ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ އުތީމާއި، މުރައިދޫގެ އިތުރުން ބާރަށު ކައުންސިލް އަދި އެ ތިން ރަށުގެ ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ބާރަށު ކައުންސިލާއެކު ބޭއްވި މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ބާރަށު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި، ކައުންސިލުން ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކައުންސިލް އިދާރާގައި ހުރި ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، ރަށުގައި ހުރި ތާރީޚީ އަދި އާސާރީ ތަންތަން ދެމެހެއްޓުމަށް މަސައްކަތް ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ޒުވާނުންނަށް ސްޕޯޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ޞިއްޙީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ޑޮކްޓަރުން އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ދަތުރުފަތުރު ކުރުމުގައި ހުރި ގޮންޖެހުންތަކާއި، ޒުވާނުންނަށް މަސްވެރިކަން ކުރުމަށް 'ސްޕޯޓް ފިޝިންގ' އަށް ޚާއްޞަކޮށް ކަނދުފައްޗެއް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

ބާރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސްވަނީ އެކަނބަލުންނަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ބަޖެޓުގެ ދަތިކަން ފާހަގަކުރައްވައި، ރަށުގައި އަންހެން ކަނބަލުން މޫދަށް އެރުމަށް ޚާއްޞަ ސަރަހައްދެއް ކަނޑައަޅައިދެއްވުމަށް އެކަނބަލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އ.ތ.މ. ކޮމިޓީގެ މެންބަރުންނަށް ލިބޭ މުސާރަ އިތުރުކޮށްދެއްވުމަށާއި، ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށްދެއްވުމަށް އެކަނބަލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ރަނގަޅު ނަތީޖާއެއް ނެރެދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، އުތީމު ކައުންސިލާއި ޑަބްލިއުޑީސީ އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

 

ރައީސުލްޖުމްހޫރިއްޔާ ހއ. އުތީމު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން:

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ބާރަށު ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން މިސްކިތް މަރާމާތުކުރުމަށް ބޭނުންވާކަމަށާއި، ބަނދަރު ހަލާކުވެފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލްގެ ފަރާތުން ހިއްސާކުރެއްވިއެވެ. އަދި ރަށް ގިރުމުގެ މައްސަލަ ކުރިމަތިވާކަމަށާއި، ޒުވާނުންނަށް ފުޓްސަލް ދަނޑެއް ބޭނުންވާކަމުގައި ކައުންސިލުން ވިދާޅުވިއެވެ.

ހަމައެއާއެކު ރަށުގައި ފަށާފައިހުރި މަޝްރޫޢުތައް އަވަސްކޮށްދެއްވައި ރަށުގައި ހުރި އާސާރީ ތަންތަން އާބާތުރަ ފިލުވައި މަރާމާތުކުރަން ޖެހިފައިވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގޯތި ގެދޮރު ފޯރުކޮށްދިނުމަށް މަޝްރޫޢުތައް ހިންގަވައި ދެއްވުމަށާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ސުކޫލަށް ބޭނުންވާ ވަސީލަތްތަކާއި، ސްޓޭޓް ހައުސްއެއް ރަށަށް ބޭނުންވާކަމަށާއި، ރަށުގެ ރައްޔިތުންނަށް އޭ.ޓީ.އެމްގެ ޚިދުމަތް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

އުތީމުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސްވަނީ އެކަނބަލުން ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އ.ތ.މ. ކޮމިޓީގެ މެންބަރުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މުރައިދޫ ކައުންސިލާއި ޑަބްލިއުޑީސީ އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

 

ރައީސުލްޖުމްހޫރިއްޔާ ހއ. މުރައިދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން:

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ބާރަށު ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި، ކައުންސިލުން ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރަށުގައި ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ނިންމަން ބޭނުންވާކަމަށާއި، ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން އިތުރުކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ވިދާޅުވިއެވެ. އަދި އެކި ކުޅިވަރު ވަސީލަތްތައް ޤާއިމު ކުރުމަށް ބޭނުންވާ ކަމުގައިވެސް މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މުރައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވިދާޅުވީ މި ސަރުކާރުން ކުރުމަށް ނިންމަވާފައިވާކަމެއް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.