މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު މެޗުތަކަށްފަހު ކ. އަތޮޅުގެ ޗެމްޕިއަން ގާފަރުގެ އިތުރުން ފުވައްމުލަކު، މާލެގަން ޓީމާއި އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށި އަދި ދ. ކުޑަހުވަދޫ އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ގާފަރުން 4-0 އިން މާފަންނު ބަލިކުރިއިރު، ހުޅުމާލެ އަތުން މާލެގަން މޮޅުވީ 3-1 އިންނެވެ. ތިމަރަފުށިން 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރ. ދުވާފަރު އަތުން މޮޅުވިއިރު، ބ. އޭދަފުށްޓާއި ކުޑަހުވަދޫ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 4-4 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީ ޖަހައިގެން ކުޑަހުވަދޫ މޮޅުވީ 3-2 އިންނެވެ.
މާފަންނު ކޮޅަށް ގާފަރުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ނާއިހު މުފީދު (ނާހް) އާއި އަލީ މާއިސް (މައްޓު) ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލްޖެހިއެވެ. މި މެޗުގެ ދެވަނަ ހާފު ނިމެން ދަނިކޮށް ހިނގި ހަމަނުޖެހުމަކާއި ގުޅިގެން މާފަންނު ޓީމުގެ ޔާމީން މުހައްމަދު (ޔާންޓޭ)ގެ އިތުރުން އެ ޓީމުގެ ބެންޗުގައި އިން އެހެން ކުޅުންތެރިއަކަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ.
މާލެގަން އިން ރޭގެ މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން އިބްރާހިމް ވިޝާހު ދެ ގޯލް ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑުޖަހައިދިނީ އިބްރާހިމް އަރީޝް (އަރީއްޓޭ) އެވެ. ހުޅުމާލެ ޓީމުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ރައްޒާން އެވެ.
މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ތިމަރަފުށިން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް ފަސް ލަނޑުޖެހިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިބްރާހިމް އަސްވަދު (ގަބޭ) ހެޓްރިކް ހެދިއިރު، އާދަމް ނާސިހު (އާދަންނާ) ދެ ގޯލާއި އިސްމާއިލް މުނީޒް (ޓްރީ) އާއި އަލީ ޝިފާއު (ރޮނާ) އަދި ސިޔާދު ކުރެން ކޮންމެ ކުޅުންތެރިއަކު ލަނޑެއްޖެހިއެވެ. ދުވާފަރު ޓީމުގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު އިސާމް އާއި މުހައްމަދު ޖުމާން އަހުމަދު އެވެ.
ކުއާޓާ ފައިނަލްގެ އެންމެ ފޯރިގަދަވި އޭދަފުށްޓާ ދެކޮޅަށް ކުޑަހުވަދޫ ކުޅުނު މެޗުގައި އެ ޓީމުގެ ޖުމައިލް ޖަމީލް (ޖުމްބެ) އާއި އަރީޝް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއެވެ.
ރޭގެ މެޗުތައް ނިމުމާއެކު ސެމީގައި ކުޅެން ޖެހޭ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. ސެމީގެ ފުރަތަމަ މެޗުގައި ފުވައްމުލަކު، މާލެގަންއާ ދެކޮޅަށް ގާފަރު ނިކުންނައިރު ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށި ނިކުންނާނީ ކުޑަހުވަދޫއާ ދެކޮޅަށެވެ.
