މަދުވެގެން އިތުރު 13 ޑޮމެސްޓިކް އެއަރޕޯޓް ތަރައްްޤީކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 ހޮޓެލިއަރ މޯލްޑިވްސްއިން އިންތިޒާމްކުރި ޖީއެމް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިވަގުތު ވެސް 16 ޑޮމެސްޓިކް އެއަރޕޯޓެއް އެބައޮތް ކަމަށާއި އެހެންނަމަވެސް އޭގެތެރެއިން ބައެއް އެއަރޕޯޓުތަކަށް އުދުހުންތައް އޮންނަނީ ވަރަށް މަދުންނެވެ. އަދި އެތަންތަނުން އެދެވޭ ފައިދާއެއް ނެރެވޭނީ އެސަރަހައްދުގައި ފަތުރުވެރިކަން ފުޅާކޮށްގެންކަމަށް  ވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް ވިދާޅުވިފަދައިން އެމަނިކުފާނު ވަނީ އެ ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. 

މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢު އަވަހަށް ނިންމުމާއެކު، ޑޮމެސްޓިކް އިތުރު އެއަރޕޯޓްތަކެއް ތަރައްޤީކުރައްވާނެ ކަމަށާއި ދެކުނުގައި ސީޕްލޭން ހަބެއް ވެސް ޤާއިމްކުރައްވާނެކަމަށް ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ވިދާޅުވީ މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރައްވައި، "ވައިޑް ބޮޑީ އޮޕަރޭޝަންސް" އަލުން ފައްޓަވާނެކަމަށާއި މޯލްޑިވިއަންއާއި އެމްއޭސީއެލްގެ ހިންގުން ހަރުދަނާކުރައްވައި ދެ ކުންފުންޏަކީ ޚާއްސަ ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް، އަދި ޖުމުލަ ގޮތެއްގައި މުޅި ދިވެހި އިޤްތިޞާދަށް ފައިދާކޮށްދޭ ދެ ކުންފުންޏަށް ހައްދަވާނެކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދިވެހި އުފެއްދުންތައް ޕްރޮމޯޓްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފުޅާކުރެއްވުމުގެ އިތުރަށް، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ދައުރު ފުޅާކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި މިއަދުވެސް ފަތުރުވެރިކަމުގެ ސަބަބުން އެތައް ޢާއިލާތަކެއްގެ ދިރިއުޅުން އުފުލައިދީފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ، ފަތުރުވެރިކަމުގެ ފައިދާ ބެހިގެންދިޔުން ފުޅާކޮށް، ޞިނާޢަތަކީ ކޮންމެ ދިވެއްސަކަށް ފައިދާކުރަނިވި ޞިނާޢަތަކަށް ހެއްދެވުމަށް އުއްމީދުކުރައްވާ ކަމަށެވެ.

މިގޮތުން، މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިސްކަންދެއްވުމާއި މަސައްކަތާ އެކަށޭނަ ރަނގަޅު މުސާރައެއްގެ ކަށަވަރުކަމާއި މުވައްޒަފުންގެ އާއިލާތަކާ އެކު ހޭދަކުރުމަށް ލިބޭ ވަގުތު އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.