މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު މެޗުގައި ލެޓްވިއާ ކޮޅަށް ލަނޑުގޯންޏެއް އޮއްސާލުމަށްފަހު ޖަރުމަނުން ފެންވަރު ދައްކާލައިފިއެވެ. މި މެޗުން ޖަރުމަނު މޮޅުވީ 7-1 އިންނެވެ.
މިއީ އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯގެ ކުރީން އެ ޓީމު ކުޅުނު ދެވަނަ މެޗެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހު ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން ދެ ޓީމު އެއްވަރުވުމުން ރޭގެ މެޗަށް އެ ޓީމު ނިކުތީ ބަދަލުތަކާ އެކުއެވެ. އެގޮތުން، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރި ޗެލްސީ އާއި މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ވަނީ ހިމަނާފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ވަނީ ލެޓްވިއާ ކޮޅަށް ފަސް ލަނޑުޖަހާފައެވެ. މެޗުގެ 19 ވަނަ މިނިެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ އިޓަލީގެ އެޓަލާންޓާ އަށް ކުޅެމުން އަންނަ ފުލްބެކް ރޮބިން ގޮސެންސް އެވެ. އަދި އޭގެ ދެ މިނެޓުފަހުން އިލްކާއި ގުންޑޮގާން ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، މެޗުގެ 27 ވަނަ މިނެޓުގައި ބަޔާން މިއުނިކްގެ އިތުބާރު މިޑްފީލްޑަރު ތޯމަސް މުލާ ވަނީ އިތުރު ލަނޑެއްޖަހައި ފަރަގު ބޮޑުކޮށްދީފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރީން ޖަރުމަނުން ވަނީ އިތުރު ދެލަނޑުޖަހައި 5-0 ގެ ލީޑެއް ނަގާފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޖަރުމަނުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑަކީ ލެޓްވިއާގެ ރޮބަޓްސް އޮޒޯލްސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި އޭގެފަހުން، މި ހާފުގެ އެންމެ ފަހު މިނެޓުގައި ބަޔާންގެ ހަލުވި ވިންގާ ސާޖް ނެބްރީ ވަނީ ޖަރުމަނުގެ ފަސްވަނަ ލަނޑުޖަހައިދީފައެވެ.
މި މެޗުގައި ޖަރުމަނުން ޖެހި ހަވަނަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޗެލްސީގެ ފޯވާޑް ޓިމޯ ވާނާ އެވެ. އޭގެފަހުން، މެޗުގެ 75 ވަނަ މިނެޓުގައި ލެޓްވިއާގެ އަލެކްސެއީސް ސަވެލްޔެވްސް އެ ޓީމަށް ފަރަގު ކުޑަކޮށްދީފައިވަނިކޮށް އޭގެ މިނެޓެއްފަހުން، ޖަރުމަނުގެ ހަތްވަނަ ލަނޑުޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލެރޯއީ ސާނޭ އެވެ.
ޔޫރޯގައި ޖަރުމަނު ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ ނިކުންނާނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އެންމެ ފަހުގެ ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލް އަދި ހަންގޭރީ އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން