ދިވެހިރާއްޖޭގައި ޤާއިމުކުރާ ސްޕެޝަލް އިކޮނިމިކް ޒޯނެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފިއެވެ.

އެމަނިކުފާނު މިކަން ކަނޑައެޅުއްވިކަން ހާމަކުރައްވާފައިވަނީ އިއްޔެ މިކަމާގުޅޭގޮތުން ނެރުއްވި ޤަރާރުގައެވެ.

އެގޮތުން އިއްޔެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ޤަރާރުގައި، ސްޓްރެޓިޖިކް އިންވެސްޓްމަންޓްގެ ތެރެއިން އިންވެސްޓްމަންޓެއް ހިމެނޭގޮތުން ޤާއިމުކުރުމަށް ހުށަހެޅޭނީ ޖުމްލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ޤަރާރުގައި މައިގަނޑު 9 ދާއިރާއިން އިންވެސްޓް ކުރެވިދާނެކަން ފާހަގަކުރައްވާފައިވެއެވެ.

ހަމައެއާއެކު، މި ޤަރާރުގައި މާލީ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ ހުށަހެޅުންތައް ދިރާސާކުރުމުގައި އިންވެސްޓްމަންޓުގެ އަގުކަމުގައި ބަލާނީ، ޑިވެލޮޕަރު ޤާއިމުކުރުމަށް ހުށަހަޅާ މުޅި އިންވެސްޓްމަންޓް ޤާއިމުކުރުމަށް އެ ފަރާތުން ޚަރަދުކުރުމަށް ހުށަހަޅާ އެންމެކުޑަ އަދި ބަދަލުނުވާނެ އިންވެސްޓްމަންޓްގެ އަދަދުކަމުގައި ބަޔާންކޮށްފައިވެއެވެ.

އަދި މާލީ ދާއިރާއިން ހުށަހަޅާ ހުށަހެޅުންތައް ދިރާސާކުރުމުގައި އިންވެސްޓްމަންޓުގެ އަގުކަމުގައި ބަލާނީ، ޑިވެލޮޕަރު އެ ތަނެއް ޤާއިމުކުރަން ޚަރަދުކުރާ ބަދަލުނުވާ އިންވެސްޓްމަންޓަށާއި، މާލީ ޚިދުމަތް ފަށައިގަތުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ޑިވެލޮޕަރު ޔަޤީންކަންދޭ ކެޕިޓަލް އިންވެސްޓްމަންޓަށްކަމުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ޑިވެލޮޕަރު ހުށަހަޅާ ޖުމުލަ އިންވެސްޓްމަންޓުގެ ތެރޭގައި ހިމެނޭ ސްޓްރެޓީޖިކް އިންވެސްޓްމަންޓުގެ ބައިތަކަށް ޚަރަދުކުރާ ޖުމުލަ އިންވެސްޓްމަންޓުގެ މިންވަރަށްވުރެ، ސްޓްރެޓީޖިކް ބައިތަކުގެ ބޭރުން އެ އިންވެސްޓްމަންޓުގައި ހިމެނޭ އެހެނިހެން ވިޔަފާރިތަކަށް ކުރާ އިންވެސްޓްމަންޓް ބޮޑުވެގެން ނުވާނެކަމުގައިވެސް މި ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.