އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފަހުވަގުތު ޖޯން ސްޓޯންސް ވައްދާލި ލަނޑާއެކު މެންޗެސްޓާ ސިޓީން 2-2 އިން އާސެނަލްއާ އެއްވަރުކޮށްފިއެވެ.

މި ނަތީޖާއާއެކު ސިޓީ ވަނީ ފަސް މެޗުން ހޯދީ 13 ޕޮއިންޓާއެކު އެއްވަނަ އަށް ޖެހިލައިފައެވެ. އޭގެ އެއްޕޮއިންޓް ފަހަތުން ދެވަނައިގައި ލިވަޕޫލް އޮތްއިރު، ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާގޯލްގެ ތަފާތުން ތިނެއްގައި އޮތީ އެސްޓަން ވިލާ އެވެ. އާސެނަލް އޮތީ ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ނުވަވަނަ މިނެޓުގައި ސިޓީން ލީޑްނެގީ ނޯވޭގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް ކާމިޔާބުކުރި ގޯލުންނެވެ. މިއީ މިފަހަރުގެ ސީޒަނުގެ ލީގުގައި އޭނާ ޖެހި 10 ވަނަ ލަނޑެވެ. މިއާއެކު، ހާލަންޑް ވަނީ ޔޫރަޕްގެ އެއްކްލަބަކަށް އެންމެ އަވަހަށް 100 ލަނޑުޖަހައިގެން ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް މިއަދަދު ހަމަކުރީ 105 މެޗުންނެވެ.

އޭގެފަހުން، މެޗުގެ 22 ވަނަ މިނެޓުގައި އިޓަލީގެ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ އާއި އިތުރުވަގުތުގެ ތެރޭގައި ބްރެޒިލްގެ ޑިފެންޑަރު، ގެބްރިއެލް މަގަލޭޝް ވައްދާލި ގޯލާއެކު އާސެނަލުން ފުރަތަމަ ހާފު ނިމުމުގެކުރީން ވަނީ ނަތީޖާ 2-1 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެފަހުން، މި ހާފު ނިމެންދަނިކޮށް އާސެނަލްގެ ބެލްޖިއަމް ވިންގް، ލެއަންޑްރޯ ޓްރޮސާޑް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ.

މިއާއެކު، ދެވަނަ ހާފު އެއްކޮށް އާސެނަލުން ކުޅުނީ އަމިއްލަ ހާފުގައި އޭރިޔާކައިރީގައި ވަރަށް ބޮޑަށް ފަހަތަށްޖެހިގެން ޑިފެންސިވް ގޭމެކެވެ. އޭގެނަތީޖާއެއްގެ ގޮތުން، ސިޓީން ވަނީ އާސެނަލްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އޭގެތެރޭގައި، ހާލަންޑް ފޮނުވާލި ނުރައްކާތެރި ބޯޅައެއް އާސެނަލްގެ ގޯލްކީޕަރު، ޑޭވިޑް ރާޔާ މަތަކުރިއިރު، ދެވަނަ ފަހަރަށް އެ ބޯޅަ ބެނާޑޯ ސިލްވާ ފޮނުވާލުމުން ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. އަދި އޭގެފަހުން، ސިޓީގެ ކްރޮއޭޝިއާ ޑިފެންޑަރު، ޔޮޝްކޯ ގްވާޑިއޯލް ފޮނުވާލި ހަމަލާ ވެސް ރާޔާ ހުއްޓުވިއެވެ.

އެކަމަކު، މެޗުގެ 98 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާތެރެއިން ސްޓޯންސް ފޮނުވާލި ބޯޅަ ރާޔާ އަށް ނުހުއްޓުވުނެވެ. މިއީ ސިޓީގެ އިލްކާއި ގުންޑޮގާން އާއި ޖެކް ގްރީލިޝް ގުޅިގެން އުފެއްދި އެޓޭކެއްގައި އެ ޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު، މަޓެއޯ ކޮވިސިޗް ފޮނުވާލި ހަމަލާ އާސެނަލްގެ ޑިފެންޑަރު، ޔަކޫބް ކިވިއޯ ގައިގަ ޖެހިފައި ޕެނަލްޓީއޭރިޔާ ތެރޭގައި ފެނުޖެހުނު ވަގުތު ސްޓޯންސް އެ ބޯޅަ ގޯލްގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މި މެޗަށް ދެ ޓީމުން ނިކުތްއިރު އަނިޔާގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިންނަށް ނުކުޅެވުނެވެ. އޭގެތެރޭގައި، ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ އާއި ނެދަލެންޑްސްގެ ޑިފެންޑަރު، ނޭތަން އަކޭގެ އިތުރުން އާސެނަލްގެ ކެޕްޓަން، މާޓިން އޮޑެގާޑް އާއި މި ފަހަރުގެ ސީޒަނަށް އެ ޓީމަށް ގެނައި ސްޕެއިނުގެ މިޑްފީލްޑަރު، މިކޭލް މެރީނޯ ހިމެނެއެވެ. މީގެއިތުރުން، މި މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން ސިޓީގެ ސްޕެއިން މިޑްފީލްޑަރު، ރޮޑްރީ ވަނީ ބަދަލުކޮށްފައިވުމުން އެ ޓީމުގެ ކޯޗު، ގާޑިއޯލާ އަށް ވަނީ އިތުރު ބޮލުގެ ރިހުމެއް ކުރިމަތިވެފައެވެ.