ދުންފަތާއި ދުންފަތުގެ އިސްތިއުމާލުކުރުން މިއީ ދުނިޔޭގެ ތާރީޚުގައި މާކުރީއްސުރެ ކުރަމުން އައި ކަމެކެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަފާތު އެކި ދަރަޖަތައް އުފަންކޮށް، ތަފާތު އެކި ބާވަތްތަކާ އާލާތްތައް ދުނިޔެއަަށް އުފަންކޮށް އިޝްތިހާރުކޮށް ހެދީ ގަދީމީ ޒަމާނަކު ނޫނެވެ. އެހެނަސް ދުންފަތުގެ އިސްތިއުމާލު ކުރުމުގައި ސިނގިރޭޓު ބުއިން މިއީ ގަދީމީ އާދައެކޭ ބުނެވިދާނެއެވެ. އަދި ކިއެއް ޒަމާނީ އާދައެކޭވެސް ބުނެވިދާނެއެވެ.

ތަފާތު އެކި ނަންނަމުގައި ތަފާތު އެކި ކުލަތަކުގައި، ހާޑާއި ލައިޓުގެ ނަމުގައި ސިނގިރޭޓު އުފައްދާ ވިއްކަން ހުރެއެވެ. ތަފާތު މޮޅެތި ނަންނަމުގައި އިޝްތިހާރުކޮށް ބާޒާރުތަކަށް ނެރެފައި ހުރެއެވެ. ސިނގިރޭޓުގެ މަސްތުގައި ޖެހިފައި ތިބި އެތައް ބަޔަކު މި ސިނގިރޭޓުތައް ގަނެ، ބޮއެ ހަދައެވެ. ދުވާލަކު ފޮއްޓެއްވެސް ބޮއެ ހުސްކޮށްލާ މީހުން މަދެއް ނޫނެވެ. ކުރެވެނީ ބޭކާރު ހަރަދެއްކަމާއި ދެވެނީ އަމިއްލަ ނަފުސަށް ގެއްލުން ކަމެއް މިބައިމީހުންނަކަށް ނޭނގެއެވެ. އެފަދަ ވާހަކައެއް ދައްކައިފި މީހަކާއި ޖަދަލުކުރުން ނޫން ކަމެއް މިބައިމީހުން ނުކުރެއެވެ.

ސިނގިރޭޓުގެ ވާހަކަ އެކި ތަންތަނުގައި އެކި މީހުން އެކިގޮތަށް ދެއްކިއެއް ކަމަކު، އެއްމެންހެން އިއްތިފާގުވާ ކަމެއް އެބަ އޮތެވެ. އެއީ ސިނގިރޭޓަކީ އިންސާނާގެ ސިއްހަތަށް އެތައް ބައިވަރު ގެއްލުމެއް ދެނިވި އެއްޗެއް ކަމެވެ.

ދުނިޔޭގައި ހެދިފައި ހުރި އެކި އެކި ބޮޑެތި ދިރާސާތަކުން އެނގޭ ގޮތުގައި ސިނގިރޭޓުގައި އެތައް ހާސް ވިހަ ކެމިކަލެއް އެކުލެވިގެން ވެއެވެ. އެގޮތުން ދިރާސާވެރިން ފާހަގަކުރާ ނުރައްކާތެރި ބައެއް ކެމިކަލްތަކުގެ ތެރޭގައި ތާރު، ނިކޮޓިން، ކާބަންމޮނޮކްސައިޑް، ފޯމަލްޑިހައިޑް، އެމޯނިއާ، ބެންޒިން، ހައިޑްރޮޖެން ސަޔަނައިޑް، ލެޑް، އާސެނިކް އަދި ޕޮލޯނިއަމް-210 ފާހަގަ ކުރެވެއެވެ. މިއީ ހަށިގަނޑަށް އޭގެ ސަބަބުން އެތައް ގެއްލުމެއް ކުރިމަތިކުރުވާ ވިހަ މާއްދާތަކެކެވެ.

މި މާއްދާތަކުން ލިބޭ ސިއްހީ ގެއްލުންތަކަށް ބަލާލަމާ ހިނގާށެވެ. އެގޮތުން:

. ތާރު: މިއީ އޭގެ ޠަބީއަތުގައި ތަތްކަމެއް އެކުލެވޭ މާއްދާއެކެވެ. އެހެންކަމުން ސިނގިރޭޓު ބުއިމުން ނޭވާލާ ނިޒާމާއި ފުއްޕާމޭގެ ހޮޅިތަކާއި ފާރުތަކުގައި މި ތާރު، ތަރަވެ، ތަތްވެ އެކި ކަހަލަ ޖަރާސީމު އަށަގަތުމަށް ފަސޭހަވެގެން ދެއެވެ. އަދި މިއީ ވިހައެއް ކަމުން މަޑުމަޑުން އެ ތަންތަން ހަލާކުކޮށް ބާރުކަނޑުވަމުން ގެންދާނެއެވެ. ނަތީޖާއަކަށް ވާނީ ނޭވާލާ ނިޒާމު ބަލިކަށިވެގެން ދިއުމެވެ.

. ނިކޮޓިން: ސިނގިރޭޓުގައި ހުންނަ ނިކޮޓިން އަކީ ދެވިހިފުވާ މާއްދާއެކެވެ. އާދަވެ ބޭނުން ކުރާނަމަ އެއާ ނުލާ އުޅެން އުނދަގޫ ކުރުވާ މާއްދާއެކެވެ. މީގެ އިތުރުން، މި މާއްދާގެ ސަބަބުން ހިތުގެ ހިނގުމަށް ކުދިކުދި ބުރޫތައް އަރައެވެ. ނަތީޖައަކަށް ވަނީ ސިނގިރޭޓަށް ދެވި ހިފާ، ސިނގިރޭޓުގައި ހުންނަ އެހެން މާއްދާތަކާއި އެކު ހިތުގެ ދުޅަހެޔޮކަން ބަލިކަށިވަމުން ދިއުމެވެ.

. ކާބަން މޮނޮކްސައިޑް: މިއީ ސިނގިރޭޓުގައި އެކުލެވިގެންވާ ވިހަ ގޭހެކެވެ. މި ގޭހުގެ ސަބަބުން ނޭވާލާ ނިޒާމުގައި ދައުރުވާ އޮކްސިޖަންގެ މިންވަރު މަދުކޮށްދެއެވެ. ނަތީޖާއަކަށް ވަނީ ލޭގެ ތެރޭގައި ދައުރުވާ އޮކްސިޖަންވެސް މަދުވުމެވެ. 

. ފޯމަލްޑީހައިޑް: މިއީ ސީދާ ކެންސަރަށް މަގުފަހި ކުރުވާ މާއްދާއެކެވެ. އަބަދުމެ ސިނގިރޭޓު ބޯ މީހެއްނަމަ، ފުއްޕާމެއާއި ހިތުގެ ދުޅަހެޔޮކަން ކުޑަކޮށްދީ، ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކޮށްދެއެވެ.

. އެމޯނިއާ: ސިނގިރޭޓުގައި ހުންނަ އެމޯނިއާ އަކީ ފާހަނާ ސާފުކުރާ ބާރުގަދަ އެތައް ކެމިކަލެއްގައި ހުންނަ ބާރުގަދަ މާއްދާއެކެވެ. ސިނގިރޭޓުގައި މި މާއްދާ ބޭނުން ކުރަނީ އޭގައި ހުންނަ ނިކޮޓިންގެ އަސަރު އިތުރުކޮށްދީ ވަރުގަދަ ކުރުމަށެވެ. ނަމަވެސް މިއީ އިންސާނާގެ ނޭވާލާ ނިޒާމުގެ ހޮޅިތައް ހަރުކޮށް ކުރުގަޅުވާ، ހޮޅިތަކުގެ ޖާގަ ކުޑަކޮށްދޭ ބާރެއް އެކުލެވިގެންވާ ވިހަ މާއްދާއެކެވެ. ނޭވާ ކުރުކޮށް ގޮޅިކޮށްދޭ މާއްދާއެކެވެ.

. ބެންޒިން: މިއީ ސިނގިރޭޓުގައި އެކުލެވޭ ސީދާ ކެންސަރަށް މަގުފަހިކޮށްދޭ އަނެއް ވިހަ މާއްދާއެވެ. މި މާއްދާއިން ބޮޑަށް ގެއްލުން ދެނީ އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ލެޔަށެވެ. ލޭގެ ކެންސަރަށް މަގުފަހިކޮށްދޭ ބެންޒިން އަކީ ސިނގިރޭޓުގައި ގިނަ އަދަދަކަށް އެކުލެވޭ ވިހަ މާއްދާއެކެވެ.

. ހައިޑްރޮޖެން ސަޔަނައިޑް: މިއީ އޭގެ ޒާތަށް ސިނގިރޭޓުގައި ހުންނަ ވިހަ އެއް ނޫނެވެ. ނަމަވެސް ދުންފަތް އެންދުމުން، މިއީ ސިނގިރޭޓުން އުފެދިގެން އަންނަ ވިހަ އެކެވެ. ހިތުގެ ހިނގުމަށާއި ހިތުގެ ވިންދުގެ ހަމައަށް މި ވިހަ މާއްދާއިން އަސަރު ކުރުވައެވެ.

. ލެޑު: ސިނގިރޭޓުގައި ހުންނަ ލެޑަކީ ވިހަ މާއްދާއެކެވެ. ހިއްސު ދެނެގަންނަ ނިޒާމަށް އެތައް ގެއްލުމެއް ދޭ މި ވިހަ ސިނގިރޭޓުގައި ހުންނަ އިރު މިއީ ކުޑަކުދިންގެ ހިތުގެ ދުޅަހެޔޮކަން ކުޑަކޮށްދޭ ނުރައްކާތެރި ވިހައެކެވެ.

. އާސެނިކް: މިއީ އާއްމުގޮތެއްގައި އެކި ކަހަލަ ސޫފި މެރުމަށް ބޭނުންކުރާ ސްޕްރޭ ތަކުގައި ގިނަ އަދަދަކަށް އެކުލެވޭ ވިހަ އެކެވެ. މި ވިހައިގެ ސަބަބުން އެ ސޫފިތަކުގެ ހަށިގަނޑު ގިރި، ނުވަތަ ވިރިގެންވެސް ދާ ހާލަތްތައް އާދެއެވެ. ދެން ނިކަން ވިސްނާ ފިކުރުކޮށްލަބަލާށެވެ! އިންސާނާގެ މި ނާޒުކު ސިއްހަތުގެ އަސާސީ އެއް ގުނަން ކަމުގައިވާ ފުއްޕާމޭގެ ތެރެއަށް އެ ވިހަ ފޮނުވާލުމުން ދެން ލިބޭނީ ކޮންކަހަލަ ގެއްލުން ތަކެއް ހެއްޔެވެ.

. ޕޮލޯނިއަމް-210: ސިނގިރޭޓުގައި ހުންނަ މި މާއްދާ އަކީ އޭގައި ރޭޑިއޯއެކްޓިވް އަސަރުތަކެއް އެކުލެވިގެންވާ މާއްދާއެކެވެ. އެހެންކަމުން މިއީ މާބަނޑު އަންހެނުންނަށާއި ދަރިމައިވުމުގެ ސިއްހަތަށް އެތައް ގެއްލުމެއް ފޯރުކޮށްދޭ ވިހަ މާއްދާއެކެވެ.

ސިނގިރޭޓުން އެތައް ގެއްލުމެއް އިންސާނާއަށް ވާކަން އެންމެންހެން ގަބޫލު ކުރާއިރު، އެފަދަ އެތައް ހާދިސާތަކެއްވެސް ލޯ ކުރިމަތީގައި އެބަ ހިނގައެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން، ދަރިމައިވުމުގެ ދުޅަހެޔޮކަމަށް އަސަރުކޮށްގެން އެ ވޭނުގައި އުޅުނީ ކިތައް ކިތައް ދެމަފިރިން ތޯއެވެ؟ ސިނގިރޭޓު ބުއިމުގެ ސަބަބުން، ފުއްޕާމޭގެ އެތައް ބައްޔެއް ޖެހި، އެ ވޭނުގައި އުޅެނީ ކިތައް ކިތައް މީހުން ތޯއެވެ؟ ހަމަ މި ސިނގިރޭޓުގެ ސަބަބުން، ހިތުގެ ބޮޑެތި އެތައް ބައްޔެއް ޖެހި، އަމިއްލަ ނަފުސާއި އާއިލާ އާއި ތިމާގެ ދަރިންގެ ހައްގުގައި ކަމެއް ނުކުރެވި، އެ ނިކަމެތި ހާލުގައި ދުވަސްތައް ގުނަމުން ދަނީ ކިތައް ކިތައް އިންސާނުންތޯއެވެ؟ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެ، އެއްފަޅި ވާގިނެތި، އުމުރު ދުވަހު ބަލި އެނދުގައިވެސް އޮންނަން ޖެހިފައި އޮތީ ކިތައް ކިތައް މީހުން ތޯއެވެ؟

އާދޭހެވެ! ސިނގިރޭޓު ބުއިމުގެ ހިތި ނަތީޖާއެވެ. ފަހަރުގައި ތިބާއަށް މިފަދަ މީހަކާ ދިމައި ނުވެދާނެއެވެ. ދިމައިވިޔަސް ގަބޫލުނުކޮށްފާނެއެވެ. ގަބޫލުކުރަން ބޭނުން ވެސް ނުވެދާނެއެވެ. ނަމަވެސް ދުނިޔެވީ ހަގީގަތެއް، ދިރާސީ ހެކިތަކެއް، އިލްމީ ހޯދުންތަކެއް ތިބާއަކަށް ބަދަލެއް ނުކުރެވޭނެއެވެ. ސިނގިރޭޓަކީ އެއްވެސް ހާލެއްގައި ބޭނުންކުރުން އެދެވިގެންވާ އެއްޗެއް ނޫނެވެ. އެއީ ހާޑެއް ކަމުގައިވިޔަސް ލައިޓެއް ކަމުގައި ވިޔަސް އަދި ލެޖެންޑެއް ކަމުގައި ވިޔަސް މެއެވެ.

އިންސާނާ އަކީ އޭނާގެ އަތުންނާއި ފައިންނާއި އޭނާގެ ދުލުން، އަނެކުން ރައްކާތެރިކޮށްދޭން ޖެހޭނެ މީހެކެވެ. ތިބާގެ އަމިއްލަ ނަފުސުވެސް ރައްކާތެރިކުރަން ޖެހޭނެ މީހެކެވެ. ނަމަވެސް ތިބާގެ އަތުން، ތިބާގެ އަމިއްލަ ނަފުސަށް ގެއްލުމާއި އަނިޔާދޭއިރު، އެ އަނިޔާގައި އަނެކާވެސް ބައިވެރިކުރާ ކަމީ ސިނގިރޭޓު ބޯ މިހުން ކުރާ މުޑުދާރު، ގޮތެއް ފޮތެއް ނެތް އަމަލެކެވެ. ކަން މިހެން ހުރުމާއި އެކު ސިނގިރެޓު ބުއިމާ އިންސާނާ ދުރުވާން އެބަ ޖެހެއެވެ. ސިނގިރެޓަކީ މާ ކޫލް އެއްޗެއް ކަމަށް ދެކިގެން، އެއާ ގާތްވާ ވުރެއް ސިނގިރޭޓުގެ ހޫނު މާ ގަދައެވެ. ތަފާތު މޮޅު އިޝްތިހާރު ހެދިޔަސް، އެކިކަހަލަ ކެންޕޭނު ކުރިޔަސް، ސިނގިރޭޓަކީ މީހަކު ގާތްވާން ހެޔޮވެސް ވާ ވަރުގެ އެއްޗެއް ނޫނެވެ. އަޅުގަނޑުމެންގެ އުންމީދަކީ އެފަދަ ފާސިދު އިޝްތިހާރުތަކާއި ކެންޕޭނުތަކުގެ މަޅީގައި އެއްވެސް މީހަކު ނުޖެހުމެވެ. ސިނގިރޭޓުގެ ވިޔަފާރި ކުރާ ފަރާތްތަކުން ކިތައްމެ ދޮގެއްވެސް ހަދާފާނެއެވެ. އޮޅުވާލުމެއްވެސް އޮޅުވާލަފާނެއެވެ. ނަމަވެސް ދުނިޔެއަކަށް ހަގީގީ ފަސްމަންޒަރެއް އޮޅުވައެއް ނުލެވޭނެއެވެ!

 

ހަވާލާ: . މެޔޯ ކްލިނިކް 2023، "ސްމޯކިން ސިގިރެޓް، ކިލްސް"

. ޕަބްމެޑް 2022، "ކޮންޕޮނެންޓްސް އެންޑް އިޓްސް ެއެފެކްޓް އޮން ބޮޑީ - ސިގިރެޓް"