ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އެމެރިކާގެ ދަނޑުގައި އެ ޓީމު އަތުން 1-2 އިން ކެނެޑާ މޮޅުވެއްޖެއެވެ.

މިއީ މިދިޔަ 67 އަހަރުގެ ތެރޭގައި އެމެރިކާގައި އެ ޓީމު އަތުން ކެނެޑާ މޮޅުވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެމެރިކާގައި އެ ޓީމު އަތުން ކެނެޑާ މޮޅުވީ، 1957 ވަނަ އަހަރު ކުޅެވުނު ފީފާ ވޯލްޑްކަޕްގެ ކޮލިފައިން މެޗެއްގައި 3-2 އިންނެވެ. އޭގެފަހުން، އެމެރިކާގައި މި ދެ ޓީމު ބައްދަލުކުރި 23 މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް ކެނެޑާ މޮޅުވެފައެއްނުވެއެވެ.

އެމެރިކާގެ ކެންސަސް ސިޓީގައި ހުންނަ ޗިލްޑްރެންސް މާސީ ޕާކްގައި ކުޅުނު މި މެޗުގެ ކުރީން ލީޑްނެގީވެސް ކެނެޑާ އިންނެވެ. މެޗު ފެށިތާ 17 ވަނަ މިނެޓުގައި ކެނެޑާ އަށް މި ލަނޑުޖަހައިދިނީ އެމެރިކާގެ މޭޖާ ލީގު ސޮކާގެ ނާޝްވިލް އެފްސީ އަށް ކުޅެމުން އަންނަ ޖޭކޮބް ޝަފެލްބާގް އެވެ. އޭނާ މި ލަނޑުޖެހީ އެމެރިކާގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައިގެންނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ކެނެޑާގެ ދެވަނަ ލަނޑުޖަހައިދިނީ ފްރެންޗް ލީގުގެ ލިއްލެގެ ފޯވާޑް، ޖޮނަތަން ޑޭވިޑް އެވެ. މިއީ ގައުމީ ޓީމަށް އޭނާ ކުޅުނު 58 މެޗުގައި އޭނާ ޖަހައިދިން 29 ވަނަ ލަނޑެވެ.

އޭގެ އަށް މިނެޓުފަހުން، އެމެރިކާގެ ހަމައެކަނި ލަނޑުޖަހައިދިނީ ލޫކަ ޑެ ލަ ޓޮރޭ އެވެ. މިއީ އެ ޓީމުގެ އައިޑަން މޮރިސް ދިން ޕާހަކުން ޑެ ލަ ޓޮރޭ ކާމިޔާބުކުރި ގޯލެކެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ. މި ދެ ކުޅުންތެރިންވެސް ކުޅެން ނިކުތީ ފަހު ހާފުގައެވެ.

މެޗު ނިމެންދަނިކޮށް، އެމެރިކާ އަށް އެއްވަރުކޮށްދޭން ލިބުނު ފުރުޞަތުގައި އެ ޓީމުގެ ޒުވާން ފޯވާޑް، ރިކާޑޯ ޕެޕީ ފޮނުވާލި ބޯޅަ ކެނެޑާގެ ގޯލްކީޕަރު، މެކްސިމް ކްރެޕީއު ވަނީ މަތަކޮށްފައެވެ.