އަންނަ ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަވަނަ ކެރަމް ވޯލްޑް ކަޕަށް ވަމުންދާ ތައްޔާރީތައް އެންމެ ރަނގަޅަށް ކުރިއަށްދާ ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ބުނެފިއެވެ.

އެމެރިކާގެ ކެރަމް އެސޯސިއޭޝަން (ޔޫއެސްސީއޭ)ގެ އިސްނެގުމުގެ މަތީން، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މިފަހަރުގެ ވޯލްޑް ކަޕް ކުރިއަށްދާނީ ނޮވެންބަރު 10-17 އަށް ކެލިފޯނިއާގެ ސެން ފްރާންސިސްކޯ ބޭ އޭރިއާގައެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ފަރިތަކުރުންތައް މި މަހުގެ ކުރީކޮޅު ފަށާފައިވާއިރު، އެކި ދަންފަޅިއަށް ބަހާލައިގެން ރަނގަޅަށް ކުރިއަށްދާ ކަމަށް ސީއޭއެމްގެ ޖެނެރަލް ސެކެޓްރީ، ހުސެއިން ރައުޝާން ވިދާޅުވިއެވެ.

އަދި، މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ކޯޗެއްގެ ގޮތުގައި އައްޔަންކޮށްފައިވާ، ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ އިންޑިއާގެ ޕްރަޝާންތު މޯރޭ ވަރަށް އަވަހަށް ޓީމާ ގުޅޭނެ ކަމަށް ވެސް ރައުޝާން ވިދާޅުވިއެވެ.

މި އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނެނީ؛ ފަސް ފިރިހެން ކުޅުންތެރިންނާއި، ފަސް އަންހެން ކުޅުންތެރިންނެވެ. ގައުމީ ފިރިހެން ޓީމުގައި ހިމެނެނީ؛ އިސްމާއިލް އަޒްމީން، އިބްރާހިމް ހުޖާން އަލީގެ އިތުރުން ހަސަން ނާޒިމް (ނާނަ) އާއި މުޙައްމަދު މުންތަސިރު އަދި ޚާތިމް ޚަލީލް އެވެ. ގައުމީ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ؛ އައިމިނަތު ވިދާދް، އައިޝަތު ނަހުފާ، އައިޝަތު ފައިނާޒް، ފާތިމަތު ރަޔާނާ އާއި އައިމިނަތު ޝުބާ އާދަމް އެވެ.

ގައުމީ ޓީމުން އެންމެ ފަހުން ވާދަކުރި ބައިނަލްއަގުވާމީ މުބާރާތް ކަމަށްވާ، ރާއްޖޭގައި މިދިޔަ އޭޕްރީލް މަހުގައި ބޭއްވި ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ފިރިހެން ޓީމުން ރިހި މެޑެލް ހާސިލްކުރިއިރު އަންހެން ޓީމުން ވަނީ ލޯ މެޑެލް ހޯދައިފައެވެ. އަދި ޑަބަލްސް އިވެންޓްގައި ރާއްޖޭގެ އަޒްމީން އާއި ނާޒިމް (ނާނަ)ގެ ޕެއާ ވެސް ރިހި މެޑެލް ހޯދިއެވެ.

މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް އޯޕަން ސިންގަލްސް، އޯޕަން ޑަބަލްސްގެ އިތުރުން ޓީމް އިވެންޓް އަދި ސްވިސް އިވެންޓް ކުޅުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން، މި ފަހަރުގެ ވޯލްޑް ކަޕް ކުރިއަށްދާ ދުވަސްވަރު ޔޫއެސް އޯޕަން އިންވިޓޭޝަނަލް މުބާރާތް ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ.