ދިވެހިރާއްޖޭގެ މުޖުތަމަޢު ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިކުރުވުމަށް ބާރު އެޅުމުގެ ގޮތުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް 22 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ރޭ ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމުގައި ބަޔާންކުރައްވާފައިވެއެވެ.

މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށް ޤާނޫނަށް އިސްލާޙު ގެންނަވާނޭކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ.