ލާޒިއޯގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ޔުވެންޓަސްގެ ކުރީގެ ކޯޗު މައުރީޒިއޯ ސާރީ ހަމަޖައްސައިފިއެވެ.

ކުރިން ނަޕޯލީގެ އިތުރުން ޗެލްސީ އަށް ވެސް އިރުޝާދުދީފައިވާ ސާރީ، ލާޒިއޯއާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

އުމުރުން 62 އަހަރުގެ ސާރީ، އެންމެ ފަހުން ކޯޗުކޮށްދިން ޔުވެންޓަސްގެ ވަޒީފާ ގެއްލުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އެ ޓީމު ކެޓުމުންނެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ޔުވެންޓަސް އިން ވަކިކުރިފަހުން ސާރީ ހުރީ އެހެން ޓީމަކާ ހަވާލުނުވެއެވެ.

ލާޒިއޯގެ ކޯޗުގެ މަގާމު ހުސްވީ ކުރީން އެ ޓީމާ ހަވާލުވެ ހުރި ސިމޯނީ އިންޒީގާ، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް އިންޓަ މިލާންގެ ކޯޗުގެ މަގާމަށް ދިއުމުންނެވެ. 

ޔުވެންޓަސް އާއެކު ސާރީ ހޭދަކުރީ އަހަރެއްހާ ދުވަހުގެ ތެރޭގައި އިޓާލިއަން ލީގު ކާމިޔާބުކުރި ނަމަވެސް، އިޓާލިއަން ކަޕާއި، އިޓާލިއަން ސުޕަ ކަޕުގެ ފައިނަލުން ވަނީ ބަލިވެފައެވެ. ސާރީ މަގާމުން ދުރުކުރުމަށްފަހު އެ ޓީމާ ހަވާލުވި ކުރީގެ ކުޅުންތެރިޔާ އަންދްރޭ ޕިރްލޯގެ ވަޒީފާވެސް އެއް ސީޒަނަށްފަހު ވަނީ ގެއްލިފައެވެ.

ސާރީ، ޔުވެންޓަސްއާ ހަވާލުވުމުގެ ކުރީން އިންގްލެންޑްގައި ޗެލްސީ އާއެކު 2019 ވަނަ އަހަރުގެ ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކުރުމަށްފަހު ކޯޗުގެ މަގާމުން ވަކިކުރީ އެއް ސީޒަނަށްފަހު އެވެ. ޗެލްސީގެ ކޯޗުގެ މަގާމަށް އައުމުގެ ކުރީން އޭނާ ވަނީ ނަޕޯލީގައި ތިން އަހަރު ހޭދަކޮށްފައެވެ. މި ތިން އަހަރުގެ ތެރޭގައި އެ ޓީމާއެކު ތަށްޓެއް ހޯދިފައެއްނުވެއެވެ.

އޭގެކުރީން، ސާރީގެ ކޯޗިން ކެރިއަރުގެ ކުރީކޮޅު ބޭންކެއްގައި ވަޒީފާއަދާކުރަމުން ޕާޓްޓައިމްކޮށް އިޓަލީގެ ދަށް ޑިވިޝަނުގެ ޓީމުތަކަށް ވަނީ އިރުޝާދު ދީފައެވެ.