ދަތޯ ސެރީ އަންވަރު އިބްރާހީމް މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް ހޮވިވަޑައިގެންނެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އަންވަރު އިބްރާހީމްގެ ލީޑަރޝިޕްގެ ދަށުން މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވި އެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ މުހިންމު ކަންކަމުގައި މެލޭޝިޔާގެ އާ ބޮޑުވަޒީރާއި، މެލޭޝިޔާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ މެލޭޝިޔާގެ އާ ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގަންނަވާފަ އެވެ.

މީގެއިތުރުން އެމަނިކުފާނުގެ މެސެޖުގައި މެލޭޝިޔާގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް ވެސް އެދިވަޑައިގެންނެވި އެވެ.