ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން 3-2 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކޮށް އިޓަލީ އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ މި މުބާރާތުގެ ޗެމްޕިއަންކަން އިޓަލީ އިން ހޯދި ދެވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދީ 1968 ވަނަ އަހަރު އެވެ. އަދި މިއީ ޔޫރޯގެ ތާރީޚުގައި ފައިނަލް މެޗެއްގައި ނަތީޖާ ނެރުމަށް ޕެނަލްޓީ ޝޫޓްއައުޓް އަށް ދާން ޖެހުނު ހަތްވަނަ ފަހަރެވެ. މީގެއިތުރުން، އިޓަލީ ވަނީ ޔޫރޯގެ އެއް މުބާރާތެއްގައި ދެ ފަހަރު މަތީން ޕެނަލްޓީ ޝޫޓްއައުޓްގައި ކުރިހޯދި ހަމައެކަނި ޓީމުގެ ޝަރަފު ހޯދާފައެވެ.
އިންގްލެންޑުން ރޭގެ މެޗަށް ނިކުތީ މިދިޔަ ބުރާސްފަތި ދުވަހު ޑެންމާކާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ބުކާޔޯ ސާކާގެ ބަދަލުގައި ކިއެރަން ޓްރިޕިއާ އަށް ފުރުޞަތުދިނުމަށްފަހު ކޯޗު ގަރެތު ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އެ ޓީމުން އާއްމުކޮށް ބޭނުންކުރަމުން އައި ފޯމޭޝަން ކަމަށްވާ ދެ ވިންގް ބެކުން ލައިގެންނެވެ. އިޓަލީ އިން ރޭގެ މެޗަށް ނިކުތްއިރު ސްޕެއިން އަތުން މޮޅުވި މެޗުގެ ފުރަތަމަ އެގާރަ އަށް ބަދަލެއް ގެނެސްފައެއްނުވެއެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ކުރީން ލީޑްނެގީ ވެސް އިންގްލެންޑުންނެވެ. މެޗު ފެށިގެން އެއް މިނެޓާއި 56 ސިކުންތުގެ ތެރޭގައި އެ ޓީމަށް މިލަނޑުޖަހައިދިނީ މެންޗެސްޓާ ޔުނައިޓެޑްގެ އިތުބާރު ފުލްބެކް ލޫކް ޝޯ އެވެ. މިއީ ޓްރިޕިއާ ނަގައިދިން ހުރަހަކުން ޕެނަލްޓީއޭރިޔާ ތެރެއިން އެއްފަހަރުން ފޮނުވާލި ހަމަލާއަކުން ޝޯ ކާމިޔާބުކުރި ރީތި ގޯލެކެވެ. މިއީ އިނގިރޭސި ޖާޒީގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. މި ހާފުގައި އިޓަލީ އަށް އެއްވަރުކޮށްދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޔުވެންޓަސްގެ ހަލުވި ވިންގާ ފެޑެރީކޯ ޗިއޭސާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
އިޓަލީ އިން އެއްވަރުކުރި ލަނޑު، މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންސްލައިންގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ލިއޮނާޑޯ ބޮނޫޗީ އެވެ. މިއީ އެ ޓީމުގެ ޑޮމެނިކޯ ބެރާޑީ ނަގައިދިން ކޯނަރަކުން ޕެނަލްޓީއޭރިޔާ ތެރެއަށް ހުރަސްވި ބޯޅަ މާކޯ ވެރާޓީ ބޮލުން ފޮނުވާލުމުން އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑްގެ އަތުގައި ޖެހިފައި ގޯލްގެ ދަނޑީގައިވެސް ޖެހިފައި ގޯލް ކުރިމައްޗަށް އައި ވަގުތު ބޮނޫޗީ ހަމަޖެހިލާފައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މި ގޯލާއެކު ބޮނޫޗީ ވަނީ ޔޫރޯގެ ފައިނަލެއްގައި ލަނޑުޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ރޭގެ މެޗުގައި ލަނޑުޖެހިއިރު ބޮނޫޗީގެ އުމުރަކީ 34 އަހަރާއި 71 ދުވަހެވެ. އަދި އިޓަލީ އަށް ޔޫރޯގެ މުބާރާތްތަކުގައި އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް އޮންނަނީ ވެސް ބޮނޫޗީ އަތުގައެވެ. އޭނާ ވަނީ މިހާތަނަށް 18 މެޗު ކުޅެފައެވެ. ދެން އެންމެ ގިނަ މެޗު ކުޅެފައިވާ އެ ޓީމުގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ ވަނީ 17 މެޗު ހަމަކޮށްފައެވެ.
މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ދެން ކުޅެވުނު އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގައި ވެސް ގޯލެއް ކާމިޔާބުކުރެވޭގޮތްނުވުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އިންގްލެންޑުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ފުރަތަމަ ފޮނުވާލި ދެ ޕެނަލްޓީ ކާމިޔާބުކުރިއެވެ. މި ދެ ޕެނަލްޓީ ޖެހީ ހެރީ ކޭން އާއި ހެރީ މެގުއާ އެވެ. އެ ޓީމުގެ މާކަސް ރަޝްފޯޑް ފޮނުވާލި ޕެނަލްޓީ ގޯލްގެ ދަނޑިއަށް އަމާޒުވިއިރު، ޖޭޑަން ސަންޗޯ އާއި ބުކާޔޯ ސާކާ ފޮނުވާލި ޕެނަލްޓީތައް އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ މަތަކުރިއެވެ. އިޓަލީގެ ފަސް ޕެނަލްޓީގެ ތެރެއިން ބެރާޑީ އާއި ބޮނޫޗީ އަދި ފެޑެރީކޯ ބާނަޑެސްކީ ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ފޯވާޑް އަންދްރެއާ ބެލޮއްޓީ އާއި ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީތައް އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ހުއްޓުވިއެވެ.
ރޭގެ މެޗާއެކު އިންގްލެންޑުން ވަނީ ޔޫރޯގެ ތާރީޚުގައި ޕެނަލްޓީ ޝޫޓްއައުޓްގައި އެންމެ ގިނަ ފަހަރު ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ޓީމުގެ ޝަރަފު ހޯދާފައެވެ. މި މުބާރާތުގައި އެ ޓީމުން ޕެނަލްޓީޖަހައިގެން ހަތަރު މެޗުން ބަލިވިއިރު، ބޮޑު މުބާރާތެއްގައި އެ ޓީމުން އެންމެ ފަހުން ކުރިމަތިލި ނުވަ ޕެނަލްޓީ ޝޫޓްއައުޓްގެ ތެރެއިން މޮޅުވީ ދެ ފަހަރު އެވެ.
އިޓަލީ އިން ވަނީ މި މެޗުން މޮޅުވެ، މެޗަކުން ބަލިނުވެ ދަމަހައްޓަމުންއަންނަ ރެކޯޑް 34 މެޗަށް އިތުރުކޮށްފައެވެ. އެ ޓީމު އެންމެ ފަހުން މެޗަކުން ބަލިވީ 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެވެ. މީގެއިތުރުން، އަންނަ އޮކްޓޫބަރު މަހު ކުޅުމަށް ހަމަޖެހިފައިވާ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުގައި ކުރިއަށްހުރި މެޗުތަކަށްފަހު އެ ޓީމުގެ ބަލިނުވުމުގެ ސިލްސިލާ އިތުރުކޮށް، މި އަހަރުގެ ތެރޭގައި އިތުރު ޓްރޮފީއެއް ހޯދުމުގެ ފުރުޞަތު އެބައޮތެވެ. އެ މުބާރާތުގެ ސެމީ ފައިނަލްގައި ސްޕެއިނާ ދެކޮޅަށް ނިކުންނައިރު، ފައިނަލަށް ދަތުރުކޮށްފިނަމަ ބައްދަލުކުރަން ޖެހޭނީ ބެލްޖިއަމާއި ފްރާންސް ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން