އަންނަ ހުކުރު ދުވަހު ފަށާ ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަން ޕޯޗުގަލްއާ ސްޕެއިން ބައްދަލުކުރި މެޗު ލަނޑެއްނުޖެހި އެއްވަރުވިއިރު، ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރު އިޓަލީން ވަނީ ޗެކް ރިޕަބްލިކް އަތުން 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.
ރޭގެ މެޗަކީ ސްޕެއިނާއި ދެކޮޅަށް ޕޯޗުގަލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވަރުވި ތިންވަނަ މެޗެވެ. މީގެތެރެއިން ދެ މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ މާގިނަ ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ.
މި މެޗުގައި ސްޕެއިނަށް ލަނޑުޖަހައިދިނުމަށް އެންމެ ރަނގަޅު ފުރުޞަތެއް ލިބުނު އަލްވާރޯ މޮރާޓާ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު އެ ޓީމުގެ ފެރާން ޓޮރޭސް އަށް ލިބުނު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. މުޅި މެޗުގައި ވެސް ޕޯޗުގަލް ޓީމުން ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާ އެ ޓީމުގެ މިޑްފީލްޑަރު ޑަނީލޯ ޕެރޭރާ ފޮނުވާލުމުން ސްޕެއިނުގެ ކީޕަރު އުނާއި ސިމޮން މަތަކުރިއެވެ. މީގެއިތުރުން، ރޭގެ މެޗަކީ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް ރަށްވެހިކަން ބަދަލުކުރިފަހުން ސްޕެއިނަށް ކުޅެދިން ފުރަތަމަ މެޗެވެ.
ޔޫރޯގެ ފޭވަރިޓެއް ކަމަށްވާ އިޓަލީން ރޭގެ މެޗުގައި ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ކޮންމެ ހާފެއްގައި ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ. ބޮލޯނިއާގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ލީޑްނެގީ 23 ވަނަ މިނެޓުގައި ލާޒިއޯގެ އިތުބާރު ފޯވާޑް ޗީރޯ އިމޯބިލޭ ކާމިޔާބުކުރި ގޯލުންނެވެ.
އޭގެފަހުން، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ނިކޮލޯ ބަރެއްލާ ވަނީ އެ ޓީމަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. ޕެނަލްޓީއޭރިޔާބޭރުން ބަރެއްލާ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ޗެކް ރިޕަބްލިކްގެ ކުޅުންތެރިއެއްގެ ގައިގަ ޖެހިފައެވެ.
އިޓަލީން ރޭގެ މެޗުގައި ޖެހި ތިންވަނަ ލަނޑު، 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސީނިއޭ އެވެ. އަދި އޭގެ ހަތް މިނެޓުފަހުން އިންސީނިއޭ ދިން ޕާހަކުން އެ ޓީމުގެ ފަހު ލަނޑުޖަހައިދިނީ ޑޮމެނިކޯ ބެރާޑީ އެވެ.
ރޭގެ މެޗުން މޮޅުވެ ރޮބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިޓަލީން ވަނީ ބައިކޮޅަށް ލަނޑެއްވަނަނުދީ ޖެހިޖެހިގެން 8 މެޗު ފުރިހަމަކޮށްފައެވެ. އެ ޓީމު އެންމެ ފަހުން މެޗަކުން ބަލިވީ 2018 ވަނަ އަހަރު އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން