އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި ނިކޮލަސް ޖެކްސަން ވައްދާލި ދެ ލަނޑާއެކު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-0 އިން ޗެލްސީ މޮޅުވެއްޖެއެވެ.
މިއީ ވެސްޓް ހޭމްގެ ތާރީޚުގައި ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފުރަތަމަ ކުޅުނު ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، މިއީ ޗެލްސީން ލީގުގައި ރަށުން ބޭރުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ތިންވަނަ ފަހަރު ވެސް މެއެވެ.
މި ނަތީޖާއާއެކު ޗެލްސީ ވަނީ ފަސް މެޗުން 10 ޕޮއިންޓް ހަމަކޮށް، ފައިދާގޯލްގެ ތަފާތުން ވަގުތީގޮތުން ތާވަލްގެ ދެވަނަ އަށް ޖެހިލައިފައެވެ. އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީ އަށް ހަތަރު މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. މިވަގުތު ތިނެއްގައި އޮތް އާސެނަލް އާއި ހަތަރުވަނައިގައި އޮތް ލިވަޕޫލަށް ވެސް ލިބިފައިވަނީ 10 ޕޮއިންޓެވެ.
ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑުގެ ތެރެއިން ޗެލްސީން ދެ ގޯލްޖެހީ ފުރަތަމަ 20 މިނެޓުގެ ތެރޭގައެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ޗެލްސީން ލީޑްނެގީ އިނގިރޭސި ވިންގް، ޖޭޑަން ސަންޗޯ ދިން ބޯޅައަކުން ޖެކްސަން ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 18 ވަނަ މިނެޓުގައި މޮއިސެސް ކައިސޭޑޯ ދިން ޕާހަކުން ޖެކްސަން ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށީތާ ދެ މިނެޓުގެ ތެރޭގައި ޗެލްސީގެ ތިންވަނަ ލަނޑުޖަހައިދިނީ ކޯލް ޕާމާ އެވެ. އޭނާ މި ލަނޑުޖެހީ ޖެކްސަން ދިން ބޯޅައަކުންނެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ޕާމާ ޖެހި ދެވަނަ ގޯލެވެ. މިހާތަނަށްއައިއިރު އޭނާ ވަނީ ލީގުގައި އިތުރު ހަތަރު ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.
ލީގުގައި ޗެލްސީ އަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން