތުރުކޮށް، މުހިންމު ކޮންޓެންޓް ހޯދުމަށް އެއްވެސް ދަތިކަމެއް ނެތް، ޒަމާނީ އޮންލައިން މީޑިއާގެ އެންމެ ކުރީސަފުން ޖާގަހޯދުމެވެ،

އަޅުގަނޑުމެން މި ޚާއްޞަ އަހަރީ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ކިޔުންތެރިން ، ސްޕޮންސަރުން ( ޙާއްސަކޮށް އުރީދޫ އަދި ސްޓެލްކޯ ) އަދި ތީރުގެ އެންމެބޮޑު ރައުސުލްމާލުކަމުގައިވާ ތީރުމީޑިއާގެ ހީވާގި ޓީމަށް އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމެވެ. ތިޔަބޭފުޅުންގެ ތާއީދާއި، އެންގޭޖްމަންޓާއި، ވަފާތެރިކަން ނެތި، ތީރު މިއަދު މިއޮތް ހިސާބުގައި ނޯންނާނެކަން ޔަގީނެވެ. ކޮންމެ ގޮންޖެހުމަކާއި ކާމިޔާބީއެއްގެ ތެރެއިންވެސް އަޅުގަނޑުމެން ކުރިއެރީ ތިޔަބޭފުޅުން އަޅުގަނޑުމެންނާއެކު ތިއްބަވާ، އަދި ތިޔަބޭފުޅުންގެ ފީޑްބެކާއި ހިތްވަރުތަކުގެ ސަބަބުންނެވެ.

ތީރުމީޑިއާ އަކީ ކުރިއަށް މިއޮތް ތަނުގައިވެސް އިންޝާﷲ އެއްވެސް ސިޔާސީ މީހެއް އަދި ވިޔަފާރިވެރިއެއްގެ އުނގަށް ނުވެއްޓި މިނިވަންކަމާއިއެކު ކުރިއަށް ދާނެ މީޑިއާއެއް ކަމަށް ވާނެކަމުގެ ޔަގީންކަން އަރުވަމެވެ. 

ތީރު މީޑިއާ އަކީ ހަމައެކަނި އޮންލައިން މަޖައްލާއެއް ނޫނެވެ. މިއީ ކޮމިއުނިޓީއެކެވެ. އަދި އަޅުގަނޑުމެންގެ ދަތުރުގެ ދެން އޮތް މަރުހަލާއަށް މި ނިކުންނަނީ، ވިޔަފާރި އާއި، ދިރިއުޅުމުގެ ވައްޓަފާޅި އާއި، އިޖުތިމާޢީ މައްސަލަތަކަށް މުހިންމު ނަޒަރިއްޔާތެއް ހުށަހެޅުމުގެ މިޝަންގައި ސާބިތުވެ، ތިޔަބޭފުޅުން ހިތްހަމަޖެހޭ ފަދަ ކޮންޓެންޓް ގެނެސްދެމުން ގެންދާނެ ކަމުގެ ވަޢުދާއެކުގައެވެ..

ތީރު އޭގެ އަމާޒަށް —އަބަދުވެސް ކުރިއަށް.