އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި، ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަން، ސްޕެއިނުން އެއް ކުޅުންތެރިއަކު މަދުކޮށް ރަށުން ބޭރުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުން 4-1 އިން މޮޅުވިއިރު، ފަބިއެން ރުއިޒް ވަނީ ދެ ލަނޑުޖަހައިފައެވެ.

މިއީ މި ފަހަރުގެ ނޭޝަންސް ލީގުގައި ސްޕެއިން މޮޅުވި ފުރަތަމަ މެޗެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ސާބިއާ އާ ވަނީ ލަނޑެއްނުޖެހި އެއްވަރުވެފައެވެ. އަނެއްކޮޅުން، މިއީ މި ފަހަރުގެ މުބާރާތުގައި ސްވިޒަލެންޑް ބަލިވި ދެވަނަ ފަހަރެވެ. 

ސްޕެއިނުން މި މެޗަށް ނިކުތްއިރު ސަސްޕެންޝަނުގެ ސަބަބުން ސާބިއާ އާ ދެކޮޅަށް ނުކުޅެވުނު އެ ޓީމުގެ މިޑްފީލްޑަރު، ރޮޑްރީ އެނބުރި ޓީމާ ގުޅުނުއިރު، ކެޕްޓަން، އަލްވާރޯ މޮރާޓާ އަނިޔާގެ ސަބަބުން ނުކުޅެއެވެ.

ސްވިޒަލެންޑުން މި މެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން އެ ޓީމުގެ ކެޕްޓަން، ގްރޭނިޓް ޒާކާ އާއި ނިކޯ އެލްވެޑީ އަށް ނުކުޅެވުމެވެ.

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ސްޕެއިނުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

 

ސްޓޭޑް ޑެ ޖެނީވްގައި ރޭ ކުޅުނު މި މެޗު ފެށިގެން ފުރަތަމަ 13 މިނެޓުގެ ތެރޭގައި ސްޕެއިނުން ވަނީ ދެ ލަނޑުގެ ލީޑެއްނަގައިފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، ހަތަރުވަނަ މިނެޓުގައި ހޮސެލޫ ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ހުނަރުވެރި ވިންގް، ލަމީން ޔަމާލް ނަގައިދިން ހިތްގައިމު ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ. ގޯލް ރޮނގު ހުރަސްކުރިކަން ޔަގީންކުރުމަށްފަހު ރެފްރީ މި ލަނޑު ގަބޫލުކުރަން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.

ސްޕެއިނުން ލީޑްނެގިތާ ކުޑައިރުކޮޅެއްގެތެރޭގައި ސްވިޒަލެންޑުން އެއްވަރުކުރިއެވެ. ނަމަވެސް، މެޗުގެ ހަތްވަނަ މިނެޓުގައި ސްވިޒަލެންޑްގެ ފުލްބެކް، ބެކިރް އޮމަރެޖިޗް އެ ބޯޅަ ގޯލްގެތެރެއަށް ފޮނުވާލުމުގެ ކުރީން، އެ ޓީމުގެ މިޑްފީލްޑަރު، ރެމޯ ފްރޮއިލާގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ވަނީ ވީއޭއާރް އިން ބެލުމަށްފަހު އެ ލަނޑު ގަބޫލުނުކުރަން ނިންމައިފައެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ސްޕެއިނުގެ ދެވަނަ ލަނޑުޖަހައިދިނީ ޕެނަލްޓީއޭރިޔާ ތެރެއިން ލިބުނު ބޯޅައަކުން ރުއިޒް އެވެ. މިއީ އެ ޓީމުގެ ވާތު ވިންގް، ނިކޯ ވިލިއަމްސް ފޮނުވާލި ބޯޅައެއް ސްވިޒަލެންޑްގެ ގޯލްކީޕަރު، ގްރެގޯ ކޯބެލް މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ރުއިޒް އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މެޗުގެ 20 ވަނަ މިނެޓުގައި ސްޕެއިނުގެ ޑިފެންޑަރު، ރޮބިން ލެ ނޯމަންޑް އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން ބާކީބައި ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. ލެ ނޯމަންޑް އަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތީސް ސްވިޒަލެންޑްގެ ފޯވާޑް، ބްރީލް އެމްބޯލޯ އަށް ހުރަސް އެޅުމުންނެވެ.

ޑެންމާކްގެ ފޯވާޑް، ޔޫސުފް ޕޯލްސެން (ވ) ސާބިއާގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: ރޮއިޓާސް

 

ފުރަތަމަ ހާފު ނިމުމުގެކުރީން، ސްވިޒަލެންޑަށް ފަރަގުކުޑަކޮށްދިނީ ޒެކީ އަމްދޫނީ އެވެ. މެޗުގެ 41 ވަނަ މިނެޓުގައި އަމްދޫނީ މި ލަނޑުޖެހީ އެމްބޯލޯ ދިން ބޯޅައަކުންނެވެ. މި ހާފު ނިމުނީ 2-1 އިން ސްޕެއިން ކުރީގަ އޮވެގެންނެވެ.

މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް، ސްޕެއިނުގެ ތިންވަނަ ލަނޑުޖަހައިދިނީ ރުއީޒް އެވެ. އަވަސް ކައުންޓާއެއްގައި އޭނާ މި ލަނޑުޖެހީ ފަހު ހާފުގެ ކުރީކޮޅު ބަދަލަކަށް ކުޅެން ނިކުތް ފެރާން ޓޮރޭޒް ދިން ޕާހަކުންނެވެ. މިއީ މި މެޗުގައި ރުއީޒް ޖެހި ދެވަނަ ލަނޑެވެ. 

އޭގެފަހުން، މެޗުގެ 80 ވަނަ މިނެޓުގައި ސްޕެއިނުގެ އިތުރު ކައުންޓާ އެޓޭކެއްގައި ހޮސެލޫ ދިން ބޯޅައަކުން ފެރާން ޓޮރޭޒް ވަނީ ނަތީޖާ 4-1 އަށް ބަދަލުކޮށްލާފައެވެ. 

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ގްރޫޕް ހަތަރެއްގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުގައި ޑެންމާކުން ވަނީ 2-0 އިން ސާބިއާ ބަލިކޮށްފައެވެ. މި މެޗުގައި ޑެންމާކްގެ ލަނޑުތައް ޖަހައިދިނީ އަލްބާޓް ގްރޮންބެކް އާއި ޔޫސުފް ޕޯލްސެން އެވެ.