ޔޫރޯ 2020ގެ ގްރޫޕް އޭގައި މިރޭ ކުޅުނު މެޗުގައި ވޭލްސްއާ ސްވިޒަލޭންޑް 1-1 އިން އެއްވަރުވެއްޖެއެވެ.
މި ގްރޫޕުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި 3-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ތުރުކީ ބަލިކުރި އިޓަލީ އޮތީ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ވޭލްސް އާއި ސްވިޒަލޭންޑަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ތުރުކީ އަށް ޕޮއިންޓެއްނުލިބެއެވެ.
އަޒަރުބައިޖާންގެ ބަކޫގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު ފެށިގެން ވޭލްސް އިން ރަނގަޅަށް ކުޅެމުންދިޔަނަމަވެސް ގިނަވަގުތު ބޯޅަ ގެންގުޅުނީ ސްވިޒަލޭންޑުންނެވެ. މެޗުގެ ކުރީކޮޅު ވޭލްސް އަށް ލީޑްނަގައިދޭން ޑެނިއަލް ޖޭމްސް ނަގައިދިން ހުރަހަކުން ކީފާ މޫރ ބޮލުން ފޮނުވާލި ބޯޅަ ސްވިޒަލޭންޑްގެ ކީޕަރު ޔެން ސޮމާ މަތަކުރިއިރު، ސްވިޒަލޭންޑަށް ލިބުނު ފުރަތަމަ ފުރުޞަތުގައި ޒެރްދާން ޝަކީރީ ނެގި ކޯނަރަކުން ފަބިއަން ޝާ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ވޭލްސްގެ ކީޕަރު ޑެނީ ވޯޑް އެވެ.
ސްވިޒަލޭންޑުން މި މެޗުގައި ލީޑްނެގީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ބޮރޫޝިއާ މުންޗެންގްލަޑްބަކް އަށް ކުޅެމުން އަންނަ ހަލުވި ވިންގާ ބްރީލް އެމްބޯލޯ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ލިވަޕޫލް ވިންގާ ޝަކީރީ ތަނަވަސްކުރި ފުރުޞަތަކުން އެމްބޯލޯ ކާމިޔާބުކުރި ގޯލެކެވެ.
ވޭލްސް އިން ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 74 ވަނަ މިނެޓުގައި ޖޯ މޮރެލް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން މޫރ ކާމިޔާބުކުރި ލަނޑުންނެވެ. މި ބޯޅަ މޫރ ފޮނުވާލިއިރު ސްވިޒަލޭންޑްގެ ކީޕަރު ސޮމާ ހުރީ ހަރަކާތްކުރަންވެސް ނޭނގިފައެވެ.
އޭގެފަހުން، މެޗު ނިމެން ދަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސްވިޒަލޭންޑްގެ ފޯވާޑް މާރިއޯ ގަވްރަނޯވިޗް ގޯލެއް ކާމިޔާބުކުރިނަމަވެސް، ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އޮފްސައިޑް ކަމަށް ނިންމާފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން