މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޔޫކްރޭން 3-2 ގެ ނަތީޖާއަކުން ބަލިކޮށް ނެދަލެންޑްސް އިން އެނބުރިއައި މެޗުން މޮޅަކުން ފެށިއިރު، މި ގްރޫޕުގެ އަނެއް މެޗުގައި ނޯތު މެސެޑޯނިއާގެ މައްޗަށް 3-1 އިން ކުރިހޯދައި އޮސްޓްރިއާ އިން މި މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.
މީގެ 33 އަހަރު ކުރީން ކުޅެވުނު ޔޫރޯ މުބާރާތުގެ ޗެމްޕިއަން ނެދަލެންޑްސް އިން ބޮޑު މުބާރާތެއްގައި އެންމެ ފަހުން ވާދަކުރީ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައެވެ. އޭގެފަހުން، ކުޅެވުނު ފުޓްބޯޅަ ދެ މުބާރާތް ކަމަށްވާ 2016 ވަނަ އަހަރުގެ ޔޫރޯ އާއި 2018 ވަނަ އަހަރު ރަޝިޔާގައި ކުރިއަށްދިޔަ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިނުވެއެވެ.
އެމްސްޓެޑަމްގައި ހުންނަ ޔޯހަން ކްރައިފް އެރީނާގައި ކުޅެވުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއްލިބި ވަނީ ބޭކާރުވެފައެވެ. ނެދަލެންޑްސްގެ ކެޕްޓަން ޖޯޖީނިއޯ ވައިނަލްޑަމް ފޮނުވާލި ހަމަލާ ޔޫކްރޭންގެ ކީޕަރު ޖިއޯޖް ބުޝްޗާން މަތަކުރިއިރު އެ ޓީމުގެ ޑެންޒެލް ޑަމްފްރީސް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ. މި ހާފުގައި ޔޫކްރޭންގެ ފޯވާޑް އެންޑީ ޔާމޮލެންކޯ އަށް ލިބުނު ދެ ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. ޔާމޮލެންކޯ ފޮނުވާލި ދެ ހަމަލާގެ ވެސް ހުރަހަކަށްވީ ނެދަލެންޑްސްގެ ކީޕަރު މާޓެން ސްޓެކެލެންބާގް އެވެ.
ރޭގެ މެޗުގައި ނެދަލެންޑްސް އިން ޖެހި ފުރަތަމަ ލަނޑު، މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވައިނަލްޑަމް އެވެ. މިއީ ނެދަލެންޑްސްގެ ކުޅުންތެރިއަކު ހުރަހަކުން ނެގި ބޯޅައެއް ޔޫކްރޭންގެ ކީޕަރު ބުޝްޗާންގެ އަތުގައި ޖެހިފައި ނިކުތްވަގުތު ވައިިނަލްޑަމް ކާމިޔާބުކުރި ގޯލެކެވެ. ނެދަލެންޑްސް އިން މިލަނޑުޖެހިތާ ހަތް މިނެޓުފަހުން، ވައުޓް ވެހޯސްޓް ވަނީ އިތުރު ގޯލެއްޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
އޭގެފަހުން، މެޗުގެ 75 ވަނަ މިނެޓުގައި ރޯމަން ޔަރެމްޗުކް ދިން ބޯޅައަކުން ޔާމޮލެންކޯ ވަނީ ޔޫކްރޭނަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ ގޯލާއި 20 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ޔާމޮލެންކޯ ކާމިޔާބުކުރި ރީތި ގޯލެކެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން، ހިލޭޖެހުމަކުން ރުސްލާން މަލިނޮވްސްކީ ފޮނުވާލި ބޯޅައަކުން ޔަރެމްޗުކް ވަނީ ޔޫކްރޭނަށް އެއްވަރުކޮށްދީފައެވެ. މި މެޗުން ނެދަލެންޑްސް މޮޅުކޮށްދިން ލަނޑު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޑަމްފްރީސް އެވެ.
ރޫމޭނިއާގެ ބުކަރެސްޓްގައި ހުންނަ ނޭޝަނަލް އެރީނާގައި ރޭ ނޯތު މެސެޑޯނިއާއާ ދެކޮޅަށް އޮސްޓްރިއާ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އޮސްޓްރިއާ އިންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ސްޓެފައިން ލައިނާ އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު މާސެލް ސަބިޓްޒާ ވާތްފަރާތުން ނެގި ހުރަހަކުން ލިބުނު ބޯޅައަކުން ލައިނާ ކާމިޔާބުކުރި ގޯލެކެވެ.
އޮސްޓްރިއާ އިން މިލަނޑުޖެހިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި ނޯތު މެސެޑޯނިއާ އަށް އެއްވަރުކޮށްދިނީ ކެޕްޓަން ގޯރަން ޕަންޑޭވް އެވެ. މިއީ އޮސްޓްރިއާގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޕަންޑޭވް ކާމިޔާބުކުރި ގޯލެކެވެ. މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ނޯތު މެސެޑޯނިއާ އިން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އޮސްޓްރިއާގެ ކޯޗު ފްރޭންކޯ ފޯޑާ ގެނައި ބަދަލުތަކާއެކު އެ ޓީމުން ވަނީ މެޗުގެ 78 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް އަލުން ލީޑްނަގާފައެވެ. މިއީ އެ ޓީމުގެ ކެޕްޓަން ޑޭވިޑް އަލަބާ ނަގައިދިން ރީތި ހުރަހަކުން މި ހާފުގައި ކުޅެން ނިކުތް މިކޭޅް ގްރިގޯރިޓްޗް ބޮލުން ކާމިޔާބުކުރި ގޯލެކެވެ. އޮސްޓްރިއާގެ ތިންވަނަ ލަނޑު، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް މާކޯ އާނައުޓޮވިޗް އެވެ. އޮސްޓްރިއާގެ ފަހު ދެލަނޑުޖަހައިދިން އާނައުޓޮވިޗް އާއި ގްރިގޯރިޓްޗް ކުޅެން ނިކުތީ ދެވަނަ ހާފުގައެވެ.
މި މެޗުން ހޯދީ މޮޅާއެކު އޮސްޓްރިއާ އިން ވަނީ ޔޫރޯގެ ތާރީޚުގެ ތެރެއަށް ޖެހިލާފައެވެ. މިފަހަރުގެ މުބާރާތާއި ކުރިމަތިލިއިރު އެ ޓީމުން މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރި ދެ ފަހަރު ވެސް މޮޅެއް ހޯދިފައިނުވެއެވެ. ދެ މެޗުން އެއްވަރުވިއިރު، ބާކީ ހަތަރު މެޗުން ވީ ބައްޔެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން