ރައީސުލްޖުމްހޫރިއްޔާ، ތިލަދުންމަތީ އުތުރުބުރީ ވަށަފަރާއި ފިއްލަދޫގެ އިތުރުން ކެލާ ކައުންސިލް އަދި އެ ތިން ރަށުގެ ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ވަށަފަރު ކައުންސިލާއެކު ބޭއްވި ބައްދަލުވުން އޮތީ މިއަދު ވަށަފަރު ސުކޫލުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި ހަމައެއާއެކު، މި ސަރުކާރުން ރައްޔިތުންނާ ވަރަށް ގާތްކަމެއް ބާއްވާކަން ކައުންސިލުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ކުރައްވާ ހުރިހާ ކަމެއްގައި މި ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ކައުންސިލްގެ ފަރާތުން ދެއްވިއެވެ.

ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާކަން ފާހަގަކުރައްވައި، މި ސަރުކާރުން ކުރައްވަން ނިންމަވާ ކަންކަން ކުރައްވާނެކަމުގެ ޔަޤީކަން އޮތްކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ކަންކަން ކާމިޔަބުކުރަން ފަސޭހަވާނެކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލް ބައްދަލުވުމުގެ ކުރިން ކުރިއަށްދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަން ހާސިލުކުރަން މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ފިއްލަދޫ ކައުންސިލާއި ޑަބްލިއުޑީސީ އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

 

ރައީސުލްޖުމްހޫރިއްޔާ ހއ. ފިއްލަދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން:

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ވަށަފަރު ސުކޫލުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، އެބޭފުޅުން މިހާރު ބޭނުންވާ ކަންކަން އެކި މިނިސްޓްރީތަކަށް ހުށަހަޅާފައިވާނެކަން ފާހަގަ ކުރައްވައި، އެކަންކަން ފުރިހަމަ ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ކައުންސިލުން ވަނީ ރަށުގެ ކުނި މެނޭޖުކުރުމަށް ބޭނުންވާކަމަށާއި، ރަށުގެ ބަނދަރުގައި ހުރި ރަނގަޅުކުރަން ބޭނުންވާ ކަންކަން އެމަނިކުފާނާ ހިއްސާކުރައްވާފައެވެ.

ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެކި ދާއިރާތަކުން އަންހެނުންނަށް ކުރިއަށް ދިއުމަށް އިތުރު ފުރުޞަތު ފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތްތައް ބައްލަވާނެކަމުގައެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ކެލާ ކައުންސިލާއި ޑަބްލިއުޑީސީ އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

 

ރައީސުލްޖުމްހޫރިއްޔާ ހއ. ކެލާ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން:

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ކެލާގައި ހުންނަ ޝެއިޚް އިބްރާހީމް ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ކައުންސިލުން ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކެލާގެ ބަނދަރު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ދަނޑުވެރިކަން ތަރައްޤީކުރުމަށް މަގުފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ނިމިދިޔަ ސަރުކާރުން ފަށާފައިހުރި މަޝްރޫޢުތައް ނިންމަވާދެއްވުމަށާއި، މި ސަރުކާރުންވެސް ވަޢުދުވެފައިވާ ކަންކަން ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ކެލާގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ހަމަ އެއާއެކު ކައުންސިލުންވަނީ ކައުންސިލް އިދާރާގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ އެކަނބަލުން ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން އިތުރު ގަޑީގެ އިނާޔަތް ބޭނުންވާ ކަމަށާއި ބަޖެޓުގެ ދަތިކަން އެކަނބަލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.