ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙުކުރައްވައިފިއެވެ.
މި މަޝްރޫޢުގެ އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ޤާއިމުކޮށް، މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ތެޔޮ ލިބޭނޭ ނިޒާމު ޤާއިމުކުރުންކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވިއެވެ. އެގޮތުން، މިއަހަރުގެ ޖަނަވަރީ މަހު ވަނީ، ހުޅުމާލޭގައި ސެޓަޕް ޤާއިމުކޮށްފައެވެ. އަދި ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުންނަ އެފް.އެސް.އެމް ޝެޑުން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެމުންދާކަމަށާއި، ފެބްރުއަރީ 2025 ވަނަ އަހަރު އަންނަންވާއިރަށް، އައްޑޫ ސިޓީ ހުޅުމީދޫގައި ސެޓަޕް ޤާއިމުކުރުމަށް ވަނީ ތާވަލުކޮށްފައިކަމަށް ޝިމާދް ވިދާޅުވިއެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ފ. ނިލަންދޫ، ގދ. ފަރެސްމާތޮޑާ އަދި ފުވައްމުލައް ސިޓީގައި ސެޓަޕް ޤާއިމުކޮށް، 2026 ގެ ފެބްރުއަރީ މަހުގެ ނިޔަލަށް، ށ. މިލަންދޫ، ނ. މަނަދޫ، ބ. ތުޅާދޫ، ވ. ފެލިދޫ، ތ. ހިރިލަންދޫ، ރ. ދުވާފަރު، އއ. މަތިވެރި، މ. މުލައް، ދ. ކުޑަހުވަދޫ އަދި ލ. ގަމުގައި ސެޓަޕް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވަނީ، ތެލަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅުއްވައި، މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، މަދުވެގެން ކޮންމެ އަތޮޅަކުން އެއް ރަށުން އެސް.ޓީ.އޯ ރޭޓުގައި ތެޔޮ ފޯރުކޮށްދޭ ނިޒާމެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޭރިއްޔާގެ ރިޔާސީ ވަޢުދެއްކަން ހަނދުމަފުޅުކޮށް އަރުވާފައެވެ. މަސްވެރި ސިނާޢަތުގައި މިހާތަނަށް އޮތް ވަގުތީ ޙައްލު ހޯދުމުގެ ޘަޤާފަތް ނައްތާލައި، ދާއިމީ ޙައްލު ހޯދައިދިނުމުގެ ތަޞައްވުރެއް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) މެދުވެރިކޮށް، މަސްވެރިންނަށް ބޭނުންވާ ތެޔޮ، ހެޔޮ އަގުގައި ވިއްކުމަކީ، ދިވެހީންގެރާއްޖެ މެނިފެސްޓޯގައިވެސް ހިމަނާފައިވާ މުހިންމު ނުކުތާއެކެވެ. މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން