ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ކުއާޓާ ފައިނަލްގެ މެޗުތަކަށްފަހު އިންގްލެންޑާއި ޑެންމާކުން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޗެކް ރިޕަބްލިކްގެ މައްޗަށް 2-1 އިން ޑެންމާކު ކުރިހޯދިއިރު، އިންގްލެންޑުން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޔޫކްރޭން ބަލިކޮށްފައެވެ.

މިއީ ވޭތުވެދިޔަ 29 އަހަރުގެ ތެރޭގައި ޑެންމާކުން ޔޫރޯ މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ސެމީގައި ކުޅުނީ 1992 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް ޑެންމާކުންނެވެ. މީގެއިތުރުން، ޔޫރޯ މުބާރާތެއްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވުމަށްފަހު ސެމީ އަށް ދަތުރުކުރި ފުރަތަމަ ޓީމަކީ ވެސް ޑެންމާެކެވެ.

ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް ޑެންމާކުންނެވެ. މިއީ އެ ޓީމުގެ ޔެންސް ސްޓްރީގާ ލާސަން ނަގައިދިން ކޯނަރަކުން ތޯމަސް ޑެލައިނީ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، ޑެންމާކަށް ލީޑްފުޅާކުރުމަށް މިކޭލް ޑަމްސްގާޑް އާއި ޑެލައިނީ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުމެއްނުހިފުނެވެ. މި ހާފުގައި ޗެކް ރިޕަބްލިކަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ތޯމަސް ހޮލޭޝް ފޮނުވާލި ބޯޅަ ޑެންމާކުގެ ކީޕަރު ކެސްޕާ ޝުމައިކަލް ހުއްޓުވިއެވެ.

ޑެންމާކްގެ ތޯމަސް ޑެލައިނީ (ކ) ޗެކް ރިޕަބްލިކްގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ޔުއެފާ ޓުވިޓާ

ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޑެންމާކަށް ދެ ލަނޑުގެ ލީޑެއްނަގައިދިނީ ކެސްޕާ ޑޮލްބާގް އެވެ. މިއީ އެ ޓީމުގެ ވިންގްބެކް ޔޯކިމް މޭލް ނަގައިދިން ހިތްގައިމު ހުރަހަކުން ލިބުނު ބޯޅައެއް ގޯލްގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން ޑޮލްބާގް ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގައި ޗެކް ރިޕަބްލިކުން ޖެހި ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕެޓްރިކް ޝިކް އެވެ. މިއީ އެ ޓީމުގެ ވްލަޑްމިރް ސޯފާލް ނަގައިދިން ހުރަހަކުން ޝިކް ކާމިޔާބުކުރި ގޯލެކެވެ.

މި ގޯލާއެކު ޝިކް ވަނީ ޔޫރޯގެ އެއް މުބާރާތެއްގައި ފަސް ލަނޑުޖެހި ނުވަވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެއިތުރުން، އޭނާ ވަނީ ޔޫރޯގެ ފުޓްބޯޅަ މުބާރާތުގައި ޗެކް ރިޕަބްލިކަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުރީގެ ފޯވާޑް މިލާން ބަރޮސްގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް ޖަހާފައިވަނީ ފަސް ގޯލެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ރޭ ޔޫކްރޭން ކޮޅަށް އިންގްލެންޑުން ވައްދާލި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން ހެރީ ކޭން އެވެ. އިޓަލީގެ ރޯމްގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިތާ ހަތަރުވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު، ކޭން ޖެހީ މެންޗެސްޓާ ސިޓީގެ ވިންގާ ރަހީމް ސްޓާލިން ދިން ބޯޅައަކުންނެވެ.

އިންގްލެންޑުން މި މެޗުގައި ޖެހި ދެވަނަ ލަނޑު، ފަހު ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި ލޫކް ޝޯ ނަގައިދިން ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ހެރީ މެގުއާ އެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން، ކޭން ވަނީ އިންގްލެންޑަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް މެންޗެސްޓާ ޔުނައިޓެޑްގެ ފުލްބެކް ޝޯ އެވެ. މިއީ އިންގްލެންޑަށް ކޭން ކުޅުނު 59 މެޗުގައި ޖެހި 37 ވަނަ ގޯލެވެ.

ޔޫކްރޭނާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޓުވިޓާ

މެޗުގެ 63 ވަނަ މިނެޓުގައި އިންގްލެންޑްގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖޯޑަން ހެންޑަސަން އެވެ. މިއީ ޗެލްސީގެ އަރަމުން އަންނަ މިޑްފީލްޑަރު މޭސަން މައުންޓް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ހެންޑަސަން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ އިންގްލެންޑްުގެ ޖާޒީގައި މިހާތަނަށް ކުޅުނު 62 މެޗުގައި ހެންޑަސަން ޖެހި ފުރަތަމަ ގޯލެވެ.

މިއީ ޔޫރޯގެ ތާރީޚުގައި އިންގްލެންޑުން އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި މެޗެވެ. އަދި މިއީ 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ވެސްޓް ޖާމަނީ އަތުން 4-2 އިން މޮޅުވެ ތަށި އުފުލާލި ފަހުން ބޮޑު މުބާރާތެއްގެ ނޮކްއައުޓް ބުރުގައި އެ ޓީމުން ހަތަރު ލަނޑުޖެހި ފުރަތަމަ ފަހަރެވެ. މީގެއިތުރުން، މިއީ ޔޫރޯ މުބާރާތެއްގެ މެޗެއްގައި ވެސް އެ ޓީމުން ހަތަރު ލަނޑުޖެހި ތިންވަނަ ފަހަރެވެ.

ރޭގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ވަނީ ޔޫރޯގެ ތާރީޚުގައި ނޮކްއައުޓް ބުރުގެ މެޗެއްގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ޔޫކްރޭނާ ދެކޮޅަށް ކުޅެން ނިކުތްއިރު އޭނާގެ އުމުރަކީ 18 އަހަރާއި ހަތަރު ދުވަހެވެ.

ސެމީގައި ޑެންމާކާ ދެކޮޅަށް އިންގްލެންޑް ނިކުންނަ މެޗު އޮންނާނީ މި މަހުގެ 8 ވާ ބުރާސްފަތު ދުވަހުގެ ދަންވަރު 12 ޖަހާއިރު އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.