މިފަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް، ބްރެޒިލްގައި ބާއްވަން ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން ކޮންމެބޯލް އިން މިއަދު ނިންމައިފިއެވެ.

އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ފެށުމަށް ތާވަލްކުރެވިފައިވާ ކޮޕާ އެމެރިކާ އެންމެ ފުރަތަމަ ބާއްވަން ނިންމީ މިދިޔަ އަހަރު އެވެ. އަދި މުބާރާތް ހޯސްޓްކުރުމުގެ ފުރުޞަތު ދީފައި އޮތީ ކޮލަމްބިއާ އާއި އާޖެންޓީނާ އަށެވެ.

އެކަމަކު، ކޮލަމްބިއާގެ ސިޔާސީ މަސްރަހު ގޯސްވެ، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކޮންމެބޯލް އިން ނިންމީ އެ މުބާރާތް އާޖެންޓީނާގައި ކުރިއަށްގެންދިއުމަށެވެ. ނަމަވެސް، އެ ގައުމުގައި ކޮވިޑް-19ގެ ހާލަތު ގޯސްކޮށް އޮތުމުން ކޮންމެބޯލް އިން މިއަދުގެ ވަގުތެއްގައި އާޖެންޓީނާ އަތުން އެ ފުރުޞަތު ވަނީ އަތުލާފައެވެ.

ދެކުނު އެމެރިކާގެ ކޮވިޑް-19ގެ ހާލަތު ގޯސްކޮށް އޮތުމުން މި ފަހަރުގެ ކޮޕާ އެމެރިކާ މުބާރާތް ބާއްވަން އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރި ގައުމުތަކުގެ ތެރޭގައި ވެސް ބްރެޒިލް ހިމެނުނެވެ. އެހެންކަމުން މި ފަހަރުގެ މުބާރާތް ވެސް 2019 ވަނަ އަހަރު ކޮޕާ އެމެރިކާ ބޭއްވި ބްރެޒިލްގައި ކުޅުމަށް އެއްވެސް ހުރަހެއް ނެތެވެ.

މުޅި ދުނިޔޭގައި ގައުމީ ފުޓްބޯޅަ ޓީމުތަކުގެ މެދުގައި ކުޅެވޭ އެންމެ ދުވަސްވީ މުބާރާތުގެ މި ފަހަރުގެ ގްރޫޕް ސްޓޭޖު ބެހިފައިވާގޮތުން ބްރެޒިލް ހިމެނުނީ ކޮލަމްބިއާ އާއި އިކުއޭޑޯ އަދި ޕެރޫގެ އިތުރުން ވެނެޒުއެލާ އާއެކު ގްރޫޕް އޭ ގައެވެ. މި މުބާރާތުގެ އެންމެ ވަރުގަދަ ވާނެ ކަމަށް ބެލެވޭ ގްރޫޕް ބީ ގައި ހިމެނެނީ؛ އާޖެންޓީނާ އާއި އުރުގުއޭގެ އިތުރުން ޗިލީ އާއި ޕެރަގުއޭ އަދި ބޮލީވިއާ އެވެ.