ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު އެމެރިކާ ސަރަހައްދުގައި ރޭ ކުޅުނު މެޗުގައި ޕެރަގުއޭ 2-0 އިން ބަލިކޮށް ބްރެޒިލުން ސައްތައިން ސައްތައިގެ ރެކޯޑް ދެމެހެއްޓިއިރު، ދެވަނައިގައި އޮތް އާޖެންޓީނާ ވަނީ ފަހުވަގުތު ކޮލަމްބިއާއާ 2-2 އިން އެއްވަރުވެފައެވެ.

މިއީ ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި ޕެރަގުއޭގެ ދަނޑުގައި ކޮލިފައިން މެޗަކުން ބްރެޒިލް މޮޅުވި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުތަކަށްފަހު ތާވަލްގެ އެއްވަނައިގައި އުޅޭ ބްރެޒިލް ވަނީ މިހާތަނަށް ކުޅުނު ހަ މެޗު ކާމިޔާބުކޮށް 18 ޕޮއިންޓް ހަމަކޮށްފައެވެ. އޭގެ ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި އާޖެންޓީނާ އޮތްއިރު، ތިންވަނައިގައި އޮތް އެކުއޭޑޯ އަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް އުރުގުއޭ އާއި ފަސްވަނައިގައި އޮތް ކޮލަމްބިއާ އަށް ލިބިފައިވަނީ 8 ޕޮއިންޓެވެ.

ބްރެޒިލުން ރޭގެ މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ލީޑްނެގީ ޕީއެސްޖީގެ ތަރި ނޭމާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ މެންޗެސްޓާ ސިޓީގެ ފޯވާޑް ގެބްރިއެލް ޖެސޫސް ނަގައިދިން ހުރަހަކުން ނޭމާ ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގައި ބްރެޒިލުން ޖެހި ދެވަނަ ލަނޑު، އިތުރުވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލޫކަސް ޕަކޭޓާ ކާމިޔާބުކުރީ ނޭމާ ދިން ބޯޅައަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބްރެޒިލްގެ ޑިފެންޑަރު މާކީނޯސް ބުނީ މި މެޗަށް ނިކުތީ ޕެރަގުއޭގެ ދަނޑުގައި އެ ޓީމު ބަލިކުރަން ފަސޭހަނުވާނެކަން އެނގިތިބެ ކަމަށާއި، 1985 ވަނަ އަހަރުގެ ފަހުން ޕެރަގުއޭ އަތުން މިލިބުނު މޮޅާއެކު ޕޮއިންޓް ޓޭބަލްގެ ކުރީގައި ލީޑެއްނެގުމުން ހިތްހަމަޖެހޭ ކަމަށެވެ.

ކޮލަމްބިއާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިތާ 8 މިނެޓުގެ ތެރޭގައި އާޖެންޓީނާ އިން ވަނީ ދެލަނޑުގެ ލީޑެއްނަގާފައެވެ. މެޗުގެ ދެވަނަ މިނެޓުގައި އުދިނޭޒީގެ މިޑްފީލްޑަރު ރޮޑްރީގޯ ޑެ ޕޯލް ދިން ބޯޅައަކުން ލީޑްނަގައިދިނީ އެޓަލާންޓާ އަށް ކުޅެމުން އަންނަ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އެވެ. އޭގެ ހަ މިނެޓުފަހުން، ނިކޮލަސް ގޮންޒާލޭޒް ތަނަވަސްކުރި ފުރުޞަތަކުން އާޖެންޓީނާގެ ލީޑް ފުޅާކޮށްދިނީ ޕީއެސްޖީގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރެޑޭސް އެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒްގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. މިއީ އިނގިރޭސި ކްލަބު އެސްޓަން ވިލާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މާޓިނޭޒް، އާޖެންޓީނާގެ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

ދެވަނަ ހާފުގައި އާޖެންޓީނާ އަށް ތިންވަނަ ގޯލެއް ޖަހައިދޭން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ލިބުނު ދެ ފުރުޞަތެއްގެ ބޭނުންހިފޭގޮތެއްނުވިއެވެ. ހިލޭޖެހުމަކުން މެސީ ފޮނުވާލި ހަމަލާއެއް ކޮލަމްބިއާގެ ގޯލްކީޕަރު ޑޭވިޑް އޮސްޕީނާ މަތަކުރިއިރު އޭގެފަހުން ހުސްކޮށްހުރެ މެސީ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީވެސް އޮސްޕީނާ އެވެ.

ކޮލަމްބިއާ އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލުއިސް މުރިއެލް އެވެ. އެ ޓީމުން އެއްވަރުކުރި ލަނޑު، އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި ޖަހައިދިނީ މިގުއެލް ބޯރްހާ އެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އެކުއޭޑޯގެ ދަނޑުގައި ޕެރޫ އަތުން 2-1 އިން ބަލިވިއިރު ވެނެޒުއޭލާގެ ދަނޑުގައި އުރުގުއޭ ކުޅުނު މެޗު ނިމުނީ 0-0 އިން ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. ބޮލީވިއާއާ ދެކޮޅަށް ޗިލީގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.