ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ)، ކޮވިޑް-19 އަށް ޕޮޒިޓިވްވެ ކޮލިފައިންގައި ކުރިއަށް އޮތް މެޗުތައް އޭނާ އަށް ގެއްލިއްޖެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު ހެނދުނު ކުރި ޕޯސްޓެއްގައި ދަގަނޑޭ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި މިހާތަނަށްއައިއިރު ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން ފެނިފައިނުވާކަމަށާއި، ގައުމީ ޓީމާއެކު ކޮލިފައިންގައި ކުރިއަށް އޮތް ތިން މެޗުގައި ނުކުޅެވޭތީވެ އެކަމާ ދެރަވާ ކަމަށާއި ކުޅުންތެރިންނާއި ޓީމަށް ކާމިޔާބަށް އެދޭ ކަމަށް ވެސް ދަގަނޑޭ ބުނެފައިވެއެވެ. 

ދަގަނޑޭގެ އިތުރުން ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވެސް ދުބާއި ޓްރެއިނިންގ ކޭމްޕް ނިންމާފައި ޗައިނާ އަށް ފުރުމުގެ ކުރީން އިއްޔެ އާއި އޭގެ ކުރީ ދުވަހު ހެދި ޓެސްޓުތަކުން ޕޮޒިޓިވްވެފައިވާތީވެ، ކޮލިފައިންގެ މެޗުތައް ކުޅުމަށް ޗައިނާ އަށް ދާ ސްކޮޑުން އެ ދެ ކުޅުންތެރިން ވަނީ ބާކީ ކޮށްފައެވެ.

ދަގަނޑޭ އާއި ތޮއްޕޭ ޕޮޒިޓިވްވެފައިވާތީވެ، ކޮވިޑް-19ގެ ޕްރޮޓޮކޯލްގެ ދަށުން އެ ދެ ކުޅުންތެރިން 10 ދުވަހުގެ މުއްދަތަށް ދުބާއީގައި ކަރަންޓީނުވާން ޖެހޭނެއެވެ.

ކުރިން އޮތީ ޗައިނާ އަށް ދިއުމަށްޓަކައި މިއަދު ފުރާ ގޮތަށެވެ. އެކަމަކު، ދިވެހި ގައުމީ ޓީމުގެ ދެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވުމުން ޗައިނާގެ ސިއްހީ ވުޒާރާއިން ލިބެންޖެހޭ ހުއްދަތައް ނުލިބޭތީވެ ފުރުން ވަނީ ލަސްވެފައެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިން ފުރުމުގެ ކުރީން އިތުރު ޓެސްޓްތަކެއް ހަދަންޖެހޭނެ ކަމަށް ބެލެވެއެވެ.

މީގެކުރީން، ގައުމީ ޓީމު މާލޭގައި ހޮޓެލް ޖެންގައި ކޭމްޕް ޖަހާފައިވަނިކޮށް ދަގަނޑޭގެ އަންހެނުން، ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އޭނާއާ ކޮންޓެކްޓްވެފައިވާތީ ޕްރޮޓޮކޯލްގެ ދަށުން ދަގަނޑޭ އައިސޮލޭޝަނަށް ދާން ޖެހުނެވެ. އެކަމަކު އައިސޮލޭޓްވުމަށްފަހު ހެދި ޕީސީއާރް ޓެސްޓްތަކުން ނެގެޓިވް ނަތީޖާ ލިބުމުން ދަގަނޑޭ ވަނީ އަލުން ޓީމާ ގުޅިފައެވެ.

އަދި އޭގެފަހުން، ޓީމާއެކު ދަގަނޑޭ ހިމެނޭގޮތަށް ހުރިހާ ކުޅުންތެރިން ދުބާއީ އަށް އައިސް އެންމެ ފުރަތަމަ ޓެސްޓްތައް ހެދިއެވެ. އަދި އޭގެފަހުން ޕްރެކްޓިހުގައި ބައިވެރިވީ ދެން ހެދި ޓެސްޓްތަކުން ނެގެޓިވް ނަތީޖާ ލިބުމުންނެވެ.

ދަގަނޑޭ އާއި ތޮއްޕޭ، ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ކޮލިފައިންގައި ބާކީ އޮތް ތިން މެޗުގައި ނުކުޅެވޭނެއެވެ. ގައުމީ ޓީމަށް ދެން އޮތީ އަންނަ މަހުގެ ތިންވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ހަތަރު ދުވަސްފަހުން ސީރިއާއާ ދެކޮޅަށް ނިކުންނައިރު ފަހު މެޗުގައި އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހު ނިކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.