އިޓާލިއަން ލީގުގައި ރޭ ކުޅުނު މަޝްހޫރު 'ޑާބީ ޑެލަ މެޑޮނީނާ' ނުވަތަ މިލާން ޑާބީގައި އިންޓަ މިލާން އަތުން 1-2 އިން އޭސީ މިލާން މޮޅުވެއްޖެއެވެ.

މިއީ އިންޓައާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ޑާބީގެ ހަ މެޗުން ބަލިވުމަށްފަހު މިލާނުން ކާމިޔާބުކުރި ފުރަތަމަ މެޗެވެ. މި މެޗާ ހަމައަށް އައިއިރު ހުރިހާ މުބާރާތެއްގައި ކުޅުނު ފަސް މެޗުގެ ތެރެއިން މިލާން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. މި މެޗުން ހޯދީ މޮޅާއެކު ސީޒަނުގައި މިހާތަނަށް ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން މިލާންގެ ކޯޗު، ޕައުލޯ ފޮންސޭކާ އަށް އޮތް ޕްރެޝަރަށް ވަނީ ކޮންމެވެސް ވަރަކަށް ލުޔެއް ލިބިފައެވެ.

މި ނަތީޖާއާއެކު އިންޓަ އަށް ތާވަލްގެ ކުރިއަށް ޖެހިލަން ލިބުނު ފުރުޞަތުވަނީ ގެއްލިފައެވެ. މިވަގުތު ހަތެއްގައި އޮތް އިންޓަ އާއި ހަވަނައިގައި އޮތް މިލާނަށް ވެސް ފަސް މެޗުން ލިބިފައިވަނީ 8 ޕޮއިންޓެވެ. މިލާނަށް ކުރިލިބެނީ ދެ ޓީމުގެ ހެޑް-ޓު-ހެޑް ރެކޯޑުންނެވެ.

މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އެއްވަނައިގައި އުޅެނީ ޓޮރީނޯ އެވެ. އެ ޓީމަށް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ނާޕޮލީ ދެވަނައިގައި އޮތީ އެއަށްވުރެ އެއްޕޮއިންޓް މަދުން ލިބިގެންނެވެ. ތިންވަނައިގައި އޮތް އުދިނޭޒީ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ނާޕޮލީ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ހަތަރެއްގައި އޮތް ޔުވެންޓަސް އަށް ލިބިފައިވަނީ ފަސް މެޗުން ނުވަ ޕޮއިންޓެވެ.

ސެން ސީރޯގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް މިލާނުންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ އެމެރިކާގެ ފޯވާޑް، ކްރިސްޓިއަން ޕުލިސިޗް އެވެ. އިންޓަ އިން އެއްވަރުކުރި ލަނޑު، 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން، ލަޓާރޯ މާޓިނޭޒް ދިން ބޯޅައަކުން ފެޑެރީކޯ ޑިމާކޯ އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ޑިމާކޯ ކާމިޔާބުކުރި ރީތި ގޯލެކެވެ.

އޭގެފަހުން، ދެ ޓީމަށް ލަނޑުޖަހަން ރަނގަޅު ފުރުޞަތުތަކެއް ލިބިގެންގޮސްފައިވާއިރު، އިންޓަގެ ކީޕަރު، ޔަން ސޮމާ އާއި މިލާންގެ މައިކް މައިގްނޯން ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ. އޭގެތެރެއިން، ފުރަތަމަ ހާފުގައި އިންޓަގެ ފޯވާޑް، މާކަސް ތުރާމް ފޮނުވާލި ހަމަލާ ވެސް މައިގްނޯން ހުއްޓުވިއެވެ.

ދެވަނަ ހާފުގައި މިލާންގެ ޕޯޗުގީޒް ފޯވާޑް، ރަފައެލް ލެއާއޯ ބޮލުން ފޮނުވާލި ހަމަލާއެއް ސޮމާ މަތަކުރިއިރު، މިހާފުގައި ޕެނަލްޓީއޭރިޔާތެރެއިން އިންޓަގެ ކެޕްޓަން، މާޓިނޭޒް އަތުގައި ބޯޅައިން ޖެހުނު ކަމަށް ޕެނަލްޓީއެއް ދޭން ނިންމުމަށްފަހު، ފަހުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ނިންމުން ބަދަލުކުރިއެވެ.

އަދި އޭގެފަހުން، އިންޓަގެ މާޓިނޭޒް އެއްފަހަރުން ފޮނުވާލި ހަމަލާއެއް މައިގްނޯން ހުއްޓުވިއިރު، މިލާންގެ ޓިޔާނީ ރެއިންޑާސް ފޮނުވާލި ބޯޅަ ވެސް އިންޓަގެ ސޮމާ ވަނީ މަތަކޮށްފައެވެ. މުޅި މެޗުގައި ވެސް ދެ ކީޕަރުންގެ މޮޅު ކުޅުމާއެކު އެއްވަރުވެގެން ނިމެންދަނިކޮށް، މިލާންގެ ޑިފެންޑަރު، މަޓިއޯ ގަބިއާ ވަނީ އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މެޗުގެ 89 ވަނަ މިނެޓުގައި ރެއިންޑާސްގެ ހިލޭޖެހުމެއްގެ އެހީގައި ގަބިއާ މި ލަނޑުޖެހީ ބޮލުންނެވެ.

ލީގުގައި މިލާނަށް ދެން އޮތީ މި މަހުގެ 27 ވާ ހުކުރު ދުވަހު އަމިއްލަ ދަނޑުގައި ލެއްޗޭއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗެވެ. އޭގެއެއްދުވަސް ފަހުން ރަށުން ބޭރުގައި އިންޓަ ނިކުންނާނީ އުދިނޭޒީއާ ދެކޮޅަށެވެ.