އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނިކުންނައިރު އާސެނަލުން އިތުރު ފިޔަވަޅެއް ކުރިއަށްޖެހިލަންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު، މިކޭލް އާޓޭޓާ ބުނެފިއެވެ.
ސިޓީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން ނޫސްވެރިންނާ ވާހަކަދައްކަމުން އާޓޭޓާ ބުނީ، ޗެމްޕިއަންކަން ހޯދުމަށް ވާދަކުރަމުންދާ އާސެނަލުން، ސިޓީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ ނަތީޖާއެއް ހޯދައިގެން ދެން އޮތް ފިޔަވަޅު އެޅޭކަން ދައްކަންޖެހޭ ކަމަށެވެ.
ފާއިތުވި ސީޒަނުގައި ޗެމްޕިއަން، ސިޓީގެ ދަނޑުގައި އާސެނަލް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އަނެއްކޮޅުން، 2015 ވަނަ އަހަރުގެ ޖަނަވަރީގެ ފަހުން ސިޓީގެ ދަނޑުގައި އާސެނަލަށް މޮޅެއްނުލިބެއެވެ.
"އަހަރެމެން ދެން މި ދާން ޖެހެނީ ޗެމްޕިއަންސްގެ ދަނޑަށް، ޕްރިމިއާ ލީގުގެ ތާރީޚުގައި މިދިޔަ އަހަރުތަކުގައި އެއްފެންވަރެއްގައި ރަނގަޅު ފޯމެއްގައި މޮޅު ކުޅުމެއްދައްކަމުން އަންނަ ޓީމު. ހަމައެކަނި ނަތީޖާގެ ގޮތުން ނޫން، ނަމަވެސް އެމީހުންގެ ވަރުގަދަކަމާއި އަދި ދަމަހައްޓަމުންއަންނަ މޮޅު ޕަރފޯމަންސްތަކުގެ ގޮތުން ވެސް،" މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޓޭޓާ ބުންޏެވެ.
"މިއީ ގޮންޖެހުމަކީ، އަހަރެމެން އެ ދަނޑަށް ގޮސް އަނެއްކާވެސް އިތުރު ފިޔަވަޅެއް ކުރިއަށްޖެހިލާފައިވާކަން އަދި އަހަރެމެންނަށް ވާދަކުރެވޭނެކަން ސާބިތުކޮށްދޭންޖެހޭ." އާޓޭޓާ ބުންޏެވެ.
އަމިއްލަ ދަނޑުގައި އާސެނަލްއާ ދެކޮޅަށް ސިޓީގެ އެންމެ މުހިއްމު އެއްކުޅުންތެރިޔާ ކަމަށްވާ، ބެލްޖިއަމްގެ މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ އަށް އަނިޔާގެ ސަބަބުން ނުކުޅެވިދާނެ ކަމުގެ އަޑުތައް އަރާފައިވީނަމަވެސް، އާޓޭޓާ ވަނީ ޑި ބްރޭނާ ނުކުޅުނަސް ސިޓީ ބަލިކަށިނުވާނެ ކަމަށް ބުނެފައެވެ.
"ނޫން، އެއީ އޭނާ ނުކުޅޭ ނަމަ [އިލްކާއި] ގުންޑޮގާން، ބެނާޑޯ [ސިލްވާ]، ފިލް ފޯޑެން، [މަޓެއޯ] ކޮވަސިޗް ފަދަ އޮޕްޝަންތައް އެ މީހުންނަށް ބޭނުންކުރެވޭނެ،" އާޓެޓާ ބުންޏެވެ.
"އެ ހުރިހާ ކުޅުންތެރިންނަކީވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން." އާޓޭޓާ އިތުރަށް ބުންޏެވެ.
ނިންމާލަމުން އާޓޭޓާ ބުނީ، މިވަގުތު އާސެނަލް ޓީމުގައި ވެސް އަނިޔާގެ ސަބަބުން ނުކުޅެވޭ ކުޅުންތެރިން އެބަތިބި ކަމަށާއި، އެކަމަށް އޭނާގެ ޓީމުން ހޭނެން ޖެހޭނެ ކަމަށެވެ. އަދި، އެފަދަ ޓީމުތަކަކީ މުހިއްމު އެންމެ ކުޅުންތެރިއެއްގެ މައްޗަށް ބަރޯސާވާ ޓީމުތައް ނޫން ކަމަށް ވެސް އާޓޭޓާގެ ވާހަކައިގައި ފާހަގަކުރިއެވެ.
ސިޓީގެ ދަނޑުގައި އާސެނަލްއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ރޭ ރާއްޖޭގަޑިން 8:30 ގައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން