ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ އާއި ނޫމަރާގެ އިތުރުން ފޭދޫ ކައުންސިލް އަދި އެ ތިން ރަށުގެ ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ގޮއިދޫ ކައުންސިލާއެކު ބޭއްވި މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ކަނޑިތީމު ކައުންސިލް އިދާރާގައެވެ. 

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފައެވެ. އެގޮތުން ފެނާ ނަރުދަމާގެ ޚިދުމަތް އަވަހަށް ނިންމަވާ ދެއްވުމަށާއި، މިސްކިތެއް ޤާއިމުކޮށްދެއްވުމަށާއި، ޞިއްޙީ މަރުކަޒުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަމަށާއި، މި އަހަރު ބަޖެޓުގައި ހުރި މަޝްރޫޢުތައް ފައްޓަވައި އަވަހަށް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ރަށުގެ މަގުތައް ހަދައިދިނުމަށް އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން، ކުނި މެނޭޖުކުރާނެ ނިޒާމެއް ޤާއިމުކޮށްދެއްވުމަށާއި، ޒުވާނުންނަށް ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާ ކުރިއަރުވައި ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު ގޮއިދޫގެ ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތް ކުރިއަށްގެންދަން މަގުފަހިކޮށްދެއްވުންވެސް ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ގޮއިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވައި އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ނޫމަރާ ކައުންސިލާއި އެ ރަށުގެ ޑަބްލިއުޑީސީގެ މެންބަރުންނާއެކު ބޭއްވީ ބައްދަލުކުރެއްވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

 

ރައީސުލްޖުމްހޫރިއްޔާ، ށ. ނޫމަރާ ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރެއްވުން:

ރައީސުލްޖުމްހޫރިއްޔާ، ށ. ނޫމަރާ ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާއެކު ބޭއްވީ މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ކަނޑިތީމު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ބަނދަރު ބޮޑުކުރުމަށް ބޭނުންވާކަމަށާއި، ޒުވާނުންނަށް ޚާއްޞަ ކުޅިވަރުގެ ވަޞީލަތް ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ ޒަރޫރީ ބޭނުތައް ކަމުގައިވާ ފެނާ ކަރަންޓާ ނަރުދަމާގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުންގެ ޚިދުމަތް ދޭތަނެއް ޤާއިމުކުރަން ބޭނުންވާކަމަށާއި، އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި އާރް.ޓީ.އެލް ގެ ޚިދުމަތްދެއްވާ ގޮތާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނޫމަރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ބަނދަރުގެ ދަތިކަމުގެ މައްސަލަ ވީއެންމެ އަވަހަކަށް ޙައްލު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އ.ތ.މ ކޮމިޓީން ބަޖެޓުގެ ދަތިކަމާއި، ކޮމެޓީގެ މަސައްކަތްކުރުމަށް އިމާރާތެއް ނުވަތަ ތަނެއް ޚާއްސަކޮށްދެއްވަން އެދިވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ފޭދޫ ކައުންސިލާއި އެ ރަށުގެ ޑަބްލިއުޑީސީގެ މެންބަރުންނާއެކު ބޭއްވީ ބައްދަލުކުރެއްވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

 

ރައީސުލްޖުމްހޫރިއްޔާ، ށ. ފޭދޫ ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރެއްވުން:

ރައީސުލްޖުމްހޫރިއްޔާ، ށ. ފޭދޫ ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާއެކު ބޭއްވީ މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ކަނޑިތީމު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފައެވެ. އެގޮތުން ރަށްގިރުމުގެ މައްސަލައާއި، މަގުހެދުމަށް ބޭނުންވާކަމަށާއި، ޒުވާނުންގެ މަރުކަޒެއް ޤާއިމުކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، އޭ.ޓީ.އެމްގެ ޚިދުމަތް ރަށަށް ބޭނުންވާކަމަށާއި، ބޯހިޔާވަހިކަން އިތުރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ސްކޫލުގެ ކްލާސް ރޫމުތައް އޭސީކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަމަޟާންމަހު ކަރަންޓްފީ އިން ލުޔެއްލިބޭނެގޮތް ހަދާދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ފޭދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ކޮމެޓީގެ މަސައްކަތްކުރާނެ ވަކި އޮފީހެއް ނެތްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.