ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ ރައީސުލްޖުމްހޫރިއްޔާ، މާއުނގޫދޫ އާއި ޅައިމަގުގެ އިތުރުން ފުނަދޫ ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މާއުނގޫދޫ ކައުންސިލާއެކު ބޭއްވީ މި ބައްދަލުކުރެއްވުން އޮތީ ރޭ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ. 

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫޢުގައި ހުރި ކަންބޮޑުވުންތައް ކައުންސިލްގެ ފަރާތުން ފާހަގަކުރައްވާފައިވެއެވެ. އަދި ރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަށް ހަދައިދެއްވުމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކޮށްދެއްވުމަށާއި، ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ޒަމާނީ ފެންވަރުގެ އާ މިސްކިތެއް ބޭނުންވާކަމަށާއި، ސުކޫލުގައި ހުރި ޖާގައިގެ ދަތިކަން ފާހަގަ ކުރައްވައި، ސުކޫލުގައި މަލްޓިޕަރޕަސް ހޯލެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ބަނދަރުގެ މަޝްރޫޢުގެ ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. ހަމަ އެއާއެކު ކައުންސިލުން ފާހަގަ ކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޅައިމަގު ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާއެކު ބޭއްވީ ބައްދަލުކުރެއްވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

 

ރައީސުލްޖުމްހޫރިއްޔާ، ށ. ޅައިމަގު ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރެއްވުން:

ރައީސުލްޖުމްހޫރިއްޔާ، ށ. ޅައިމަގު ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރޭ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބަނދަރު ތިލަވުން ފާހަގަކުރައްވައި، އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މިގޮތުން، ބަނދަރު މަޝްރޫޢަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތައްވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
ހަމަ އެއާއެކު ކުނި މެނޭޖުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށްދެއްވުމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ރައްޔިތުން ހުށަހަޅާ ގޮތްތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާ އާއި ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޅައިމަގުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ ބަޖެޓުގެ ދަތިކަމުން ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އ.ތ.މ. ކޮމިޓީއަށް އެލަވަންސް ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ނިންމެވެން އޮންނަކަމެއްކަމަށާއި، މަޖިލީހުން އެކަމަށް ކާމިޔާބެއް ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައެވެ. ހަމައެއާއެކު، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ފުނަދޫ ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާއެކު ބޭއްވީ ބައްދަލުކުރެއްވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

 

ރައީސުލްޖުމްހޫރިއްޔާ، ށ. ފުނަދޫ ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރެއްވުން:

ރައީސުލްޖުމްހޫރިއްޔާ، ށ. ފުނަދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ޔޫތު ސެންޓަރެއް ގާއިމުކުރުމަށާއި، އެއާޕޯޓް ރަންވޭ ބޮޑުކުރުމަށާއި، އިސްލާމީ މަރުކަޒެއް ރަށުގައި ގާއިމު ކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް އެ އަތޮޅު ފަރުކޮޅުގައި އިކޯ ޓޫރިޒަމް ގާއިމު ކޮށްދެއްވުމަށްވެސް ކައުންސިލުގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، 'ވިމެންސް ސެންޓަރ' އެއް ޤާއިމުކުރުމުގައި ސަރުކާރުން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.