ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ކުޅުނު ފަހު މެޗުގައި އިޒްރޭލް އަތުން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ. މި މެޗުން ޕޯޗުގަލް މޮޅުވީ 4-0 އިންނެވެ.

އެ ޓީމުން މި ފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސްޕެއިންއާ ދެކޮޅަށް 0-0 އިން ލަނޑެއްނުޖެހި ވަނީ އެއްވަރުވެފައެވެ.

ލިޒްބަންގައި ހުންނަ އެސްޓާޑިއޯ ހޯސޭ އަލްވަލާޑޭގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޕޯޗުގަލް އަށް ލީޑްނަގައިދިނީ މެންޗެސްޓާ ޔުނައިޓެޑްގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އެވެ. އޭގެ ދެ މިނެޓުފަހުން، ފެނާންޑޭސް ތަނަވަސްކުރި ފުރުޞަތަކުން އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މި މެޗުގައި ޕޯޗުގަލް އިން ޖެހި އަނެއް ދެލަނޑުޖެހީ ފަހު ފަސް މިނެޓުގެ ތެރޭގައެވެ. އެގޮތުން، އެ ޓީމުގެ ތިންވަނަ ލަނޑު، މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެންޗެސްޓާ ސިޓީގެ ފުލްބެކް ޔާއޯ ކަންސޭލޯ އެވެ. އަދި މެޗުގެ އިތުރުވަގުތުގައި ފެނާންޑޭސް ކާމިޔާބުކުރި ދެވަނަ ގޯލާއެކު އެ ޓީމުން މެޗު ނިންމާލީ 4-0 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ގޯލާއެކު ޕޯޗުގަލްގެ ގައުމީ ޓީމަށް އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 104 އަރާފައެވެ. މިއާއެކު، އީރާންގެ ފޯވާޑް އަލީ ދާއީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިގެން ހަދާފައިވާ ރެކޯޑާ އަރާ ހަމަކުރަން ރޮނާލްޑޯ ބޭނުންވަނީ އެންމެ ފަސް ގޯލެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ތުރުކީއާ ދެކޮޅަށް އިޓަލީ ކުޅޭ މެޗުން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށިގެންދާއިރު، މި މުބާރާތުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 15 ވާ އަންގާރަ ދުވަހު ނިކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ. އަދި އޭގެ ހަތަރު ދުވަސް ފަހުން އެ ޓީމު ކުޅޭ ދެވަނަ މެޗުގައި ޖަރުމަނާ ދެކޮޅަށް ނިކުންނައިރު، ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ކުޅޭ ފަހު މެޗުގައި މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ ރޭ ނިކުންނާނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ދެކޮޅަށެވެ.