ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ކުއާޓާ ފައިނަލްގެ މެޗުތަކުން މޮޅުވެ ސްޕެއިނާ އިޓަލީ ސެމީ ފައިނަލްގައި ބައްދަލުކުރާން ޖެހިއްޖެއެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމުކަމަށްވާ ސްޕެއިނުން ވަނީ މެޗުގެ ފުރިހަމަވަގުތާއި އިތުރުވަގުތު 15 މިނެޓުގެ ދެ ހާފަށްފަހު ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓްގައި 3-1 އިން ސްވިޒަލެންޑް ބަލިކޮށްފައެވެ. އިޓަލީ އިން ވަނީ 2-1 ގެ ނަތީޖާއަކުން ބެލްޖިއަމް އަތުން މޮޅުވެފައެވެ.
މިއީ ޔޫރޯގެ ކުއާޓާ ފައިނަލްގައި ސްޕެއިން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ޕެނަލްޓީ ޖަހަން ޖެހުނު ތިންވަނަ ފަހަރެވެ. މީގެތެރެއިން ދެ ފަހަރު އެ ޓީމު ވަނީ އަނެއް ބުރަށް ދަތުރުކޮށްފައެވެ. އަދި މިއީ ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލާ ހިސާބުން ސްވިޒަލެންޑް ކެޓި ހަތަރުވަނަ ފަހަރެވެ.
ސެއިންޓް ޕީޓަސްބާގުގައި ހުންނަ ކްރެޓޯވްސްކީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ލީޑްނެގީ ސްޕެއިނުންނެވެ. މެޗުގެ 8 ވަނަ މިނެޓުގައި އެ ޓީމުން ޖެހި މި ގޯލަކީ ސްވިޒަލެންޑްގެ ޑެނިސް ޒަކަރިޔާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ޕެނަލްޓީއޭރިޔާ ބޭރުން ސްޕެއިނުގެ ފުލްބެކް ޖޯޑީ އަލްބާ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ސްވިޒަލެންޑްގެ މިޑްފީލްޑަރު ޒަކަރިޔާ ފައިގަ ޖެހިފައެވެ.
ސްވިޒަލެންޑުން އެއްވަރުކުރި ލަނޑު، މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒެރްދާން ޝަކީރީ އެވެ. މިއީ ސްޕެއިނުގެ ޑިފެންޑަރުން ކަމަށްވާ ޕައު ޓޮރޭސް އާއި އައިމެރިކް ލަޕޯޓް ދިފާއުކުރަން އުޅުނު ބޯޅައެއް ސްވިޒަލެންޑްގެ މިޑްފީލްޑަރު ރެމޯ ފްރޮއިލާ އަށް ލިބުމުން ޝަކީރީ އަށް ޖައްސާލި ޕާހަކުން އޭނާ ޖެހި ގޯލެކެވެ. އޭގެފަހުން، މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް ސްޕެއިނުގެ ފޯވާޑް ޖެރާޑް މޮރޭނޯ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ސްވިޒަލެންޑްގެ މިޑްފީލްޑަރު ފްރޮއިލާ އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.
ސްވިޒަލެންޑްގެ އެއް ކުޅުންތެރިއަކު މަދުވުމުން ސްޕެއިނުން ވަނީ އޭގެ ފައިދާނަގައި މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެގޮތުން، ސްޕެއިނުގެ ފޯވާޑް މޮރޭނޯ އަށް ލަނޑުޖަހަން ގިނަ ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު، އެ ޓީމުގެ މިކޭލް އޮޔާޒަބާލް އާއި ޑެނީ އޮލްމޯ ފޮނުވާލި ހަމަލާތައް ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ މަތަކުރިއެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ދެން ކުޅެވުނު އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގައި ވެސް ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕެއިންގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިއަށް އަމާޒުވިއިރު، އެ ޓީމުގެ މިޑްފިލްޑަރު ރޮޑްރީ ފޮނުވާލި ޕެނަލްޓީ ސްވިޒަލެންޑްގެ ކީޕަރު ސޮމާ މަތަކުރިއެވެ. ސްޕެއިނުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އޮލްމޯ އާއި މޮރޯނޭ އަދި އޮޔާޒަބާލް އެވެ. ސްވިޒަލެންޑްގެ ފަބިއެން ޝާ އާއި މެނުއަލް އަކާންޖީ އަދި ރުބެން ވާގަސް ފޮނުވާލި ޕެނަލްޓީތައް ސްޕެއިނުގެ ކީޕަރު އުނާއި ސިމޯން މަތަކުރިއިރު، އެ ޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ މާރިއޯ ގަވްރަނޮވިޗް އެވެ.
ކުއާޓާ ފައިނަލްގައި ރޭ ޖަރުމަނުގެ މިއުނިކްގައި އިޓަލީއާ ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗަށް އެ ޓީމު ނިކުތީ އަނިޔާގެ ސަބަބުން ކެޕްޓަން އެޑެން ހަޒާޑްއާ ނުލައެވެ. މި މެޗު ފެށިތާ ކުރީކޮޅު އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ގޯލެއް ކާމިޔާބުކުރިއިރު، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އޭގެފަހުން، ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ އާއި ރޮމެލޫ ލުކާކޫ ފޮނުވާލި ހަމަލާތައް އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ މަތަކުރިއެވެ.
އިޓަލީ އިން ލީޑްނެގީ މެޗުގެ 31 ވަނަ މިނެޓުގައި ނިކޯލޯ ބަރޭލާ ޖަހައިދިން ގޯލުންނެވެ. މިއީ ބެލްޖިއަމްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ބަރޭލާ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 44 ވަނަ މިނެޓުގައި ލޮރެންޒޯ އިންސީނިއޭ ވަނީ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުން ރީތި ގޯލެއް ކާމިޔާބުކޮށްދީ އިޓަލީ އަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ބެލްޖިއަމަށް ލިބުުނު ޕެނަލްޓީއަކުން ލުކާކޫ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ޖެރެމީ ޑޯކޫ އަށް އިޓަލީގެ ޖިއޮވާނީ ޑި ލޮރެންޒޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ބެލްޖިއަމުން ނަތީޖާ އެއްވަރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން އެ ޓީމުގެ ލުކާކޫ އާއި ތޯގަން ހަޒާޑްގެ އިތުރުން ޑޯކޫ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އިޓަލީގެ ލީޑް ފުޅާކުރުމަށް އިންސީނިއޭ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ބެލްޖިއަމްގެ ކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއިރު، އެ ޓީމުގެ ލިއޮނާޑޯ ސްޕިނަޒޯލާ އާއި ޗީރޯ އިމޯބިލޭ ފޮނުވާލި ބޯޅަތައް ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.
އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އިޓަލީއާ ދެކޮޅަށް ސްޕެއިން ނިކުންނާނީ މި މަހުގެ 7 ވާ ބުދަ ދުވަހުގެ ދަންވަރު 12 ޖަހާއިރު އެވެ. ޔޫރޯގައި މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ 2012 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައެވެ. އެ މެޗުން ސްޕެއިން މޮޅުވީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން