ސްޕޮޓިފައިގެ ފައުންޑާ ސްވިޑެންގެ ބިލިއަނަރު ޑެނިއަލް އެކްގެ ފަރާތުން އާސެނަލް ގަތުމަށް ބޮޑު ހުށަހެޅުމެއް ލިބުނު ނަމަވެސް، އެ ކްލަބު ނުވިއްކާނެކަމަށް އާސެނަލްގެ ވެރިޔާ ސްޓޭން ކްރޮއެންކާ ބުނެފިއެވެ.

އާސެނަލްގެ ލެޖެންޑުންތަކަކާ ގުޅިގެން ސްޕޮޓިފައިގެ ފައުންޑާ ސްވިޑެންގެ ބިލިއަނަރު ޑެނިއަލް އެކް، އާސެނަލް ގަންނަން ކުރާ މަސައްކަތުގެ ތެރެއިން މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރީން ހުށަހެޅި 1.8 ބިލިއަން ޕައުންޑްގެ ބިޑަށް ވެސް ކްރޮއެންކާ ވަނީ ފުރަގަސްދީފައެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މިހާރު އާސެނަލް ގަތުމަށް އެކްގެ ފަރާތުން ދެވަނަ ބިޑެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ގާތްގަނޑަކަށް 2 ބިލިއަން ޕައުންޑް ބިޑް ކުރާނެ ކަމަށްވެސް ވެއެވެ. އެހެންނަމަވެސް، އެކްގެ ދެވަނަ ހުށަހެޅުމަށްވެސް ކްރޮއެންކާ، އާސެނަލް ނުވިއްކާނެކަމަށް ބުނެފައިވާކަމަށް މީޑިއާ ހަބަރުތައް ބުނެއެވެ.

އުމުރުން 38 އަހަރުގެ އެކް، އާސެނަލް ގަންނަން އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރީ އޭނާ ކުރި ޓުވީޓެއްގައެވެ. އެކް ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކްރޮއެންކާ، އާސެނަލް ވިއްކާލަން ވިސްނާނަމަ އެ ކްލަބް ގަންނަން ޝައުގުވެރިވާކަމަށެވެ.

އަމިއްލަ މިލްކިއްޔާތުގައި ގާތްގަނޑަކަށް 2.8 ބިލިއަން ޕައުންޑް (4 ބިލިއަން ޑޮލަރު) ހުރި އެކް، އާސެނަލް ގަންނަން ރަސްމީކޮށް މަސައްކަތް ފެށީ މީގެ މަހެއްހާ ދުވަސް ކުރީންނެވެ. އެކް ބުނީ ފުޓްބޯޅައަށް ޝައުގުވެރިކަން އުފެދުނީ އާސެނަލްގެ ސަޕޯޓަރެއްގެ ގޮތުގައި ކަމަށާއި، މިހާރު ކްލަބު އޮތް ހާލަތުގެ ސަބަބުން ސަޕޯޓަރުންގެ އަޑުއަހާނެ ލީޑަޝިޕެއް އައުން ވަރަށް މުހިއްމު ކަމަށްވެސް އޭނާ ބުންޏެވެ.

ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އާސެނަލްގެ ވެރިޔާ ކްރޮއެންކާއާ މެދު ކްލަބުގެ ސަޕޯޓަރުންގެ ނަފުރަތާއި ނުރުހުމުގެ ބަސްތައް އިތުރުވެފައިވާއިރު، ދާދިފަހުން މައްސަލަ ބޮޑުވި ޔޫރަޕިއަން ސުޕަ ލީގުގައި އާސެނަލް ބައިވެރިވުމުން އެކަމުގައި ކްރޮއެންކާ ކުޅެފައިވާ ދައުރު ބޮޑުކަމުން ވެސް ދެފަރާތުގެ ގުޅުން އިތުރަށް ގޯސްވެފައިވެއެވެ. އަދި ފަހަކަށްއައިސް އެ ޓީމުގެ ނަތީޖާތައް ދަށްވަމުން އައުމުގެ ސަބަބަކީ ވެސް ކްރޮއެންކާ، އާސެނަލަށް އެކަށީގެންވާވަރަށް އިންވެސްޓް ނުކުރާތީކަމަށްވެސް ސަޕޯޓަރުން ގަބޫލުކުރެއެވެ.

ކްރޮއެންކާގެ ކޭއެސްއީ އިން އެންމެ ފުރަތަމަ އާސެނަލްގެ ހިއްސާ ގަތީ 2007 ވަނަ އަހަރު އެވެ. އެއަށްފަހު، 2011 ވަަނަ އަހަރު މެޖޯރިޓީ ހިއްސާދާރަކަށްވި އެވެ. އަދި އޭގެފަހުން، އޭރު އާސެނަލްގެ ހިއްސާދާރެއް ކަމަށްވާ ރަޝިޔާގެ ބިލިއަނަރު އެލިޝާ އުސްމަނޯވް އަތުން ބާކީ ހުރި ހިއްސާތަކާއެކު، ކްލަބު އެއްކޮށް ގަތީ 2018 ވަަނަ އަހަރު އެވެ.

މީގެކުރީން، އެފްރިކާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ ނައިޖީރިއާގެ އަލީކޯ ޑަންގޯޓޭ ވެސް އާސެނަލް ގަންނަން ދެ ފަހަރެއްގެ މަތީން މަސައްކަތްކޮށް، ކްރޮއެންކާ އެ ކްލަބު ވިއްކާލަން ދެކޮޅު ހެދުމުން އެކަމުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވެއެވެ.