މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބީބީސީގައި އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަން ނިންމައިގެން ހުރި ފްރާންސް އަދި އާސެނަލްގެ ލެޖެންޑް ތިއެރީ އޮންރީ އަލުން ބެލްޖިއަމްގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަން އެއްބަސްވެއްޖެއެވެ.

މިހާރު އުމުރުން 43 އަހަރުގެ އޮންރީ، އެންމެ ފުރަތަމަ ބެލްޖިއަމް ގައުމީ ޓީމާއެކު މަސައްކަތްކުރަން ފެށީ 2016 ވަނަ އަހަރު އެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވުނު ފީފާ ވޯލްޑްކަޕްގައި ބެލްޖިއަމް ޓީމުން ތިންވަނަ މަގާމު ހޯދިއިރު މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އޭގެފަހުން، 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ބެލްޖިއަމް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު އޮންރީ ދޫކޮށްލީ، ފްރާންސްގެ ކްލަބު މޮނާކޯއާ ހަވާލުވުމުގެ ގޮތުންނެވެ. އަދި އެއަށްފަހު އޭނާ ވަނީ އެމެރިކާގެ އެމްއެލްއެސްގެ ކްލަބެއް ކަމަސްވާ މޮންޓްރެއާލް އިމްޕެކްޓަށް އިރުޝާދު ދީފައެވެ.

ފްރާންސްގެ ގައުމީ ޓީމާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި އޮންރީ ވަނީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި މޮނާކޯ އާއި އާސެނަލްގެ އިތުރުން ޔުވެންޓަސް އަދި ބާސެލޯނާ އަށް ކުޅެ ގިނަ ކާމީޔާބީތަކެއް ހޯދާފައެވެ. އަދި، 2014 ވަނަ އަހަރު އޭނާގެ ކެރިއަރު ނިންމާލުމުގެ ކުރީން އެމެރިކާގެ އެމްއެލްއެސްގެ ނިއު ޔޯކް ރެޑް ބުލްސް އަށް ވެސް ކުޅެފައިވެއެވެ.

ބެލްޖިއަމް ގައުމީ ޓީމާ އަލުން ހަވާލުވީ މުއްދަތެއް އިޢުލާންކޮށްފައިނުވީނަމަވެސް ބެލެވޭގޮތުގައި ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް އެ ޓީމާއެކު އޭނާ މަސައްކަތްކުރާނެއެވެ.

ކުރިން ޕްރިމިއާ ލީގުގައި ވިގަން އެތުލެޓިކް އާއި އެވަޓަން އަށް ކޯޗުކޮށްދިން ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބެލްޖިއަމް މި ފަހަރުގެ ޔޫރޯގައި ހިމެނުނީ ނިސްބަތުން ފަސޭހަ ގްރޫޕެއްގައެވެ. ބެލްޖިއަމް އާއެކު ގްރޫޕް ބީގައި ދެން ހިމެނެނީ؛ ރަޝިޔާ އާއި ފިންލެންޑް އަދި ޑެންމާކެވެ. މި މުބާރާތުގައި ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗުގައި އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ނިކުންނާނީ ރަޝިޔާއާ ދެކޮޅަށެވެ.