އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖެލަސް ލޭކާސް ކަޓުވާލުމަށްފަހު ފީނިކްސް ސަންސް އިން އެންބީއޭ ވެސްޓަން ކޮންފަރެންސްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ސަންސް އިން މި މެޗު 113- 100 ގެ ތަފާތަކުން މޮޅުވެ، ފުރަތަމަ ބުރުގެ ސެވަން މެޗު ސީރީޒް ކާމިޔާބުކުރީ 4-2 އިންނެވެ.
މިއީ ލޭކާސްގެ ތަރި ލެބްރޮން ޖޭމްސްގެ ބާސްކެޓްބޯޅަ ކެރިއަރުގައި އޭނާ ކުޅުނު ޓީމެއް އެންބީއޭ ޕްލޭއޮފްސްގެ ފުރަތަމަ ބުރުން ކެޓި ފުރަތަމަ ފަހަރެވެ.
ލޭކާސް އަށް މި ފަހަރުގެ ސީޒަނުގައި އެންބީއޭ ޗެމްޕިއަންކަން ދިފާއުކުރަން ނިކުމެ ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީ މުހިއްމު ދަނޑިވަޅުގައި އަނިޔާގެ ސަބަބުން ޓީމުގެ މުހިއްމު ކުޅުންތެރިންނަށް ނުކުޅެވުމެވެ. އެގޮތުން، އެ ޓީމުން ރެގިއުލާ ސީޒަނުގައި ކުޅުނު ގިނަ މެޗުތަކެއްގައި މިވަގުތު އެމެރިކާގައި ހުރި އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ ޖޭމްސްގެ އިތުރުން އެންތަނީ ޑޭވިސް އަށް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެ، ނިންމާލީ 7 ވަނައިގައި އޮވެގެންނެވެ.
އޭގެނަތީޖާއެއްގެ ގޮތުން އެޓީމަށް ޕްލޭއޮފްސް އިން ޖާގަ ލިބުނީ ގަދަފަދަ ގޯލްޑެން ސްޓޭޓް ވޯރިއާސް ބަލިކޮށްގެންނެވެ. އެއަށްފަހު ލޭކާސް އަށް ޕްލޭއޮފްސްގެ ފުރަތަމަ ބުރުގައި ކުރިމަތިލާންޖެހުނީ އެންބީއޭގެ މިފަހަރުގެ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންއައި ސަންސްއާ ދެކޮޅަށެވެ.
ލޭކާސް އިން މިއަދުގެ މެޗަށް ނިކުތްއިރު އެންބީއޭ ޕްލޭއޮފްސްގައި ކުޅުނު ފުރަތަމަ ފަސް މެޗަށްފަހު ސަންސް އޮތީ 3-2 އިން ކުރީގައެވެ. އެހެންކަމުން، އެ ޓީމުން މި މުބާރާތުގައި ކުރިއަށްދިއުމަށްޓަކައި ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކުރުން ނޫން ގޮތެއް ނެތެވެ.
މި ސީރީޒްގެ ފުރަތަމަ މެޗު ސަންސް އިން 99-90 އިން ކާމިޔާބުކޮށްފައިވަނިކޮށް، ލޭކާސް އިން ވަނީ 109-102 އިން ދެވަނަ މެޗު ކާމިޔާބުކޮށް ސީރީޒްގައި 1-1 އިން ހަމަހަމަކޮށްފައެވެ. އަދި އެއަށްފަހު ލޭކާސް އިން ތިންވަނަ މެޗު 109-95 ގެ ތަފާތަކުން މޮޅުވެ، 2-1ގެ ލީޑެއްނަގާފައިވަނިކޮށް ސަންސް އިން ވަނީ މި ސީރީޒްގައި ދެން ޖެހިގެންއައި މެޗު 100-92 އިން ގެންގޮސް 2-2 އިން ހަމަހަމަކޮށްފައެވެ.
ލޮސް އެންޖެލަސްގައި ހުންނަ ސްޓޭޕަލްސް ސެންޓާގައި ކުޅުނު މި ސީރީޒްގެ ހަވަނަ މެޗުގެ ފުރަތަމަ ކުއާޓާ ފެށިތާ މާގިނައިރުތަކެއްނުވަނީސް ލޭކާސްގެ ފޯވާޑް ޑޭވިސް އަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަކިވާންޖެހުނުއިރު ސަންސް އިން މި ކުއާޓާ ނިންމާލީ 14-36 އިން ކުރިހޯދައި، 22 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.
އޭގެފަހުން، ދެން ޖެހިގެންއައި ދެވަނަ ކުއާޓާގައި ވަރަށް ކައިރިން ވާދަކޮށް ލޭކާސް އިން ގެންދިޔައީ 27-26 އިންނެވެ. ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ނައްތާލުމަށް ލޭކާސް ކުރި މަސައްކަތުގެ ތެރެއިން ތިންވަނަ ކުއާޓާ ވެސް 35-27ގެ ތަފާތަކުން ލޭކާސް ގެންދިޔަނަމަވެސް، ފަހު ކުއާޓާގައި މާބޮޑު ތަފާތެއްނުދެއްކި 24-24 އިން ދެ ޓީމު ހަމަހަމަވުމުން ސަންސް އިން ވަނީ މެޗު ކާމިޔާބުކޮށް ސެމީން ފުރުޞަތު ހޯދާފައެވެ.
މި މެޗުން ސަންސް މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ ޝޫޓިންގ ގާޑް ޑެވިން ބޫކާ އެވެ. އޭނާ ވަނީ މި މެޗުގައި އެ ޓީމަށް 47 ޕޮއިންޓް ހޯދައިދީ، 11 ރީބައުންޑް ނަގާފައެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނު ކްރިސް ޕޯލް ވަނީ 8 ޕޮއިންޓް ހޯދައިދީ، 12 އެސިސްޓް ހަދާފައެވެ. ލޭކާސް އިން އެންމެ ރަނގަޅަށް ކުޅުނު ޖޭމްސް ވަނީ 29 ޕޮއިންޓް ހޯދައިދީ، 9 ރީބައުންޑް އަދި 7 އެސިސްޓް ހަދާފައެވެ.
ވެސްޓަން ކޮންފަރެންސްގެ ސެމީގައި ސަންސް ނިކުންނަންޖެހެނީ ޕޯޓްލެންޑް ޓްރެއިލް ބްލޭޒާސް 4-2 އިން ބަލިކުރި ޑެންވާ ނަގެޓްސްއާ ދެކޮޅަށެވެ. މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 8 ވަނަ ދުވަހު އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން