ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު އެމެރިކާ ސަރަހައްދުގައި ރޭ ކުޅުނު މެޗުން އެކުއޭޑޯ 2-0 އިން ބަލިކޮށް ބްރެޒިލުން އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

ރޭގެ ނަތީޖާއާއެކު ބްރެޒިލް އެއްވަނައިގައި އޮތީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު މިހާތަނަށް ކުޅުނު ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޗިލީއާ 1-1 އިން އެއްވަރުވި އާޖެންޓީނާ އެވެ. އެ ޓީމަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ތިންވަނައިގައި އެކުއޭޑޯ އޮތްއިރު ޕެރަގުއޭ އޮތީ ހަތް ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ފަސްވަނައިގައި އޮތް އުރުގުއޭ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޕެރަގުއޭ އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ.

ބްރެޒިލުން ރޭގެ މެޗުގައި ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. އެ ޓީމުން ލީޑްނެގީ 65 ވަނަ މިނެޓުގައި އެވަޓަންގެ ފޯވާޑް ރިޗާލިސަން ކާމިޔާބުކުރި ގޯލުންނެވެ. މިއީ ޕީއެސްޖީގެ ތަރި ނޭމާ ދިން ބޯޅައަކުން ރިޗާލިސަން ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގައި ބްރެޒިލުން ޖެހި ދެވަނަ ލަނޑު، އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނޭމާ އެވެ. މިއީ ގައުމީ ޓީމަށް ނޭމާ ކުޅެދިން 104 މެޗުގައި ޖެހި 66 ވަނަ ގޯލެވެ. މިއާއެކު ލަނޑުލިސްޓުގެ ކުރީގައި އުޅޭ ޕެލޭއާ ހަމަކުރުމަށް ނޭމާ ބޭނުންވަނީ 12 ލަނޑެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލަށް ދެން އޮތީ އަންނަ އަންގާރަ ދުވަހު ޕެރަގުއޭއާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމަ އެ ދުވަހު ކުޅޭ އެހެން މެޗުތަކަށް ބަލާއިރު އާޖެންޓީނާ ނިކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ. ޕެރޫއާ ދެކޮޅަށް އެކުއޭޑޯ ނިކުންނައިރު އުރުގުއޭ ނިކުންނާނީ ވެނެޒުއެލާއާ ދެކޮޅަށެވެ.